ކުޅިވަރު

ކެޓަލޯނިއާގެ ދައުލަތް އުފައްދައި ބާސާ ޕްރިމިއާ ލީގަށް؟!

Sep 30, 2017

ސްޕެއިންގެ އުތުރު އިރުމަތީ ފަޅި، ސްޕެއިން އާ ވަކިވެ، ކެޓަލޯނިއާ ކިޔާ ގައުމެއް އުފައްދަން އުޅޭ ވާހަކަ އަކީ، ބައިގަރުނަށް ވުރެ ދިގު ވާހަކަ އެކެވެ. ދާދި ފަހަކާ ހަމަޔަށް އެވާހަކަ އޮތީ، ސްޕެއިންގެ ސިޔާސީ ނުވަތަ ދާހިލީ އިމުގެ ތެރޭގައެވެ. ތަށިގަނޑު ފަޅާލައި، ކުޅިވަރު ދަނޑުތަކާ ހަމަޔަށް، ކެޓަލޯނިއާގެ މިނިވަން ކަމުގެ ވާހަކަ އަތުވެއްޖެ އެވެ.

ކެޓަލޯނިއާ، އުފެދިއްޖެަނަމަ، އެ ދައުލަތުގެ ވެރިރަށަކަށް އަދި އެންމެ ބޮޑު ސަރަހަދެއް ހިއްސާ ކުރާ ރަށަކަށް ވާނީ، ބާސެލޯނާ ސިޓީ އެވެ. ކެޓަލޯނިއާ ދައުލަތް އުފެއްދުމުގެ ވާހަކަތައް ކުޅިވަރު ދަނޑާ ހަމަޔަށް އަންނަ ހިސާބަކީ ވެސް އެއީ އެވެ. މުޅި ޔޫރަޕްގައިވެސް އަދި ދުނިޔޭގައިވެސް، ބާސެލޯނާ ތަމްސީލު ކުރާ އެންމެ ބޮޑު ހަރަކާތަކީ އެފްސީ ބާސެލޯނާ އެވެ. އެއީ ފުޓްބޯޅަ އާއި ބާސްކެޓްގައިވެސް ބޮޑުހިއްސާއެއް އޮތް ކުލަބެކެވެ.

މާދަމާ، ނެގުމަށް މަސައްކަތް ކުރާ ކެޓަލޯނިއާގެ ފެންނަ ނުފެންނަ ވޯޓަކީ ގައިރު ގާނޫނީ އަމަލެއް ކަމަށް ސްޕެއިންގެ މައި ސަރުކާރުން އޮތީ އިއުލާން ކޮށްފަ އެވެ. އެކަން ހުއްޓުވުމަށް، ސްޕެއިންގެ މައި ސަރުކާރުން އޮތީ އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށް ތައްޔާރު ވެގެންނެވެ. ސްޕެއިންގެ ސަރުކާރުގެ ނުފޫޒާއި ބާރުގެ ސަބަބުން ސްޕެއިންގެ ލީގުން ބާސެލޯނާ އަށް ފުރުސަތު ގެއްލިދާނެ ކަމުގެ ބިރު، ބާސާ އަށް އޮތީ ކުރިމަތިވެފަ އެވެ. އެޔާއެކު، ބާސެލޯނާ އަށް ނިސްބަތްވާ އާންމު ރައްޔިތުންގެ މެދުގައި އެކަމުގެ ކަންބޮޑުވުން އުފެދެން ފެށުމުން، ކެޓަލޯނިއާގެ ސްޕޯޓްސް މިނިސްޓަރު އިއުލާން ކުރީ ހައިރާން ވާފަދަ ވާހަކަ އެކެވެ.

ކެޓަލޯނިއާގެ ފެންނަ ނުފެންނަ ވޯޓަށް ފަހު، ޕްރިމިއާ ލީގްގައިވެސް ބާސެލޯނާ ވާދަކޮށްފާނެ ކަމަށް، ވަކި ކެބިނެޓެއް އުފައްދައިގެން އުޅޭ ކެބިނެޓްގެ ސްޕޯޓްސް މިނިސްޓަރު ޖެރާޑް ފިގާރަސް ވިދާޅުވި އެވެ.

