ވިޔަފާރި

ތައި 22 ކުންފުންޏަކުން ދިވެހި ވިޔަފާރިތަކާ ބައްދަލުވުން ފަށައިފި

ތައިލެންޑުގެ 22 ކުންފުންޏެއްގެ އުފެއްދުންތަކާއެކު ދިވެހި ވިޔަފާރިންނާ ބައްދަލުވުން، ދަރުބާރުގޭގައި ފަށައިފި އެވެ.

ތައިލެންޑްގެ ވިޔަފާރިވެރިންނާއި ރާއްޖޭގެ ވިޔަފާރިވެރިންނާ ދެމެދު ގުޅުން ބަދަހިކޮށް ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމަށް މިހާރު އައިސްފައިވާ ޓީމުގައި އެ ގައުމުގެ ބިޒްނަސް ކައުންސިލާއި ތައިލެންޑް ކޮމާސް މިނިސްޓްރީގައި ހިމެނޭ ގިނަ ކުންފުނި ތަކެއް ހިމެނެ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރަައްގީ ކުރުމަށް އުފައްދާފައިވާ، ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) ގެ މެނޭޖިން ޑިރެކްޓަރު ކަމަށް އަހުމަދު މުންތާޒު ދަރުބާރުގައި ހުންނަވައި، ވިދާޅުވީ މި ފޯރަމްގެ ބޭނުމަކީ ތައިލެންޑަކީ ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ގައުމަށްވުމުން ވިޔަފާރީގެ ގުޅުން އުފެއްދުން ކަމަށެވެ.

"މި ފޯމްގެ ބޭނުމެއް ހޯލްސޭލް މާކެޓަށް ދިޔައަސް މިޑުލް މޭންއެއް މެދުވެރިކޮށް މި އެއްޗިހި ގެނެވެނީ. ނަމަވެސް މި ފޯރަމްގެ ސަބަބުން ޑައިރެކްޓުކޮށް ވިޔަފާރި ކުރާ ފަރާތާ މި ގުޅުވައި ދެވެނީ،" މުންތާޒު ވިދާޅުވި އެވެ.

ތައިލެންޑުގެ ވިޔަފާރިވެރިންނާއެކު މިހާތަނަށް ތިން ބައްދަލުވުމެއް އިކޮނޮމިކް މިނިސްޓްރީން ބާއްވާފައިވެ އެވެ.

އެމްޑީ މުންތާޒު ވިދާޅުވީ މި ބައްދަލުވުން ރާވާއިރު ކޮންމެ އަހަރަކުވެސް އަންނަނީ މުޅިންއާ ކުންފުނިތައް ކަމަށެވެ.

"އެހެންވެ މިއީ ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ލިބޭ ބޮޑު ފުރުސަތެއް. މިއީހުންނާއެކު މަސައްކަތް ކުރެވި، ވިޔަފާރީގެ ރޮނގުން ކުރިއަށްދާން،" މުންތާޒު ވިދާޅުވި އެވެ.

ހަވީރު ހަތަރެއް ޖަހަންދެއް ދަރުބާރުގޭގައި ކުރިއަށްދާ ފޯރަމްގައި ކާނާގެ ބާވަތްތައް އުފައްދާ، ކުންފުނިތަކާއި ބިލްޑިން މެޓީރިއަލް އަދިި އެއާކޯންޑިޝަން އާއި ކޮންސްޓްރަކްޝަން މެޓީރިއަލް އުފައްދާ ކުންފުނިތައް ހިމެނެ އެވެ.