ކުޅިވަރު

ކޮލިފައިވުމުގެ އުންމީދު އަދިވެސް އެބައޮތް: ގައުމީ ކޯޗް

Sep 26, 2017

ކުރިއަށް އޮތް އޮމާން މެޗަކީ އޭޝިއަން ކަޕް ކޮލިފައިވުމަށް ލިބޭ ފަހު ފުރުސަތު ކަމަށާއި، އަދިވެސް ކޮލިފައިވުމުގެ އުންމީދު ދޫކޮށް ނުލާ ކަމަށް، ގައުމީ ޓީމުގެ ކޯޗް ޑަރެން ސްޓްވާޓް ބުނެފި އެވެ.

އޮމާން އާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގް މެޗު އޮންނާނީ އަންނަ މަހު 10 ވަނަ ދުވަހު މާލޭގަ އެވެ. އެ ގައުމުގައި ކުޅުނު ފުރަތަމަ ލެގް މެޗުން ރާއްޖެ ބަލިވީ 5-0 ން ނެވެ.

"އަހަރެން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ބުނަމުން މި އަންނަނީ، އަހަރުމެންނަށް މިކަން ވާން އެންމެ ފުރުސަތެއް އޮއްވައިވެސް އަހަރެން ގިވްއަޕް ނުކުރާނަން،" އިއްޔަ މީޑީއާ ވާހަކަ ދައްކަމުން ކޯޗް ބުންޏެވެ. "ކުރިއަށް މިއޮތީ ތިން މެޗު، އޭގެ ތެރޭގައި އިންތިހާއަށް އުނދަގޫ ދެ މެޗު، ދެ މެޗު އަމިއްލަ ދަނޑުގައި، އަމިއްލަ ދަނޑުގައި ކުޅޭއިރު އިތުރު ހިތްވަރެއް ލިބޭނެ އަހަރެން ބުނާނީ ހުރިހާ ސަޕޯޓަރުންވެސް ދަނޑަށް އަންނާށޭ."

ކޯޗް ބުނީ، ރާއްޖެ އޭޝިއަން ކަޕް ކޮލިފައިން ބުރަށް ދާނެކަމަށްވެސް ގިނަ ބޔަކު އުންމިދު ނުކުރާ ކަމަށާއި ނަމަވެސް ލިބުނު ފަހު ފުރުސަތުގައި، އޭޝިއަން ކަޕް ކޮލިފައިން ބުރުން ޖާގަ ކަށަވަރު ކުރުމުން، މިފަހަރުވެސް އުންމީދު ކުރާ ކަމަށެވެ.

"އަހަންނަށްވެސް އެނގޭ މިއީ ފަހު ފުރުސަތު ކަން، ނަމަވެސް ހިސާބުތަކުންނާއި އަދަދުތަކުން އަހަރެމެންނަށް ފުރުސަތު ނެތް ކަން ޔަގީންވީމަ ނޫނީ އަހަރެމެން އުންމީދު ދޫކޮށެއް ނުލަން، އަހަރެން އުންމީދު ކުރަނީ ރަނގަޅު ކެރެކްޓާ ތަކާއެކު އެނބުރި އާދެވޭނެ ކަމަށް."

ކޮލިފައިން ބުރުގައި، ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ ބަލި ވެފަ އެވެ. ރާއްޖެ މޮޅުވީ ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. ފުރަތަމަ މެޗުގައި، އަމިއްލަ ދަނޑުގައި، ފަލަސްތީން އަތުން ރާއްޖެ ބަލިވީ 3-0 ން ނެވެ. ދެ ވަނަ މެޗު ބޫޓާންގައި ކުޅެ ރާއްޖެ މޮޅުވީ 2-0 ން ނެވެ.

ގުރޫޕް އެއް ވަނައިގައި އޮތީ، ކުޅުނު ތިން މެޗުވެސް ކާމިޔާބު ކޮށް ނުވަ ޕއޮިންޓާއެކު އޮތް ފަލަސްތީނެވެ. އޮމާން އަށް ލިބިފައި ވަނީ ހަ ޕޮއިންޓެވެ.