ހަބަރު

ސަރުކާރުގެ އޮފިޝަލުންތަކެއް ޕްލެޓިނަމް އެޕާޓްމަންޓް ބައްލަވައިގެންފި

ހުޅުމާލޭގައި ގާއިމުކޮށްފައިވާ ލަކްޒަރީ ފްލެޓްތައް، ޕްލެޓިނަމް ރެސިޑެންސް އިން ސަރުކާރުގެ އިސް އޮފިޝަލުންތަކެއް އެޕާޓްމެންޓްތަކެއް ބައްލަވައިގެންފައިވާކަން ހާމަވެއްޖެ އެވެ.

ހުޅުމާލޭގައި ބިނާކުރާ ލަގްޒަރީ ފްލެޓްތަކުން އެޕާޓްމެންޓް ބައްލަވައިގެންފައިވާ މި ސަރުކާރުގެ އެންމެ އިސް ބޭފުޅަކީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރެވެ. އަދި ރާއްޖެއިން އިންޑިއާއަަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދާއި އެންވަޔަރުމަންޓް މިނިސްޓްރީގެ ކޯޑިނޭޓަރެއް އަދި ސްޓޭޓް މިނިސްޓަރަކު ވެސް ވަނީ ފްލެޓް ބައްލަވައިގެންފަ އެވެ. އޭގެއިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އަނބިކަނބަލުންގެ ނަމުގައި ވެސް ވަނީ އެޕާޓްމެންޓެއް ގަނެފަ އެވެ.

މިކަން ހާމަވެފައި ވަނީ އެޕާޓްމެންޓް ވިއްކާފައިވާ މުއާމަލާތް ސައްހަކަން ކަނޑައަޅަން މި މަހުގެ 20 ވަނަ ދުވަހު، ސިވިލް ކޯޓު ހުޅުމާލެ ޑިވިޝަންގައި އެ މައްސަލަތަކުގެ އަޑުއެހުން ބާއްވާފައި ވާތީ އެވެ. ނަމަވެސް އެ މައްސަލަތަކުގެ ނިންމުން ސިވިލް ކޯޓުން އަދި ހާމަކޮށްފައިނުވާތީ އެ މައުލޫމާތުތަކުގެ ތަފްސީލްތަކެއް ލިބޭ ގޮތެއް ނުވި އެވެ.

ޕްލެޓިނަމް ރެސިޑެންސް އެޕާޓްމަންޓެއްގެ އަގު އެވްރެޖްކޮށް އުޅެނީ، ތިން މިލިއަން ރުފިޔާ އާއި އަށް މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި ޑައުންޕޭމަންޓަށްއެވްރެޖްކޮށް 300،000 އާއި 600،000 އާ ދެމެދުގެ އަދަދެއް ދައްކަން ޖެހެ އެވެ.

މިކަމާ ގުޅިގެން އާޒިމާ ވިދާޅުވީ، އެކަމަނާ އެޕާޓްމެންޓް ބައްލަވައިގަތީ މިހާރު ހުރި ވަޒީފާއަށް ވަޑައިގަތުމުގެ މާކުރިން ކަމަށާއި އެ އެޕާޓްމަންޓް ބައްލަވައިގަތީ ގޯތިގެދޮރު ގަތުމަށް ބޭންކުން ދޫކުރާ ލޯނު ނަންގަވައިގެން ކަމަށެވެ. އެ ލޯނަކީ ބޭންކަށް ދިގު މުއްދަތެއްގައި ދައްކާ ހަލާސްކުރާ ގޮތަށް ނަންގަވާފައިވާ ލޯނެއް ކަމަށް ވިދާޅުވި އެވެ.

"އަހަރެން ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާތާ 20 އަހަރު ވަނީ ވެފަ، އެޕާޓްމެންޓް ގަނެފައިވާނީ އެހެން މީހުން ވެސް ގޯތިގެދޮރު ގަންނަ އުސޫލުން،" އާޒިމާ ވިދާޅުވި އެވެ.

މިނިސްޓަރު ސައީދަށް ތަކުރާރުކޮށް ގުޅުމުން ވެސް ޖަވާބު ނުދެއްވާތީ، ސައީދުގެ އަނބިކަބަލުންގެ ނަމުގައި ފްލެޓެއް ގަނެފައިވާ މުއާމަލާތާ ގުޅޭ ގޮތުން ކޮމެންޓެއް ނުލިބުނެވެ.

އެހެން ނަމަވެސް، އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު މުހައްމަދު ވިދާޅުވީ އޭނާ އެޕާޓްމަންޓް ބައްލަވައިގެންނެވީ، ބޭންކުން ދޫކުރާ ގެދޮރުވެރިކަމުގެ ލޯނެއް ނަންގަވައިގެން ކަމަށާއި އެ ލޯނު އޭނާ ނެންގެވީ ދިގު މުއްދަތުން ފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ކަމަށެވެ. އަދި އޭނާ އެޕާޓްމަންޓް ބައްލަވައިގެންނެވީ މިދިޔަ އަހަރުގެ ތެރޭގައި ކަމަށާއި ފްލެޓަށް ފައިސާ ދެއްކީ މިއަހަރު ޖެނުއަރީ މަހު ލޯނު ހަމަޖެހުމުން ކަމަށެވެ.

"ޖުމްލަ 20 އަހަރުން ބޭންކަށް ފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ނެގި ލޯނަކުން އަޅުގަނޑު އެ އެޕާޓްމަންޓް ގަނެފައި ވާނީ،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ. ދެން އެޕާޓްމަންޓް ގަނެފައި ތިއްބެވި އޮފިޝަލުންނާ ގުޅުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ.

މީގެކުރިން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވަނީ 5.9 މިލިއަން ރުފިޔާއަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ދެއްކެވުމަށްފަހު 3،388 އަކަފޫޓްގެ ރޯ ހައުސްއެއް ބައްލަވައިގަންފަ އެވެ. މުއިއްޒު ވިދާޅުވީ އޭނާ ވެސް ރޯހައުސް ބައްލަވައި ގަތީ ތަރިކަ މުދަލުންނާއި ބޭންކް ލޯނު މެދުވެރިކޮށް ކަމަށެވެ.