ބޮލީވުޑް

"ރާޒީ" ގައި އާލިއާގެ މަންމަގެ ރޯލުން އަަސްލު މަންމަ

Sep 29, 2017

ބަތަލާ އާލިއާ ބަޓް މިހާރު ކުޅެމުން އަންނަ ފިލްމަކީ މޭގްނާ ގުލްޒާރުގެ "ރާޒީ" އެވެ. ހަރިންދަރް ސިއްކާ ކިޔާ ވާހަކަ ލިޔުންތެރިޔަކު ލިޔެފައިވާ ވާހަކަ ފޮތް، "ކޯލިން ސެހެމަތް" ގެ މައްޗަށް ކުޅޭ މި ފިލްމުގެ ކަޝްމީރުގައި ނަގަން ޖެހޭ މަންޒަރުތައް ވަނީ ނަގައި ބުދަ ދުވަހު ނިންމާލާފަ އެވެ.

އިންޑިއާގެ ސިފައިންގެ އޮފިސަރަކަށް ޖާސޫސްކުރާ ޕާކިސްތާނުގެ ޒުވާން އަންހެން ކުއްޖެއްގެ ވާހަކަ ފެނިގެންދާ މި ފިލްމުގެ މަންޒަރުތައް ކަޝްމީރުގެ ހިތްގައިމު ވާދީތަކުގައި ނެގިއިރު އާލިއާ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ކަޝްމީރުގެ ރީތިކަން ފެންނަ ފޮޓޯތަކާއި ޝޫޓިންގެ ތެރޭގެ ފޮޓޯތައް އާންމުކޮށްފަ އެވެ.

ކަޝްމީރުގައި ނެގި މަންޒަރުތައް ނަގަން އާލިއާ ދިޔައިރު އޭނާ އާއެކު މަންމަ ސޯނީ ރަޒްދާން ވެސް ދިޔަ އެވެ. ގިނަބަޔަކަށް ހީވެފައި އޮތީ ސޯނީ އާލިއާ އެކު ދިޔައީ ދަރިފުޅާ އެކު ވަގުތު ހޭދަކުރަން ބޭނުންވާތީ ކަމަށެވެ. ނަމަވެސް ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން "ރާޒީ" ގައި ސޯނީ އާލިއާގެ މަންމަގެ ރޯލުން ފެނިގެންދާނެ އެވެ. އޭނާ އާލިއާ އާއެކު ޝޫޓިން އަށް ދިޔައީ ފިލްމުގެ މަންޒަރުތައް ނެގުމަށްޓަކަ އެވެ.

އާލިއާ އާއި އޭނާގެ މަންމަ ވަނީ އެކުގައި ފިލްމުގެ ބައެއް މަންޒަރުތައް ކަޝްމީރުގެ ދުވަސްވީ ހޮސްޕިޓަލެއް ކަމަށްވާ ޕަހަލްގާމް ގަވަންމަންޓް ސިވިލް ހޮސްޕިޓަލުގައި ނަގާފަ އެވެ. އެ ދެމައިން ފިލްމުގެ މަންޒަރުތައް ނެގިއިރު އެމީހުންގެ ފޮޓޯއެއް އާންމުނުވާ ވަރަށް ސަލާމަތީ ކަންކަން އޮތީ ވަރުގަދަ ކޮށްފަ އެވެ.

އާލިއާ އެކޭ އެއްގޮތަށް އޭނާގެ މަންމަ ސޯނީ އަކީ ވެސް ކުޅަދާނަ ބަތަލާ އެކެވެ. ސޯނީ ވަނީ ބައެއް ޓީވީ ސީރީޒް އާއި ފިލްމުތައް ވެސް ކުޅެފަ އެވެ.

އާލިއާ އާއެކު ބަތަލުގެ ރޯލުން ފެނިގެންދާނީ ވިކީ ކޯޝަލް އެވެ. ދަރްމާ ޕްރޮޑަކްޝަނާއި ޖަންގްލީ ޕިކްޗާސް ގުޅިގެން އުފައްދާ މި ފިލްމު ރިލީޒްކުރަނީ އަންނަ މެއި މަހުގެ 11 ވަނަ ދުވަހު އެވެ.