ހަބަރު

ފާރިސް ރިޝްވަތު ދިން ދުވަހެއް ތަހުގީގަށް ނުހޯދުނު

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދެއްވިކަން އެ މެންބަރު ތަހުގީގަށް ދެއްވާފައިވާ ބަޔާނުން އެނގޭ ކަމަށާއި ނަމަވެސް ރިޝްވަތު ދެއްވި ދުވަހާއި ވަގުތު ފުލުހުންގެ ތަހުގީގަށް ހޯދިފައިނުވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުން މިއަދު ޝަރީއަތުގައި ބުނެފި އެވެ.

ފާރިސްގެ މައްޗަށް އުފުލާފައިވާ ރިޝަވަތު ދިނުމުގެ ދައުވާ އިއްވަމުން ޕީޖީގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވީ، ފާރިސްގެ މައްޗަށް ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދީފައިވާތީ ކަމަށާއި ރިޝްވަތު ދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރެވޭނީ 42 މެންބަރުން ސޮޔާއެކު ހުށަހެޅުމުން ކަމަށް މަޖިލީހުގެ ގަވައިދު ބަދަލުކުރި ފަހުން ކަމަށެވެ.

ދައުވާ އިއްވުމުން ފާރިސް ކޮޅަށް ތެދުވެވަޑައިގެން ވިދާޅުވީ، އޭނާއަށް ދައުވާ ސާފުނުވާ ކަމަށެވެ. އޭނާ ކުރި ކުށެއް ނުވަތަ ކުށަކަށް ވަނީ އޭނާގެ ކޮން އަމަލެއް ކަމެއް ދައުލަތުން ސާފުނުކޮށްދޭ ކަމަށެވެ. އަދި ރިޝްވަތު ދިން ކަމަށް ދައުލަތުން ބުނަނީ ކޮން ދުވަހަކު ހިނގި ކޮންކަމަކާ ގުޅިގެންކަން ސާފުނުވާ ކަމަށެވެ.

އެކަމާ ގުޅިގެން ޕީޖީގެ ވަކީލް އައިޝަތު ވިދާޅުވީ، ދައުވާގެ ސީގާގައި ފާރިސް ރިޝްވަތު ދިން ދުވަސް ބުނެފައިނުވަނީ އެ ދުވަސް ފުލުހުންގެ ތަހުގީގަށް ހޯދިފައިނުވާތީ ކަމަށެވެ. ނަމަވެސް އެކަން ހިނގައިދިޔަ ގޮތާއި ހުށެހެޅި ފައިސާގެ އަދަދު ފަދަ ތަފްސީލްތައް ހެކި ބަސް ނަގާއިރު ލިބިގެންދާނެ ކަމަށެވެ.

ޕީޖީގެ ވަކީލަށް ރައްދު ދެއްވަމުން ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ދައުވާގެ ސީގާގައި ހާދިސާ ހިނގާދިޔަ ތާރީހާއި ވަގުތާއި ތަން އޮންނަންޖެހޭނެ ކަމަށެވެ. އެ މައުލޫމާތުތައް ނެތުމަކީ ދުއުވާ ފުރިހަމަނުވުން ކަމަށެވެ. އަދި ހާދިސާ ހިނގި ދުވަސް ތަހުގީގަށް ހޯދިފައިނުވާ ކަމަށް ދައުލަތުން ބުނާ ކަމަށްވާނަމަ އެއީ ފުރިހަމަ ތަހުގީގެއް ނުކުރެވި އޮތުން ކަމަށެވެ. މީހެއްގެ މައްޗަށް ދައުވާކުރާއިރު ތަހުގީގު ފުރިހަމަވެފައިވޭތޯ ޕީޖީއިން ކަށަވަރުކުރަންޖެހޭނެ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ، އޭނާއަށް ދައުވާއަށް ސާފުނުވާ ކަމަށާއި ނަމަވެސް އޭނާ އެއްވެސް ޖިނާއީ ކުށެއް ކޮށްފައިނުވާނެތީ ދައުވާއަށް އިންކާރުކުރާ ކަމަށެވެ. ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ފާރިސްއަށް ދިފާއު ތައްޔާތުކުރަން އެނގޭނީ އޭނާ ކުށްކުރި އިރާއި އެކަމުގެ ތަފްސީލްތައް އެނގިގެން ކަމަށެވެ.

ވަކީލް އައިޝަތު ވިދާޅުވީ، ފާރިސްގެ މައްޗަށް ދައުވާކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ (ށ)އާ ހަވާލާދީ (ރ) ދަށުން ކަމަށްވާއިރު، އެ މާއްދާގެ ދަށުން ދައުވާކުރާއިރު ރިޝްވަތު ދިން ފައިސާގެ އަދަދު ހުށަހަޅަން ލާޒިމްނުވާ ކަމަށެވެ. ނަމަވެސް އެއީ ކިހާ ފައިސާއެއްކަން ވެސް ކުރިއަށް ހުރި މަރުހަލާތަކުގައި އެނގިގެން ދާނެ ކަމަށެވެ.

ދައުލަތުން ވަނީ މި މައްސަލާގައި ފާރިސްއާ ދެކޮޅަށް ނުވަ ހެއްކެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ސިއްރު ހެކިވެރިއެއް ވެސް ހިމެނެ އެވެ. ދައުލަތުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު އެއީ ފާރިސް ރިޝްވަތު ދެއްވި ކަމަށް ބުނާ މަޖިލިސް މެންބަރެވެ. އެ މެންބަރު ދެއްވި ބަޔާން ވެސް ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ. އޭގެ އިތުރުން ފާރިސް ދިރިއުޅުއްވާ އެޕާޓްމެންޓް ބަލާ ފާސްކުރުމަށް ދިޔަ ތިން ފުލުހެއް ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ. އެއީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ސޮއިކުރި މެންބަރުންގެ ލިސްޓް ހިމެނޭ އޭފޯ ސައިޒްގެ ކަރުދާހެއް އެ އެޕާޓްމެންޓްގެ ތެރެއިން ފެނިފައިވާކަން ސާބިތުކޮށްދިނުމަށެވެ.

އޭގެއިތުރުން މި މައްސަލާގައި ހައްޔަރުކުރި ޖުމްހޫރީ ޕާޓީގެ އާންމު މެންބަރު، ލ. ފޮނަދޫ، ސްވީޓްފްލާވާ، އަހުމަދު ޝާފިއުގެ ފޯނުން ފެނުނު މައްސަލައާ ގުޅޭ ފޮޓޯތަކަކާއި މެސެޖްތަކެއް ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.

މި މައްސަލާގައި ދެން އޮންނާނީ ޝަރީއަތުގެ ކުރިން ދައުވާ ލިބޭ ފަރާތުން ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމެވެ. އެކަމަށް ޝަރީއަތުން ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހާ ހަމައަށް ފުރުސަތުދީފަ އެވެ. އަދި އެ ކަންކަމަށް ދައުވަތުން ޖަވާބުދާރީވުމަށް އަންމަ މަހުގެ 24 ވަނަ ދުވަހަށް ވަނީ އަޑުއެހުން ތާވަލުކޮށްފަ އެވެ.