ހަބަރު

ދާއިރާގެ ކެމްޕޭނަށް ރައީސް ވިލިނގިއްޔަށް ވަޑައިގެންފި

ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ކެމްޕޭނަށް ގއ. ވިލިނގިއްޔަށް ވަޑައިގެންފި އެވެ.

ރައީސް ވިލިނގިއްޔަށް ވަޑައިގަތުމުން އެރަށުން ރައީސްއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. ޕީޕީއެމްއަށް ސަޕޯޓްކުރާ ރައްޔިތުން ރައީސްގެ އިސްތިގުބާލުގައި ތިއްބެވިއިރު ރައީސް ވަނީ އެ ރައްޔިތުންނާ ބައްދަލުކޮށް ސަލާމް ކުރައްވާފަ އެވެ.

ރައީސް މި ދަތުރުފުޅުގައި ރައީސްގެ އަނބިކަބަލުން ފަސްޓް ލޭޑީ މެޑަމް ފާތުމަތު އިބްރާހީމާއި ސަރުކާރުގެ އިސްވެރިންނާއި ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ބައިވެރިވަޑައިގަންނަވަ އެވެ.

ވިލިނގިލީގެ ރައްޔިތުންނާ ބައްދަލު ކުރައްވުމަށް މިރޭ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވާނެ އެވެ.

ގއ އަށް ރައީސް ޔާމީން ފައްޓަވާފައިވާ މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން ކޫއްޑޫއަށް ވަޑައިގެން، ކޫއްޑޫ އެއާޕޯޓާއި، މާކިއޯ ކޫއްޑޫ ހޮޓެލް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާފައި ވެއެވެ. އަދި މި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން ރައީސް މިއަދު ހެނދުނު ކޮލަމާފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާވެސް ބައްދަލު ކުރައްވާފައި ވެއެވެ.

ކޮލަމާފުއްޓަކީ ވިލިނގިލީ ދާއިރާގެ ރަށެކެވެ. އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ވިލިނގިލީ ދާއިރާގެ ގޮނޑި ސަރުކާރަށް ލިބޭނެކަމާމެދު ޝައްކެއް ނެތް ކަމަށެވެ.