ބޮލީވުޑް

ސަރޮގެސީ މެދުވެރިކޮށް ސަލްމާން ދަރިޔަކު ހޯދަނީ

Sep 26, 2017
4

ސުޕަސްޓާ ސަލްމާން ޚާންގެ ފޭނުން އެންމެ އިންތިޒާރުކުރާ ދުވަހަކީ އޭނާ ކައިވެންޏެއްކޮށް ޒަވާޖީ ހަޔާތެއް ފަށާ ދުވަހެވެ. މި އަހަރުގެ ޑިސެމްބަރުގައި ސަލްމާނަށް 52 އަހަރު ފުރޭއިރު ކައިވެނިކުރުމުގެ އެއްވެސް ހިޔާލެއް އޭނާ އަދިވެސް ނުގެން ގުޅެ އެވެ.

އެތަކެއް ބަތަލާއިންނާ ލޯބީގެ ގޮތުން ގުޅިގެން ސަލްމާން އުޅުނު ނަމަވެސް އެއިން އެއްވެސް ތަރިއަކާ އެކު އޮތް ގުޅުމެއް ކައިވެންޏަކާ ހަމައަށް ނުދެ އެވެ. ބަތަލާ ކެޓްރިނާ ކައިފާ ލޯބީގެ ގޮތުން ގުޅިގެން އުޅެނިކޮށް ކެޓްރީނާ އޭނާ ދޫކޮށްލުމުން ހިތްހަލާކުވެފައި ހުއްޓައި ދިމާވި ރޮމޭނިއާގެ އިއުލިއާ ވަންތޫރާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެތަކެއް އަހަރެއްވެއްޖެ އެވެ.

އުމުރުން ކިތަންމެ މައްޗަށް ދިޔަޔަސް ކައިވެނިކުރަން ކުރަން ސަލްމާން ބޭނުންނުވިޔަސް ދަރިޔަކު ހޯދަން އޭނާ ބޭނުންވެ އެވެ. އެގޮތުން އޭނާ ވަނީ ދަރިޔަކު ހޯދަން ވަރަށް ބޭނުންވާ ކަމަށް ބުނެފަ އެވެ.

ސަލްމާން ވަނީ ދަރިޔަކު ހޯދަން އޭނާ ބޭނުންވަނީ ސަރޮގޭސީ މެދުވެރިކޮށް ކަމަށާއި އުމުރުން ފަންސާހުން މައްޗަށް ގޮސްފައި ހުރި ކަމަށް ވިޔަސް އޭނާ އަދި ދަރިޔަކު ހޯދަން މުސްކުޅި ނޫން ކަމަށް ބުނެފަ އެވެ.

ކުއްޖަކު ހޯދަން ބޭނުންވާލެއް ބޮޑުކަން ހާމަކުރަމުން ސަލްމާން ވަނީ ކުރިއަށް ދެ ތިން އަހަރެއްގެ ތެރޭގައި އޭނާ އަށް ކުއްޖަކު ލިބޭނެ ކަމަށެވެ. އަދި މިހާ ބޮޑު ނިންމުމެއް ނިންމީ އޭނާގެ މަންމަ އާއި ބައްޕަ އޭނާ ކައިވެންޏެއްކޮށް ދަރިޔަކު ލިބޭތަން ބެލުމުގެ ހުވަފެން ދެކޭތީ ކަމަށެވެ.

"ކައިވެނިކުރުމުގެ ވިސްނުމެއް ސަލްމާންގެ ނެތް. އެހެންވެ ކުއްޖަކު ހޯދަން އޭނާ ނިންމީ ސަރޮގެސީ މެދުވެރިކޮށް،" ސަރޮގެސީ މެދުވެރިކޮށް ސަލްމާން ދަރިޔަކު ހޯދަން އުޅޭކަން އެނގޭ ފަރާތަތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.

ސަރޮގެސީ މެދުވެރިކޮށް ބޮލީވުޑްގެ ބައެއް ތަރިން އަންނަނީ ކުދިން ހޯދަމުންނެވެ. ޝާހްރުކް ޚާން އާއި އާމިރް ޚާންގެ ހަނގު ދެ ކުދިން ކަމަށްވާ އަބްރާމް އާއި އަޒަދް އަކީ ވެސް ސަރޮގޭޓް މަންމައިން މެދުވެރިކޮށް ހޯދާފައިވާ ދެ ކުދިންނެވެ. އަދި އެކްޓަރު ތުޝާރް ކަޕޫރާއި ޑައިރެކްޓަރު ކަރަން ޖޯހަރު ވެސް ވަނީ ސަރޮގެސީ މެދުވެރިކޮށް ކުދިން ހޯދާފަ އެވެ. ކަރަން ޖޯހަަރަށް ސަރޮގެސީ މެދުވެރިކޮށް ލިބިފައިވަނީ އެއް މާބަނޑު ދެ ކުދިންނެވެ.

ސަލްމާންގެ އެއްބަނޑު އެއްބަފާ ހުރިހާ އެންމެން މީހުންނާ އިނދެ ދަރިން ތިބެ އެވެ. އޭނާ އަކީ ކުޑަކުދިންނާ ހެދި ވަރަށް ފޯރި ހުންނަ މީހެއް ކަމުން އެ ކުދިންނާ އެކު ވަރަށް ގިނައިން ވަގުތު ހޭދަކުރެ އެވެ.