ބޮލީވުޑް

ކަޕިލް ދޭވްގެ ބައޮޕިކް ކުޅެން ރަންވީރަށް ލިބިއްޖެ

Sep 26, 2017

"އޭކް ތަ ޓައިގާ" ގެ ޑައިރެކްޓަރު ކަބީރް ޚާން އެންމެ ފަހުން އުފެއްދި ފިލްމު "ޓިއުބްލައިޓް" އަށް ބޮކްސް އޮފީހުގައި ލިބުނު ބޮޑު ނާކާމިޔާބީ އާއެކު އޭނާ ދެން އުފައްދަން ނިންމާފައިވަނީ މުޅިން ތަފާތު ޖޮންރާއެއްގެ ފިލްމެކެވެ.

އިންޑިއާގެ ކްރިކެޓް ލެޖެންޑް ކަޕިލް ދޭވްގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދާ އެ ފިލްމުގައި ކަޕިލްގެ ރޯލު ކުޅޭނެ ތަރިޔަކު މިހާރު ވަނީ ކަނޑައަޅާފަ އެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް އިއްޔެ ކުރި ޓްވީޓެއްގައި ވަނީ 1983 ވަނަ އަހަރު އިންޑިއާ އަށް ވޯލްޑް ކަޕް ހޯދައިދިން ކެޕްޓަން، ކަޕިލްހެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި އޭނާގެ ރޯލުން ފެނިގެންދާނީ ޒުވާން އެކްޓަރު ރަންވީރު ސިންގް ކަމަށް ބުނެފަ އެެވެ.

ކަޕިލްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު އިއުލާން ކުރުމާއެކު އޭނާގެ ރޯލުން ފެނިގެންދާނީ އަރްޖުން ކަޕޫރު ކަމަށް ވާހަކަތައް ދެކެވުނެވެ. ނަމަވެސް ކަބީރް އެ ރޯލު ކުޅެން ހަމަޖެއްސި ތަރިއަކީ ރަންވީރެވެ.

އިންޑިއާގެ ކްރިކެޓް ތާރީހުގައި އުފެދުނު އެންމެ ކާމިޔާބު ކްރިކެޓްކުޅުންތެރިޔާގެ ގޮތުގައި މަޝްހޫރު ކަޕިލްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި ފެނިގެންދާނީ ކްރިކެޓް ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ވިދައިގެން އައި ދުވަސްވަރެވެ.

މި ފިލްމާ ގުޅޭގޮތުން މުމްބައި މިރާ ނޫހަށް ދިން އިންޓަވިއުއެއްގައި ކަބީރް ވަނީ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ނިމިފައިވާ ކަމަށާއި ރަންވީރަށް ވުރެން މޮޅަށް ކަޕިލްގެ ރޯލު ކުޅެވޭނެ އިތުރު ތަރިޔަކު ނެތް ކަމަށެވެ.

ރަންވީރު މިހާރު އަންނަނީ ލޯބިވެރިޔާ ދިޕިކާ ޕަދުކޯން އާއި ޝާހިދު ކަޕޫރާ އެކު ކުޅޭ "ޕަދްމާވަތީ" ގެ އެންމެފަހުގެ މަންޒަރުތައް ޝޫޓްކުރަމުންނެވެ. ކަބީރްގެ ފިލްމުގެ އިތުރުން ރަންވީރު ކުރިއަށް ކުޅެން ހަމަޖެހިފައި އޮތް ދެވަނަ ފިލްމަކީ ޒޯޔާ އަހްތަރު ޑައިރެކްޓްކުރާ "ގަލީ ބޯއި" އެވެ.

ދެހާސް ދިހަ ވަނަ އަހަރު "ބޭންޑް ބާޖާ ބާރާތް" އިން ބޮލީވުޑަށް ނިކުތް ރަންވީރު ވަނީ މިހާތަނަށް ތަފާތު އެކި ކެރެކްޓާތަކުގެ ފިލްމުތައް ކުޅެފަ އެވެ. ނަމަވެސް މި ފިލްމަކީ ކުޅިވަރެއްގެ މައްޗަށް އޭނާ ކުޅޭ ފުރަތަމަ ފިލްމެވެ.