ހަބަރު

ސަރުކާރުން ދަނީ ބިރުވެރިކަން އުފައްދަމުން، އިންޑިއާ އިން ޕްރެޝަރުކުރަންޖެހޭ: އެމްނެސްޓީ

ސަރުކާރާ ދެކޮޅު ފަރާތްތަކަށް ބިރު ދައްކައި، ނާމާން މާހައުލެއް އުފެއްދުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރާ ކަމަށާއި އެކަމާ ދެކޮޅަށް އިންޑިއާ ތެދުވަންޖެހޭ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން މިއަދު ބުނެފި އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމްނެސްޓީން ރާއްޖެ އަށް ކުރި ފަސް ދުވަހު ޒިޔާރަތަކަށް ފަހު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ މުޒާހަރާކުރާ މީހުންނާއި ނޫސްވެރިންނަށް މަރުގެ އިންޒާރު ދީ ގެއްލުން ދިނުން ރާއްޖޭގައި އާންމުވެފައިވާ ކަމަށެވެ. ސުލްހަވެރިކަމާ އެކު މުޒާހަރާކުރާ މީހުންގެ ގަޔަށް ޕެޓްރޯލް ޖެހުން ފަދަ ކަންކަން އާންމުވެފައިވާ ކަމަށާއި އެކަން ކުރަނީ ފުލުހުންނަށް އެނގޭ ގޭންގުތަކުން ކަމަށް އެމްނެސްޓީން ބުންޏެވެ.

"ޓޫރިސްޓުންގެ ސުވަރުގެއެއްގެ ގޮތުގައި ބަލާ ރާއްޖޭގެ އަނދިރި ފަރާތުގައި އިންސާނީ ހައްގުތަކުގެ ހާލަތު ހަލުވިކަމާ އެކު ދަށްވަމުންދާކަމާ މެދު ބައިނަލްއަގުވާމީ މުޖުތަމައު ހޭވެރިވާން ވެއްޖެ،" އެމްނެސްޓީން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ރިސާޗާ އައްބާސް ފާއިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކާ ކޮންމެ މީހަކަށް ބިރު ދެއްކުމާއި ހަމަލާތައް އަމާޒުވުން އަދި ކޯޓުތަކުން އިންސާފު ނުލިބުމުގެ މައްސަލަ ރާއްޖޭގައި އާންމުވެއްޖެ ކަމަށެވެ.

"މި ދައްކަނީ ގައުމުގެ މުއައްސަސާތައް ބޭނުންކޮށްގެން ބިރުވެރި މާހައުލެއް އުފެއްދުމަށް މަސައްކަތް ކުރަމުން ގެންދާ ސަރުކާރެއްގެ ވާހަކަ،" ފާއިޒް ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކުގެ މައްސަލާގައި ޓޫރިސްޓުން ރާއްޖެ ބޮއިކޮޓްކުރަންޖެހޭތޯ ސުވާލު ކުރުމުން ސީދާ ޖަވާބެއް ދިނުމުގެ ބަދަލުގައި ފާއިޒް ވިދާޅުވީ ރާއްޖޭގެ ހާލަތު ބަދަލު ކުރުމަށް އިންޑިއާ އިން ދިވެހި ސަރުކާރަށް ޕްރެޝަރުކުރަން ޖެހޭ ކަމަށެވެ. ފާއިޒް ވިދާޅުވީ ކޮންމެ ދުވަހަކު މާލޭގައި ކުރާ ކުދި މުޒާހަރާތަކުގެ ތެރެއަށް ގޭންގުތައް ވަދެ ހަމަލާ ދޭއިރު ފުލުހުން އެކަމާ އަޅާނުލާ ކަމަށެވެ.

ރާއްޖޭގެ ގާނޫނީ ވަކީލުންނާއި ނޫސްވެރިންނާއި އެކްޓިވިސްޓުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައެއް ފަރާތްތަކާ ބައްދަލުކުރުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްނެސްޓީން ބުނީ ރާއްޖޭގައި މިހާރު ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން 140 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަަައިވާ ކަމަށާއި އެކަމަކު ދައުވާ ނުކޮށް އޭގެ ތެރެއިން ގިނަ މީހުން ދޫކޮށްލާފައިވާ ކަމަށެވެ.

މީގެ އިތުރުން ބުނެފައި ވަނީ ދީން ގަބޫލުނުކުރާ ކަމަށް އެނގޭ މީހުންނަށް ގްރޫޕްތަކުން ހަމަލާދޭ ކަމަށާއި މިއުޒިކް ފެސްޓިވަލް ފަދަ ހަރަކާތްތައް، ދީނާ ފުށުއަރާ ކަންތައްތައް ކަމަށް ބުނެ ހުއްޓުވަން، ދީނީ ޖަމާއަތްތަކާ ގުޅުންހުރި ގޭންގުތަކުން މަސައްކަތްކުރާ ކަމަށެވެ.