ބޮލީވުޑް

"ޕަދްމާވަތީ" ގެ ޝޫޓިން ގައި ޝާހިދަށް އަނެއްކާ ވެސް އަނިޔާވެއްޖެ

Sep 30, 2017

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު "ޕަދްމާވަތީ" ރިލީޒްކުރާ ތާރީހު އިއުލާންކުރިއިރު ފިލްމުގެ ބައެއް މަންޒަރުތައް އަދިވެސް ނަގައި ނުނިމެ އެވެ.

ޑިސެމްބަރު އެއްވަނަ ދުވަހު ފިލްމު ރިލީޒްކުރާކަން ހާމަކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި އާންމުކުރި ފިލްމުގެ ޕޯސްޓަރުތަކާ އެކު އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން ޝޫޓްކުރަމުން އަންނަ މި ފިލްމުގެ ޝޫޓިން ފެށިފަހުން އެކި ކަހަލަ މައްސަލަތައް ދިމާވެ ޝޫޓިން އަށް އަންނަނީ ހުރަސްތައް ކުރިމަތިވަމުންނެވެ.

މިފަހަރު ބަޔަކު ފިލްމުގެ ސެޓަށް ގެއްލުން ދިނީއެއް ނޫނެވެ. މުހިންމު ރޯލަކުން ފެނިގެންދާ އެކްޓަރު ޝާހިދު ކަޕޫރަށް ޝޫޓިންގެ ތެރޭގައި އަނިޔާވީ އެވެ. އެކްޝަން މަންޒަރެއް ނެގުމުގެ ތެރޭގައި ޝާހިދުގެ ކުޑަހުޅުގެ ލިގަމެންޓަށް އަނިޔާވެފައިވާއިރު ޖުލައި މުގެ ތެރޭގައި ވެސް މި ފިލްމުގެ މަންޒަރުތަކެއް ނެގުމުގެ ތެރޭގައި އޭނާގެ ފައިގެ ކުޑަހުޅަށް ވަނީ އަނިޔާވެފަ އެވެ.

ހަބަރުތައް ބުނާގޮތުން ކުރީ ފަހަރަށް ވުރެން މި ފަހަރު ޝާހިދަށް ލިބުނު އަނިޔާ ބޮޑެވެ.

ފިލްމު ރިލީޒްކުރަން ދެން ބާކީ އޮޓތީ ގާތްގަނޑަކަށް މަހެއްހާ ދުވަަހަށް ވެފައި އަދި ދިހަ ވަރަށް ދުވަހު ޝޫޓްކޮށްގެން ނޫނީ ޝާހިދުގެ މަންޒަރުތައް ނަގައި ނުނިމޭނެ އެވެ. އެހެންކަމުން އަނިޔާ އާއެކު ވެސް އޭނާ ވަނީ ޝޫޓިން ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް ފައިތިލަ ދުޅަވެ ފަޔަށް ތަދުވާތީ ޝޫޓިން ކުރިއަށް ގެންދަން އޭނާ އަށް ދަތިތަކަ ކުރިމަތިވަމުން އަންނަ ކަމަށްވެ އެވެ.

ޝާހިދުގެ ފަޔަށް އަނިޔާވި ނަމަވެސް ވަގުތު ކުޑަތަންވެފައި ވާތީ ފިިލްމުގެ ޝޫޓިން ހުއްޓާލައި މަޑުޖައްސާލެވޭކަށް ޑައިރެކްޓަރު ބަންސާލީ އަކަށް ނެތެވެ. އެގޮތުން ޝާހިދު އަންނަނީ އަނިޔާއާ އެކު ވެސް ފިލްމުގައި ނަގަންޖެހޭ އޭނާގެ މަންޒަރުތައް ފުރިހަމަކުރުމަށް މަސައްކަތްކުރަމުންނެވެ.

ރާނީ ޕަދްމިނީގެ ހަޔާތުގެ މައްޗަށް އުފައްދާ މި ފިލްމާ ދެކޮޅަށް ޖައިޕޫރުގެ އޮގަނައިޒޭޝަނެއްގެ އެކްޓިވިސްޓުންތަކެއް ކަމަށްވާ ކަރްނީ ސޭނާ ކިޔާ ގްރޫޕަކުން ދެކޮޅުވެރިވެގެން އުޅެނީ މި ފިލްުމުގައި ތާރީޚީ ހަގީގަތްތައް އޮޅުވާލާފައިވާ ކަމަށާއި ރާނީ ޕަދްމިނީއާ ގުޅޭ ދޮގު ވާހަކަތަކެއް ފިލްމުގައި ހިމަނާފައިވާ ކަމަށް ބުނެ އެވެ.

އެގޮތުން ކަރްނީ ސެނާއިން ވަނީ ޖެއިޕުރްގައި ފިލްމުގެ ޝޫޓިން ކުރިއަށް ގެންދަން ތައްޔާރުކޮށްފައި ހުރި އަގު ބޮޑު ސެޓާއި ތަނުގައި ހުރި ތަކެތީގެ އިތުރުން ޑައިރެކްޓަރު ބަންސާލީގެ ގައިގަ ވެސް ތަޅައިގަނެފަ އެވެ.

އެ ހަމަލާ އަށް ފިލްމުގެ ޝޫޓިން މަޑުޖައްސާފައި އޮތުމަށްފަހު މަހަރާޝްތްރަ ސްޓޭޓްގެ އަވަށެއް ކަމަށްވާ ކޯލާޕޫރްގައި މާޗް މަހުގެ ތެރޭގައި އަލުން ޝޫޓިން ފެށި ދުވަހު ވަނީ ކޮސްޓިއުމްތައް ބަހައްޓާފައި ހުރި ޓެންޓަކަށް ޕެޓްރޯލް ބޮން އުކައި ފިިލްމުގެ ޖޫނިއާ އާޓިސްޓުން ބޭނުންކުރާ ހުރިހާ ކޮސްޓިއުމްތައް އަންދާލާފަ އެވެ. އަދި ފިލްމުގެ ޕޯސްޓަރު ދައްކާލުމާ އެކު ކާނި ސެނާ ގްރޫޕުން ވަނީ ފިލްމުގެ ޕޯސްޓަރުތަކަށް ގެއްލުންދީ ފިލްމު ރިލީޒްނުކުރެވޭނެ ކަމުގެ އިންޒާރުދީފަ އެވެ.

އެތަކެއް ދަތިތަކާ އެކު ވެސް ބަންސާލީ އަންނަނީ ތާރީހީ ލޯބީގެ ވާހަކައެއްގެ މައްޗަށް އޭނާ އުފައްދާ މި ފިިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.