ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ސްޓީލް ބޮކްސް ގާޑާ ބީމްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ޗައިނާއަށް ފުރާވަޑައިގެންފި އެވެ. ބޮކްސް ގާޑާއި ބީމަކީ ބްރިޖްގެ ތަނބުތަކުގެ ދެމެދުގައި އިންނަ "ސްޕޭން" ގެ މެދުގައި އިންނަ ބައެކެވެ.
ޗައިނާ ފުރާވަޑައިގެންނެވުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ގާޑާ ބީމް ޗައިނާއިން ތައްޔާރުކޮށްގެން ގެންނަން ނިންމީ އޭގެ ކޮލިޓީ އާއި ފެންވަރު ރަނގަޅު ކުުރަން ކަމަށާއި ދަތުރުފުޅުގައި އެތަކެތި އުފައްދާ ފެކްޓަރީއަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ.
މާލެ ހުޅުލެ ގުޅުވައިދޭ ބްރިޖްގެ މައި ތިން ތަނބުގެ މެދުން ސްޕޭނަށް ތިން ބޮކްސް ގާޑާ ބީމް ތައްޔާރުކުރަން ޖެހެ އެވެ. އެގޮތުން 50 މީޓަރުގެ ދެ ގާޑާ ބީމާއި 22 މީޓަރުގެ ގާޑާ ބީމެއް އުފައްދާނެ އެވެ. އެ ބީމްތައް މި އަހަރުގެ ތެރޭގައި ރާއްޖެ ގެންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެ ބީމްތައް ގެނެވޭއިރު ތަނބުތަކުގައި ކުރަންޖެހޭ ކޮންކްރީޓް މަސައްކަތްތައް ނިންމާ ލެވޭނެ ކަމަށާއި ތަނބުތަކުގެ ކޮންކްރީޓް ވީޕިއާތަކުގެ މަސައްކަތް މިހާރު ފަށާފައިވާ އިރު މަސައްކަތް އަންނަ މަހުގެ މެދެއްހާ ހިސާބުގައި ނިންމާލެވޭނެ ކަމަށެވެ.
އެމަސައްކަތް ނިމުމުން ކޮންމެ ތަނބަކުން ދެކޮޅަށް ސަސްޕެންޑެޑް ބާސްކެޓްތަކެއް ހަރުކޮށް ކޮންކްރީޓް މަސައްކަތްތައް ބައިބަޔަށް ކުރިއަށް ގެންދާނެ އެވެ.
ބްރިޖްގެ މާލޭ ކޮޅުންނާއި ހުޅުލޭ ކޮޅުންވެސް ސްޕޭން ޑެކްގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް އަންނަ ނޮވެމްބަރު މަސް ފެށޭއިރު 150 މީޓަރު ދިގު މިނުގެ ކޮންކްރީޓް ޑެކް ހަދާ ނިމޭނެ ކަމަށެވެ. އަދި ބްރިޖްގެ ހުރިހާ މަސައްކަތެއް ވެސް ކުރިއަށް ދަނީ ޝެޑިއުލާ އެއްގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ވަނީ ކަމާބެހޭ އިންޖިނިއަރުންނާއި ބައްދަލުކޮށް އެއާ ބެހޭ އިތުރު މައުލޫމާތު ހޯދާނެ ކަމަށެވެ.
ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު އެވެ.