އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް އީގަލްސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
މި ސީޒަންގައި ރަނގަޅު ނަތީޖާތަކެއް ނެރިފައިވާ މާޒިޔާ އަށް މެޗުެ 14 ވަނަ މިނިޓުގައި ލީޑު ހޯދައިދިނީ އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން މުހައްމަދު އުމެއިރު ދިން ބޯޅަ، އަސަދުﷲ ވަނީ ތިރިތިރިން ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ.
އެކަމަކު ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް، އީގަލްސްގެ ކެޕްޓަން އިސްމާއިލް އީސާ (މެސީ) ވަނީ މާޒިޔާގެ ޕެނަލްޓީ އޭރިޔާ ރޮނގު މަތިން ކަހަލަ ގޮތަކަށް ލިބުނު ބޯޅަ ގޯލަށް އަމާޒުކޮށްލައި، ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި ލަނޑުގެ ކުރިން މާޒިޔާގެ މުހިންމު ޑިފެންޑަރު ބަލްގޭރިއާގެ ޒިވްކޯ ޑިނޭފް އަށް އަނިޔާވެ، އޭނާ ބާލަން ޖެހުމުން މާޒިޔާ އަށް މައްސަަލަ ކުރިމަތިވި އެވެ.
ދެވަނަ ހާފުގައި މާޒިޔާގެ ސްޕެއިން ފޯވަޑް ޕަބްލޯ ރޮޑްރިގޭޒް އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތު ލިބުނެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މޫސާ ޔާމީން ވެސް ވަނީ ރަނގަޅު ފުރުސަތެއް ބޭކާރުކޮށްލައިފަ އެވެ.
މެޗަށް ފަހު ވާހަކަދައްކަމުން މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނީ މި މެޗު އެއްވަރުވުމަކީ މާޒިޔާ އަށް ޕްރެޝަރަކަށްވި ނަމަވެސް، މިއީ މާޔޫސްވާންޖެހޭ ވަރުގެ ނަތީޖާއެއް ނޫން ކަމަށެވެ.
"ވަރަށް އާދައިގެ މެޗެއް މިއީ. މާ ގިނަ ޗާންސްތަކެއް ދެ ޓީމަކަށް ވެސް ނުލިބޭ. ލިބުނު ދެ ޗާންސް ދެ ޓީމުން ވެސް ބޭނުންކުރީ. މިއީ ޕްރެޝަރެއް އެކަމަކު އެހެން ޓީމުތަކަށް ވެސް ޕޮއިންޓްތަކެއް ގެއްލޭނެ. އެހެންވީމަ (މި ގެއްލުނު ޕޮއިންޓްތައް) ރިކަވާކުރެވޭނެ. މާޔޫސްވާކަށް ނުޖެހޭ އަދ،" ސުޒޭން ބުންޏެވެ.