ކުޅިވަރު

މިއަހަރުގެ ކަލާސް އެވޯޑް ރަފާ އަށް

ސްކޫލްތަކުގެ ދަރިވަރުންގެ ތެރެއިން، ކުޅިވަރުގެ ރޮނގުން މަތީ ވަނަ ހާސިލު ކުރާ ދަރިވަރުންނަށް، އެޑިއުކޭޝަން މިނިސްޓްރީން ދޭ 'ކަލާސް އެވޯޑް' ޒުވާން ޓީޓީ ކުޅުންތެރިޔާ ރަފާ ނާޒިމް ހާސިލު ކޮށްފި އެވެ.

ރަފާ މި އެވޯޑް ހޯދީ، ކަލާސްގެ އައުޓްސްޓޭޑީއަންއަށް ވާދަ ކުރި އަނެއް ތިން ދަރިވަރުންނާ ވާދަ ކޮށެވެ. އައުޓްސްޓޭޑިންއަށް ވާދަ ކުރީ، ޒުވާން ދުވުންތެރިޔާ ނަޝާ ނިޒާރު އާއި ފެތުންތެރިޔާ މުހައްމަދު ނަޒްރާން ނަޒީރު އާއި ޓީޓީގެ ޑަބަލްގައި ރަފާގެ ޕެއާ، ލައިސާ ފަތުހުﷲ އެވެ.

ރަފާ ވަނީ، މިދިޔަ އަހަރު ޖޫން މަހު ޕާކިސްތާންގައި ބޭއްވި ދެކުނު އޭޝިއާގެ ޔޫތު ޗެމްޕިއަންޝިޕް ތިން ކެޓަގަރީ އަކުން ރާއްޖެ އަށް ރިހި މެޑަލް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. ޒުވާން ޓީޓީ ޓީމު ހޯދި މި ކާމިޔާބާއެކު ދިވެހި ކުޅިވަރުގެ ޖައްވުގައި ރަފާގެ ވާހަކަ މިދިޔަ އަހަރު ގަދަ ވެގެން ދިޔައެވެ.

މި ޒުވާން ކުޅުންތެރިޔާގެ ނަން އެންމެ ބޮޑަށް ފާހަގަ ވީ ވޭތުވެދިޔަ 13 އަހަރު ރާއްޖޭގެ ޓިޓީގައި ވަރުގަދަ ތަނބެއްގެ ގޮތުގައި ފާހަގަ ކުރެވުނު މުއިނާ މުހައްމަދު ބަލި ކުރުމަށްފަހު ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދުމުންނެވެ.

ރަފާ ވަނީ، މި އަހަރު ކުރީ ކޮޅު ޖަޕާނުގެ މެޖީ ޔުނިވަސިޓީއިން ދިން ފުރުސަތެއްގައި އެ ޔުނިވަސިޓީގެ ޓްރެއިނިން ސެންޓަރު ގައި 40 ދުވަހުގެ ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަ ކޮށްފަ އެވެ. ރަފާ އަށް ޓްރެއިނިން ކޭމެޕެއް އެ ޔުނިވަސިޓީން ދިނީ، ޔުނިވަސިޓީއިން ރާއްޖެއަށް ކުރި ޓުއާއެއްގައި ރަފާގެ ކުޅުން ފާހަގަ ވުމުންނެވެ.

އިސްކަންދަރު ސްކޫލުގައި ކިޔަވަމުންދާ ރަފާ، މިރޭގެ އެވޯޑްގައި ހާއްސަ އެވޯޑްވެސް ހާސިލު ކުރި އެވެ. އެވެ. މިދިޔަ ދެ އަހަރުވެސް އޭނާ މި އެވޯޑް ހާސިލު ކުރި އެވެ.

މިރޭގެ ރަސްމިއްޔާތުގައި 24 ދަރިވަރުންނަށް ވަނީ ހާއްސަ އެވޯޑް ހާސިލު ކޮށްފަ އެވެ. ހާއްސަ އެވޯޑް ދަރިވަރުންނަށް ދިނީ، ރާއްޖޭގެ ކުޅިވަރުގައި އެންމެ ވަރުގަދަ ދެ ޝަހުސިއްޔަތުން ކަމަށްވާ، ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި ދުވުންތެރިޔާ ހަސަން ސާއިދެވެ. އަދި މިރޭގެ ރަސްމިއްޔާތުގައި 11 ދަރިވަރަކަށް ސްޕޯޓްސް ސްކޮލާޝިޕްވެސް ހަވާލު ކޮށްދެއްވި އެވެ.

ރަފާ ކަލާސް އެވޯޑް ހޯދުމުން، މިއީ ދެ އަހަރަށް ފަހު، އެހެން ކުޅުންތެރިޔަކު މި އެވޯޑް ހޯދި ފުރަތަމަ ފަހަރެވެ. މިދިޔަ ދެ އަހަރު ކަލާސް އެވޯޑް ގެންދިޔައީ، އެއް ވަނަ ފިރިހެން ފެތުންތެރިޔާ ނިޝްވާން އިބްރާހިމް އެވެ. ނިޝްވާން މިހާރު ދަނީ، އޮލިމްޕިކް ކޮމިޓީން ދިން ޓްރެއިނިން ސްކޮލާޝިޕެއްގައި ދެކުނު އެފރިކާގެ ޑާބަންގައި ތަމްރީން ހަދަމުންނެވެ.