ކުޅިވަރު

މޯލްޑިވިއަން އާއި ސީލައިފް ފައިނަލަށް

Sep 26, 2017

މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ދެ ވަނަ ބުރުގައި ސީލައިފް ސްޕޯޓްސް ކުލަބާއި މޯލްޑިވިއަން ރެކްރިއޭޝަން ކުލަބު ކުޅުނު ދެ ވަނަ މެޗުވެސް ކާމިޔާބު ކޮށް ފައިނަލަށް ދަތުރު ކޮށްފި އެވެ.

އިއްޔަ ހަވީރު، ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާ ދެކޮޅަށް ކުޅުނު މެޗު ސީލައިފް ކާމިޔާބު ކުރީ، 3-1 ސެޓުން ނެވެ. ފުރަތަމަ ސެޓް، ޑީއެސްސީ ކާމިޔާބު ކުރީ 25-15 ން ނެވެ. ޖެހިގެން އައި ތިން ސެޓް ސީލައިފް ކާމިޔާބު ކުރީ، 25-20، 25-23 އަދި 25-19 އިން ނެވެ.

އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސީލައިފްގެ އިޝާން މުހައްމަދު (ބެޓިސް) އެވެ.

ރޭ ޕޮލިސް ކުލަބު ކުޅުނު މެޗު، މޯލްޑިވިއަން ކާމިޔާބު ކުރީ، 3-1 ސެޓުން ނެވެ. ފުރަތަމަ ސެޓް ވަރަށް ވާދަވެރިކޮށް ދިޔައިރު، މޯލްޑިވިއަން ސެޓް ކާމިޔާބު ކުރީ 29-27 ން ނެވެ. ދެ ވަނަ ސެޓް މޯލްޑިވިއަން ކާމިޔާބު ކުރީ، 25-21 ން ނެވެ. ތިން ވަނަ ސެޓް ކާމިޔާބު ކޮށް، މޯލްޑިވިއަން އަށް މެޗު ކާމިޔާބު ކުރެވެން އޮތް ނަމަވެސް، އެ ސެޓް ޕޮލިސް ކުލަބު ކާމިޔާބު ކުރީ، 25-23 ން ނެވެ. ޖެހިގެން އައި ހަތަރު ވަނަ ސެޓް 25-14 އިން ކާމިޔާބު ކޮށް މޯލްޑިވިއަން މެޗު ކާމިޔާބު ކޮށް ފައިނަލުގެ ޖާގަ ޔަގީން ކުރި އެވެ.

އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، މޯލްޑިވިއަންގެ މުރާދު ޖީހަން އެވެ.

އެ ދެމެޗުން ބަލިވި، ޕޮލިހާއި ޑީއެސްސީ ވާދަ ކުރާނީ މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގަ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ޕޮލިހާއީ ޑީއެސްސީ ނިކުންނާނެ އެވެ. ދެ ވަނަ ބުރުގެ އެއް ވަނަ ޓީމަކީ ކޮބައިކަން އެނގިގެން ދާނީ، މިރޭ، މޯލްޑިވިއަން އާއި ސީލައިފް ކުޅޭ ފޯރިގަދަ މެޗުން ނެވެ. މިއަދުގެ މެޗުތަކަކީ ފައިނަލް މެޗާއި ތިން ވަނަ ހޮވާ މެޗުގެ ރީކެޕަކަށް ވުން އެކަށީގެން ވެއެވެ.