ބޮލީވުޑް

"ޕަދްމާވަތީ" އާ ހެދި އަމީތާބްގެ ފިލްމު ފަސްކޮށްފި

Sep 28, 2017

މި އަހަރު ކުރިއަށް ރިލީޒްކުރުމަށް ހުރި ފިލްމުތަކުގެ ތެރެއިން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތީ" އަކީ އަހަރުންގެ އެންމެ ބޮޑު ފިލްމަށް ވާނެ ކަމަށް ބުނަމުން އަންނަ ފިލްމެވެ.

ޒުވާން ތިން ތަރިން ކަމަށްވާ ރަންވީރު ސިންގް އާއި ދިޕިކާ ޕަދުކޯން އަދި ޝާހިދު ކަޕޫރު ފެނިގެންދާ މި ފިލްމަކީ ރާނީ ޕަދްމާވަތީ އާއި އަލާއުއްދީން ޚިލްޖީގެ މެދުގައި އޮތް ލޯބީގެ ގުޅުން ފެނިގެންދާ ފިލްމެކެވެ.

ކުރިން މި ފިލްމު ނޮވެމްބަރު މަހުގެ މެދުތެރޭގައި ރިލީޒްކުރާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް މިދިޔަ ހަފްތާގައި ނެރުނު ފިލްމުގެ ފުރަތަމަ ޕޯސްޓަރާ އެކު ފިލްމު ރިލީޒްކުރާ ތާރީހު ބަދަލުވެފައިވާކަން ވަނީ ޔަގީންވެފައިވަނީ ފިލްމުގެ ޕޯސްޓަރުތައް އާންމުކުރުމުންނެވެ.

އެގޮތުން ފިލްމު ރިލީޒްކުރުން ދެ ހަފްތާ އަށް ފަސްކޮށް، ރިލީޒްކުރަން ހަމަޖައްސާފައިވާ ތާރީހަކީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހެވެ.

"ޕަދްމާވަތީ" ރިލީޒްކުރުން ޑިސެމްބަރު އެކަކަށް ބަދަލުކުރުމުން ކުރިން އެ ދުވަހު އޮތީ އަމީތާބް ބައްޗަން އާއި ރިޝީ ކަޕޫރުގެ ފިލްމު "102 ނޮޓް އައުޓް" ރިލީޒްކުރާ ގޮތަށެވެ. ނަމަވެސް ބަންސާލީގެ ކުރިމަތިލުމަކަށް ނުދާންވެގެން މި ފިލްމު ރިލީޒްކުރުން މިވަނީ ލަސްކޮށްފަ އެވެ.

"ޕަދްމާވަތީ" އާ ހެދި އަމީތާބްގެ ފިލްމު ރިލީޒްކުރުން ލަސްކުރަން ޖެހުމާ ގުޅިގެން އެ ފިލްމުގެ ޑައިރެކްޓަރު އުމޭޝް ޝުކްލާ ވަނީ އޭނާގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޝުކްލާ ވަނީ އޭނާގެ ފިލްމު ޑިސެމްބަރުގެ އެއް ވަނަ ދުވަހު ރިލީޒްކުރަން ނިންމީ ބަންސާލީގެ ފިލްމު ނޮވެމްބަރު 17 ވަނަ ދުވަހު ރިލީޒްކުރަން އެންމެ ފުރަތަމަ ނިންމުމާ ގުޅިގެން ކަމަށެވެ. އަދި އެ ފިިލްމު ދެ ހަފްތާއެއްހާ ދުވަސް ކުރިން ނިކުތުމުން އެކަމުގެ އަސަރެއް އޭނާގެ ފިލްމަށް ނުކުރާނެ ކަމަށް ފެންނާތީ ފިލްމު ރިލީޒްކުރަން ޑިސެމްބަރު އެކެއް ހަމަޖެއްސީ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

"އެންމެ ފުރަތަމަ އަހަރުމެން ނިންމީ އެ ފިލްމަކާ ކުރިމަތިލުމަކަށް ދާން. އެކަަމަކު ފަހުން ނިންމީ އޭގެ ސަބަބުން އަހަރުމެންގެ ފިލްމުގެ ވިޔަފާރި އަށް ވެސް އަސަރުކުރާނެ އޭ. އަހަރުމެންގެ ފިލްމު ދެން ރިލީޒްކުރާނެ ތާރީހެއް އަދި ކަނޑައެއް ނާޅަން،" ޝުކްލާ ބުނެފައިވެ އެވެ.

މިއަހަރުގެ ބާކީ އޮތް ތިން މަސް ދުވަހު ރިލީޒްކުރަން ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބެއް ހޯދާނެ ކަމަށް ބެލެވިފައި އޮތް ފިލްމަކީ "ޕަދްމާވަތީ" އެވެ.