ހަބަރު

ސައުދީގެ ނިންމުމަކީ އަންހެނުންނަށް ކާމިޔާބީއެއް: ދުންޔާ

ސައުދީ އަރަބިއްޔާގައި އަންހެނުން އަމިއްލައަށް ވެހިކަލް ދުއްވުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދިނުމާ ގުޅިގެން އަންހެން ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ދުންޔާ މައުމޫން މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދުގެ ޝާހީ ގަރާރަކުން އަންހެނުންނަށް ދެއްވި އެ ހުއްދައަކީ ސައުދީއަށް ގެންނަން ފަށާފައިވާ އިޖުތިމާއީ ބޮޑެތި ބަދަލުތަކުގެ ބައެކެވެ. އެ ނިންމެވުމާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ ވިދާޅުވީ، އެއީ ވަރަށް ތާރީހީ ނިންމުމެއް ކަމަށެވެ. އެކަމަށްޓަކައި ސައުދީ އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ އެކްޓިވިސްޓުން މަސައްކަތް ކުރާތާ ވަރަށް ދުވަސްވެއްޖެ ކަމަށާއި އެއީ އެމީހުންނަށް ވެސް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"ސައުދި އަރަބިއްޔަކީ އަޅުގަނޑުމެން ވަރަށް އިހްތިރާމްކުރާ ގައުމެއް، ނަމަވެސް ޒަމާނާ އެއްގޮތަށް އަންހެނުންނަށް ކުރިއެރުންތައް ނުލިބި، އަންހެނުން ކުރިއެރުމުގައި ސައުދީގެ އެތެރޭގައި ބޮޑެތި ގޮންޖެހުންތަކާއި ހުރަސްތައް އެބަހުރި،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ، ރަސްގެފާނުގެ ނިންމެވުމަކީ އެފަދަ ހުރަސްތައް ނައްތާލުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށާއި ތަންތަނަށް ދިޔުމަށް އަމިއްލައަށް ދުއްވާފައި ދިޔުމަކީ ވަރަށް އަސާސީ ހައްގެއް ކަމަށާއި އެއީ ލިބިދޭންޖެހޭ ހައްގެއް ކަމަށެވެ.

ސައުދީގެ އަންހެނުން ޒަމާނުންސުރެ އެދެމުން ދިޔަ ހުއްދަ ދީފައިވާއިރު މިހާރު ވެސް ބައެއް ފަރާތްތަކުން އަންނަނީ އެކަމުން ނުކުންނާނެ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން ބަހުސް ކުރަމުންނެވެ. ދުންޔާ ވިދާޅުވީ، އެކަމަނާގެ އުއްމީދަކީ ނިންމުމާ އެއްގޮތަށް ކަންކަން ތަންފީޒު ވެގެން ވެސް ދިޔުން ކަމަށެވެ.

"ޒަމާންތަކަކަށްފަހު މި ނިންމުން ނިންމުމުން އެ ގައުމުގެ އިސް ހުރިހާ ބޭފުޅުންނަށާއި އަންހެނުންގެ ހައްގުގައި މަސައްކަތް ކުރާ ފަރާތްތަކަށް މުބާރަކުބާދީ އަރިސްކުރަން،" ދުންޔާ ވިދާޅުވި އެވެ.

ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އާ ހަވާލާދީ އަރަބް ނިއުސް ބުނީ ރަސްގެފާނު ސަލްމާން ނެރުއްވި ގަރާރުގައިވާ ގޮތުން ޑްރައިވިން ލައިސަންސް ދިނުމުގައި އަންހެނުންނާއި ފިރިހެނުން ތަފާތު ކުރުމެއް ދެން ނޯންނާނެ ކަމަށެވެ. އަދި އެ ބަދަލު ގެނައި ކަން ސައުދީ ސަރުކާރުގެ ޓީވީންނާއި ފޮރިން މިނިސްޓްރީގެ ޓްވިޓާ ހޭންޑުލް އިން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.

އަންހެނުންނަށް އުޅަނދުތައް ދުއްވުމުގެ ހުއްދަ ނުދިނުމުން ވާ ގެއްލުންތަކާއި ހުއްދަ ދިނުމުން ވާ ފައިދާތައް ރަސްގެފާނުގެ ގާރާރުގައި ފާހަގަކުރައްވާފައި ވެއެވެ.

އަންހެނުން އުޅަނދުތައް ދުއްވުން މަނާކޮށްފައި އޮތް އިރު އެކަމާ ބެހޭ ގޮތުން ސައުދީގައި ބޮޑެތި ބަހުސްތައް ދިޔައީ ކުރަމުންނެވެ. އެއީ އެ ގަވައިދަކީ އިސްލާމީ އެއްވެސް ޝަރުއެއްގެ މައްޗަށް ބިނާކޮށްފައިވާ ގަަވައިދެއް ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ނުކުރާތީއެވެ.

ސައުދީ އަރަބިއްޔާގެ ވަލީ އަހުދު އަދި ރަސްގެފާނު ސަލްމާނުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާންގެ އިސްނެންގެވުމަކުން އެގައުމަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ދީނީ ފުލުހުންގެ ބާރުތައް ހަނިކުރުމާއި އަންހެނުންނަށް ކުރިއަށް ވުރެ ބޮޑަށް މިނިވަންކަން ދިނުން ހިމެެނެއެވެ. އެގައުމުގެ ގައުމީ ދުވަސް ފާހަގަ ކުރަން ބޭއްވި ހަރަކާތްތައް ބަލަން ވަނުމުގެ ފުރުސަތުވެސް އަންހެނުންނަށް ވަނީ ދީފައެވެ. އެއީ ވެސް ބަދަލެކެވެ.