ހަބަރު

ރައީސް ޔާމީން ވަނީ ސިންގަޕޫރްގެ ލީޑަރާ ފައި ހަމަކޮށްފައި: ޒަމީރު

ސިންގަޕޫރްގެ ތަރައްގީގެ ބާނީ، ލީކުއަންޔޫއާ އެއް ހަމައެއްގައި ފައި ސާބިތުކޮށްލެވޭނެ މި ސަރަހައްދުގެ ދެވަނަ ލީޑަރަކީ ރައީސް އަބްދުﷲ ޔާމީން ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި އެވެ.

ކޫއްޑޫގައި ތަރައްގީކޮށްފައިވާ މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ރައީސްގެ އިގްތިސޯދީ ވިސްނުންފުޅާއި ހަރުދަނާ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ބޮޑެތި އިންވެސްޓްމެންޓްތައް އަންނަމުންދާ ކަމަށާއި މި ސަރުކާރަށް އިންވެސްޓަރުންކުރާ އިތުބާރު ބޮޑުވެފައިވާ ކަމަށެވެ.

"އިގްތިސޯދީ ގޮތުން މީގެކުރިން ދުވަހަކު ވެސް ނުދެކޭވަރުގެ ތަރައްގީތަކެއް ގެނެސްދީފައިވަނީ ހަމަ މަނިކުފާނު، މަނިކުފާނުގެ އިގްތިސޯދީ އެޖެންޑާގެ ހަރުދަނާކަމުން ބޭރުގެ ބޮޑެތި ކުންފުނިތައް ހާއްސަކޮށް ސިންގަޕޫރް ފަދަ ގައުމުތަކުގެ އިންވެސްޓަރުން މިދަނީ ރާއްޖޭގައި އިންވެސްޓްކުރަމުން، މިއީ އެ ފަރާތްތަކަށް އޮތް ރައްކާތެރިކަމާއި ރާއްޖޭގެ އިގްތިސޯދަށް ކުރާ އިތުބާރު ރަމްޒުކޮށްދޭ ހެއްކެއް،" މޫސާ ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ، ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރާ ކުންފުނިތަކުން ވެސް މި ސަރުކާރަށް ކުރާ އިތުބާރު ބޮޑު ކަމަށެވެ. އޭގެ އެންމެ ފާހަގަކޮށްލެވޭ ސަބަބަކީ އެހެން ސަރުކާރުތަކާ ހިލާފަށް މި ސަރުކާރުން ރާއްޖޭގެ ކަންކޮޅުތަކުގައި ގާއިމުކުރާ އިންފްރާސްޓްރަކްޗާއަކީ މި ޒަމާނާ ގުޅޭ އަމިއްލަ ކުންފުނިތަކުން ބަލައިގަންނަ ކަންކަމަށްވުން ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށާއި އޭގެ ނަތީޖާ ވެސް ފެންނަމުންދާ ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމް ދުވަހެއް ދުވަހަކުން ދަނީ ކުރިއަރަމުން ކަމަށެވެ. މި ސަރަހައްދަށް އިގްތިސޯދީ ގޮތުން އެންމެ ބޮޑު އިންގިލާބެއް ގެނައި ލީޑަރަކީ ސިންގަޕޫރްގެ ކުރީގެ ބޮޑު ވަޒީރުކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ، އެ ބޭފުޅާ ފައި ހަމަކޮށްލެވޭނެ މި ސަރަހައްދުގެ ދެވަނަ ލީޑަރަކީ ރައީސް ޔާމީން ކަމަށެވެ.