ރީކޯ މޫސާ މަނިކު

ހަގީގީ ޑިމޮަކްރަސީއަކީ ޕީޕީއެމް: ރީކޯ މޫސަ

Sep 26, 2017
10

ވަކި ބަޔަކަށް ފައިދާ ހޯދައިދޭން ފޮޓޯތަކެއް ހިފައިގެން ނުކުމެ ކަންކަން ހަލަބޮލި ކުރުމަކީ ޑިމޮކްރަސީއެއް ނޫން ކަމަށާއި ޑިމޮކްރަސީއަކީ ޕީޕީއެމް ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ގއ. ކޮލަމާފުއްޓަށް ރައީސް އަބްދުﷲ ޔާމީން ވަޑައިގަތުމުން އެ ރަށުގައި މިއަދު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ޑިމޮކްރަސީގެ ނަމުގައި ފޮޓޯއެއް ހިފައިގެން އެ ފަރާތްތައް ޖަލުގައި ތިބި ކަމަށް ބަޔަކަށް ދައްކައިގެން ކުރިޔަށް ދާން ކަމަށެވެ. ނަމަވެސް އެއީ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ހުރި މަސައްކަތްތެއް ނޫން ކަމަށާއި ޑިމޮކްރަސީއަކީ ވަކި ބަޔަކަށް ގެނައި ނިޒާމެއް ނޫން ކަމަށެވެ.

މޫސަ ވިދާޅުވީ ޑިމޮކްރަސީގެ މައިގަނޑު އަސާސަކި ރައްޔިތުންނަށް އެންމެ ކައިރިން ހިދުމަތްތަކެއް ދިނުމާއި ހަމަހަމަ ފުރުސަތުތައް ކޮންމެ ރައްޔިތަކަށް ވެސް ހުޅުވާލުން ކަމަށާއި އެހެންކަމުން "ޑިމޮކްރަސީއަކީ ޕީޕީއެމް" ކަމަށެވެ.

"ކޮންމެ ސިޔާސީ މީހަކު އަރުވާޖަހާބަހައްޓާ ދުވެފަ ގޮސް މީސްމީހުނާ ދިމާލަށް ހަޅޭއްލަވާފަައި ދިޔުމެއް ނޫން ޑިމޮކްރަސީއަކީ، އެހެންވީމަ ރާއްޖޭގެ ރައްޔިތުން މިއަދު ވިސްނަން ޖެހޭ، ޑިމޮކްރަސީއަކީ ވަކި ބަޔަކަށް ގެނައި އެއްޗެއް ނޫން، ހަގީގީ ޑިމޮކްރަސީއަކީ އަޅުގަނޑުމެންގެ މި ޕާޓީ، ވަޑައިގަންނަވާ މި ޕާޓީ ތެރޭގައި އެބައޮތް ޑިމޮކްރަސީގެ ފުރުސަތު އެހެންވެގެން އަޅުގަނޑު މިހުރީ މި ޕާޓީގައި،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ރައްޔިތުން މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ޕީޕީއެމްއަށް ނަގާނެ ކަމަށާއި ރައްޔިތުން ތިބެންވީ ޕީޕީއެމާއެކުގައި ކަމަށެވެ.