ހަބަރު

ރައީސް ޔާމީނަށް ލުއި ލިބެން ޖެހޭ: މޫސަ

ކަފާލާތުގެ ދަށުން ނުވަތަ އެހެން ގޮތަކަށް ވިޔަސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް ލުއިއެއް ލިބެން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ރައީސް ޔާމީން ކަފާލާތުގެ ދަށުން މިނިވަންކުރުމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ. އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކުރެއްވި ޓްވީޓެއް މެދުވެރިކޮށް ރައީސް ޔާމީން ވެސް ވަނީ އެމަނިކުފާނަށް ކަފާލާތުގެ ފުރުސަތު ދިނުމަށް އެދިވަޑައިގެންފަ އެވެ.

އެހެން ނަމަވެސް އެމްޑީޕީގެ އިސް މެންބަރުން ވިދާޅުވަނީ ރައީސް ޔާމީން ހުކުމެއް ތަންފީޒު ކުރައްވާތީ ކަފާލާތުގެ ދަށުން މިނިވަނެއް ނުކުރެވޭނެ ކަމަަށެވެ. ކުރިން ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި ފާރިސް މައުމޫން އެގޮތައް މިނިވަން ކުރީ ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓާ ކަމަށް އެ ފަރާތްތަކުން ވިދާޅުވެއެވެ.

އެކަމާ ގުޅޭ ގޮތުން ރީކޯ މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކަފާލާތު ކަމަށް ވިޔަސް ނުވަތަ ގޭބަންދަށް ކަމަށް ވިޔަސް ސިޔާސީ އެހެން ލީޑަރުން ކަމަށް ބުނާ މީހުން ޖަލަށްލުމުން އެކި ގޮތްގޮތުން ލުއިއެއް ހޯދަން ގޮވި މީހުން މިއަދު ރައީސް ޔާމީނަށް ވީތީ އުމުރަށް ޖަލުގައި ބާއްވަން އުޅޭ ކަމަށެވެ. އަދި ރައީސް ޔާމީންއަށް ވެސް އެހެން މީހުންނަށް ވެސް ލުއިއެއް ލިބެން ޖެހޭނެ ކަމަަށް މޫސަ ވިދާޅުވި އެވެ.

މޫސަ ކުރެއްވި ޓުވީޓު

ކަފާލާތުގެ ދަށުން މިނިވަން ކުރުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލަމުން އަންނަ އިރު އެ ފަރާތްތައް ބުނެފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ކުރިން ރައީސް ޔާމީން މިނިވަން ވާނެ އެވެ. އަދި އެ ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވިއިރު ވަރަށް ޔަގީންކަމާއެކު ޔާމީން މިނިވަން ވާާނެ ކަމަށް ވިދާޅުވަމުން ގެންދެވި އެވެ. ނަމަވެސް އެ ދުވަސް ފަހަނައަޅައި ދިޔުމުން އިދިކޮޅު ފަރާތްތަކުން ބުނީ ރައީސް ސޯލިހު ޖުޑީޝަރީއަށް ނުފޫޒު ފޯރުވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުން މިދިޔަ ރައްޔިތުންގެ މަޖިލީސް އިންތިހާބާ ދިމާކޮށް ވެސް ހެދި ގޮތައް މިފަހަރު ވެސް ރައީސް ޔާމީން ދޫ ނުކޮށްލާ ބަހައްޓަނީ އިންތިހާބު ބޯމަތިވެފައިވާތީ އެވެ.