ބޮލީވުޑް

ނުހިނގާނެ ކަމަށް ބެލި "ނިއުޓަން" ކުރީގައި

Sep 26, 2017

ހުކުރު ދުވަހު ބޮޑު ދެ ފިލްމަކާ އެކު ރިލީޒްކުރި ރާޖްކުމާރު ރާއޯގެ "ނިއުޓަން" ބެލެވުނީ އެ ތިން ފިލްމުގެ ތެރެއިން އެންމެ ބޮޑު ނާކާމިޔާބު ލިބޭނެ ފިލްމަށެވެ. ސަބަބަކީ އަނެއް ދެ ފިލްމަކީ ސަންޖޭ ދަތާއި ޝްރަދާ ކަޕޫރުގެ ފިލްމަކަށް ވުމެވެ. ގިނަ ބަޔަކު އެ ދެ ފިލްމު ބަލަން ވަންނާނެތީ ރާޖްކުމާރުގެ ފިލްމު ފްލޮޕްވާނެ ކަމަށް މާ ކުރިން އޮތީ ނިންމާފަ އެވެ.

އިންޑިއާގެ ރަށްފުށު ހިސާބެއްގައި އަމާން ކަމާއެކު އިންތިހާބެއް ބާއްވަންދާ އިންތިހާބީ އޮފިޝަލަކަށް ދިމާވާ ހާދިސާތަކެއް ފެނިގެންދާ މި ފިލްމު ކާމިޔާބު ނުވާނެ ކަމަށް ޓްރޭޑް އެކްސްޕާޓުން ވެސް ލަފާކުރީ އަނެއް ދެ ފިލްމާ ގާތްކުރާ ވަރަށް ވެސް "ނިއުޓަން" ޕްރޮމޯޓް ކޮށްފައި ނުވާތީ އެވެ.

އެގޮތުން ފިލްމު ރިލީޒްކުރި ދުވަހު ލިބުނު ދަށް އާމްދަނީގެ ސަބަބުން މި ފިލްމު ފްލޮޕްވާނެ ކަމަށް ބެލެވުނު ނަމަވެސް ފުރަތަމަ ހަފްތާ ބަންދު ނިމުނިއިރު ސަންޖޭގެ "ބޫމީ" އާއި ޝްރަދާގެ "ހަސީނާ" އަށް ވުރެން ބޮޑު ކާމިޔާބީއެއް "ނިއުޓަން" ވަނީ ހޯދާފަ އެވެ.

މާކުރިން ފްލޮޕް ވާނެ ކަމުގެ ޓެގު އެޅުވި "ނިއުޓަން" އަށް ބޮކްސް އޮފީހުގައި ދެ ކާމިޔާބެއް ލިބުނީ ފިލްމުގެ ބެލި ފަރާތްތަކުން ފިލްމުގެ ވާހަކައިގެ މޮޅު ކަމާއި ރާޖްކުމާރުގެ އެކްޓިންގެ މޮޅު ވާހަކަތައް ދައްކަން ފެށުމުން ފިލްމަށް ބެލުންތެރިންގެ މެދުގައި ޝައުގުވެރިކަން ކުއްލިއަކަށް ބޮޑުވެގެނެވެ. އަދި މި ފިލްމު އޮސްކާ އެވޯޑް ހާފްލާގައި ދައްކާލާ ހިންދީ ފިލްމުގެ ގޮތުގައި ހޮނިހިރު ދުވަހު ނޮމިނޭޓް ވުމާއެކު ފިލްމުގެ ތަރުހީބު ބޮޑުވި އެވެ.

"ނިއުޓަން" ގެ ޓްރެއިލާ:

މީގެއިތުރުން ވެސް ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި ޑައިރެކްޓަރުން ވަނީ މި ފިލްމު މޮޅު ކަމަށް ބުނެ ތައުރީފު އޮއްސާފަ އެވެ.

ފުރަތަމަ ދުވަހު "ނިއުޓަން" އަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 96 ލައްކަ ރުޕީޒް އެވެ. އަދި ތައުރީފުގެ ބަސްތަކާ އެކު ހޮނިހިރާއި އާދީއްތައިގައި ފިލްމަށް ލިބުނު އާމްދަނީ ބޮޑުވެ ވަނީ 2.52 ކްރޯޑާއި 3.42 ކްރޯޑް ލިބިފަ އެވެ. ފުރަތަމަ ހަފްތާ ބަންދު ނިމުނުއިރު މި ފިލްމަށް ޖުމްލަ އާމްދަނީގެ ގޮތުގައި 6.90 ކްރޯޑް ލިބިފައިވާއިރު މިއީ އަނެއް ބޮޑު ދެ ފިލްމާ އަޅާ ބަލާއިރު ވަރަށް ބޮޑު އަދަދެކެވެ.

"ނިއުޓަން" ރިލީޒްކޮށްފައިވަނީ ޖުމްލަ 430 ސްކްރީނުގަ އެވެ.