ރީކޯ މޫސާ މަނިކު

މޫސަގެ ރައްދެއް ޕީޕީއެމަށް: އެލާޓްގެ މައުލޫމާތު ހާމަކުރާކަށް ނުޖެހޭ

ސިފައިން ހިންގަންޖެހޭ ސަލާމަތީ އެއްވެސް ކަމަކީ އިތުރު ބަޔަކަށް މައުލޫމާތުދީ ހުއްދަ ހޯދައިގެން ކުރަންޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް އަދި ޕީޕީއެމްގެ މެންބަރު މޫސާ މަނިކު އިދިކޮޅު ކޯލިޝަނަށް ފާޑުވިދާޅުވެއްޖެ އެވެ.

ގައުމީ ދިފާއީ ބާރު ކަމުގައިވާ އެމްއެންޑީއެފް އިން ރޭ އެލާޓް މަތިކޮށް ކުރިއަށްގެންދާ އޮޕަރޭޝަނާއި ހަރުކަށި ފިކުރު ފަތުރާ މީހުންނާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ހިންގަމުންދާ އޮޕަރޭޝަންތަކުގެ މަގްސަދާ މެދު އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ކޯލިޝަނުން ވަނީ ސުވާލު އުފައްދާފައެވެ. އަދި އެ އޮޕަރޭޝަންތަކުގެ މައުލޫމާތު ހާމަކުރުމަށް ވަނީ ގޮވާލާފައެވެ.

މޫސަވެސް ނިސްބަތްވާ އިދިކޮޅު ކޯލިޝަނަށް ފާޑުވިދާޅުވަމުން މޫސަ ވިދާޅުވީ ސިފައިން ހިންގަންޖެހޭ ސަލާމަތީ އެއްވެސް ކަމަކީ އިތުރު ބަޔަކަށް މައުލޫމާތުދީ ހުއްދަ ހޯދައިގެން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. މޫސަ ވިދާޅުވީ ކުއްލި ނުރައްކަލު ހާލަތު އިއުލާނު ކުރާނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށްފަހު ރައްޔިތުންގެ ރުހުން ހޯދުމުން ނިމުނީ ކަމަށެވެ.

"ގާނޫނު އަސާސީގެ 241 ވަނަ މާއްްދާގައިވާ ގޮތުން ސިފައިން ހިންގަންޖެހޭ ސަލާމަތީ އެއްވެސް ކަމަކީ އިތުރު ބަޔަކަށް މައުލޫމާތުދީ ހުއްދަ ހޯދައިގެން ކުރަންޖެހޭ ކަމެއް ނޫން." މޫސަ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ބުނިއިރު، އެލާޓަށް ނުކުންނަން ޖެހޭ ސަބަބެއް ހާމަކޮށްފައި ނުވާތީ އިދިކޮޅު ދެ ޕާޓީން ވެސް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިފަދަ އޮޕަރޭޝަނެއް ހިންގާއިރު ރައްޔިތުންނަށް މި ވެގެން އުޅޭ ގޮތެއް ސާފުވާން އެބަ ޖެހޭ. އެއީ ކޮން މަގްސަދެއްގައި ކޮން ބޭނުމެއް ހާސިލު ކުރަން ކުރާ ކަމެއް ކަން ރައްޔިތުންނަށް ވަރަށް ސާފުކޮށްދޭން އެބަ ޖެހޭ. އެހެން ނޫންނަމަ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމެއް އުފެދިގެން ދާނެ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ގައުމީ ސަލާމަތަށްޓަކައި ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކަށް އެ ދެ ޕާޓީން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ. އެކަމަކު އެއްވެސް ސަބަބެއް ހާމަނުކޮށް ސިފައިން އެ ގޮތަށް ހަރަކާތްތެރިވުމަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމެއް އުފެދޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.