ބޮލީވުޑް

ސޮހާ އާއި ކުނާލަށް އަންހެން ކުއްޖަކު ލިބިއްޖެ

Sep 30, 2017

ބޮލީވުޑްގެ މަޝްހޫރު ޖޯޑެއް ކަމަށް ބަތަލާ ސޮހާ އަލީ ޚާން އާއި އެކްޓަރު ކުނާލް ކޭމޫ އަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ. ސޮހާ ވިހާފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގަ އެވެ.

އަލަތު ދަރިފުޅު ލިބުމުގެ އުފާ ހިއްސާކުރަމުން ކުނާލް ކުރި ޓްވީޓެއްގައި އެ ދެތަރިންނަށް ލޯބި އަންހެން ކުއްޖަކު ލިބިފައިވާ ކަމަށާއި ސޮހާ އާއި ދަރިފުޅުގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

ސޮހާ އަށް އިއްޔެ އަންހެން ކުއްޖަކު ވިހާފައިވާއިރު އޭނާގެ ބޭބެ، ސައިފް އަލީ ޚާން އާއި ބަތަލާ ކަރީނާ ކަޕޫރަށް ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ފިރިހެން ކުއްޖަކު ލިބިފަ އެވެ.

އަލަތު ދަރިފުޅަށް ސޮހާ ބަލިވެއިންކަން ހާމަކޮށްފައިވަނީ އެޕްރީލް މަހުގެ ތެރޭގައި ދެ ތަރިން ނެރުނު ބަޔާނެއްގަ އެވެ.

މފަހުން ސޮހާ ބޮލީވުޑްގެ ނޫސްތަކަށް ބަލިވެއިނުމާ ގުޅިގެން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ ބަލިވެއިންކަން އެނގުނު ހިސާބުން ފެށިގެން ކުނާލްގެ އަޅާލުން ކުރިއަށް ވުރެން ބޮޑަށް ލިބެމުން އަންނަ ކަމަށާއި ދެ ފަރާތުގެ އާއިލާގެ ހުރިހާ މެމްބަރުންގެ ލޯތްބާއި އަޅާލުން ވެސް ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށެވެ. ވަކިން ހާއްސަކޮށް ފަހަރި ކަރީނާ އޭނާ އަށް ވަރަށް އަޅާލަ އެވެ. އަދި ބަލިވެއިން އިރު ކެވޭނެ ކަހަލަ ކާ އެއްޗިއްސާއި ކެއުން ބަހައްޓާނެ ގޮތުގެ އިރުޝާދު ވެސް ކަރީނާގެ ފަރާތުން ލިބުނު ކަމަށް ބުނެފަ އެވެ.

އަހަރުތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކުނާލް އާއި ސޮހާ ކައިވެނިކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ.

ސޮހާ އާއި ކުނާލަށް އަންހެން ކުއްޖަކު ލިބުމާ އެކު ބޮލީވުޑްގެ ތަރިންނާއި އެ ދެތަރިންގެ ސަޕޯޓަރުން އަންނަނީ އެމީހުންނަށް މަރުހަބާ ކިޔަމުންނެވެ.