"މިހާރުވެސް ސްޕެއިންގެ ގައުމީ ލީގްތަކުގައި ކުޅޭ އެހެން ގައުމުގެ ޓީމުތައް، އެންޑޯރާގެ ކުލަބު ތަކުން ފުޓްބޯޅަ އަދި ބާސެކެޓްބޯޅައިގައި ސްޕެއިންގެ ލީގްގައި ކުޅޭ، މޮނަކޯ ކުޅޭ ފްރާންސްގައި، އިންގްލެންޑްގައި ވޭލްސްގެ ކުލަބުތައް ކުޅޭ، "ފިގާރަސް ވިދާޅުވި އެވެ." އަހަންނަކަށް ހީއްނުވޭ ޔޫއެފްއާއިން އިދިކޮޅު ކަމެއް ގެންގުޅެފާނެ ހެނެއް އެ ގައުމާ ތަފާތު ގައުމެއްގެ ލީގްގައި ކުޅެތީ."

އޭނާ ވިދާޅުވީ ކެޓަލޯނިއާގެ މިނިވަންވުމަށް ފާސް ވެއްޖެނަމަ، ސްޕެއިންގެ ލަލީގާގައި ކުޅޭ ކެޓަލޯނިއާ ސަރަހައްދުގެ ޓީމު ތައް: ބާސެލޯނާ އެސްޕަނޯލް އަދި ޖިރޯނާ އިން، އެޓީމުތައް ކުޅޭނީ ސްޕެއިންގެ ލީގްގައި ތޯ ނުވަ އަވަށްޓެރި އެހެން ގައުމެއްގެ ލީގްގައިތޯ ނިންމަންޖެހޭނެ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ފްރާންސް ލީގް ގައި ނުވަތަ އިޓަލީގެ ސޭރީއާ ނުވަ އިނގިރޭސި ވިލާތުގެ ޕްރިމިއާ ލީގްގައި ކުޅުމުގެ ފުރުސަތު ހޯދިދާނެ ކަމަށެވެ.

ބާސެލޯނާ، ލަލީގާގައި ނުކުޅޭނަމަ، އެއީ ލަލީގާ މަކެޓިން އަށާއި ވާދަވެރިކަމަށް، ކުރިމަތިވާނެ ބޮޑު މައްސަލައެކެވެ. މިދިޔަ ދެތިން އަހަރު ތެރޭ ލަލީގާގެ ވާދަވެރިކަން އޮންނަނީ ތިން ޓީމެއްގެ މައްޗަށެވެ. އެންމެ ވާދަވެރިވަނީ ބޮޑު ދެ ޓީމު ކަމަށްވާ، ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދެމެދުގަ އެވެ. ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ ޒަމާންވީ އެލްކްލެސިކޯ އެހާހިސާބުން ނިމުމަކަށް އަންނާނެ އެވެ. ބާސާގެ ކުރީގެ ރައީސް ހުއާން ލަޕޯޓާ ވިދާޅުވީ އެލެކްލެސިކޯ ހުއްޓުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

"ބާސެލޯނާ އާއި ރެއާލް މެޑްރިޑަކީ ވަރަށް ބޮޑު ދެ ޕްރޮޑެކްޓް، ދެ ޕްރޮޑެކްޓްގެ ވާދަވެރިކަން ހުއްޓުވަން އުޅުމަކީ ސްޕެއިންގެ ސަރުކާރުގެ ބަޔަކުން [ލަލީގާ ނުވަތަ ސްޕެއިންގެ ފުޓްބޯޅަ ފެޑްރޭޝަން] ހަދާ ބޮޑު ގޯހެއް." ލަޕޮޓާ ވިދާޅުވި އެވެ.

ކެޓަލޯނިއާ ވަކިވެއްޖެނަމަ، އެކަމުގެ އަސަރު ސްޕެއިންގެ ގައުމީ ޓީމަށްވެސް ކުރާނެ އެވެ. ސްޕެއިންގެ ގައުމީ ޓީމު އެކުލަވާލަނީ، ބާސެލޯނާގެ ކުޅުންތެރިންގެ ތެރެއިން ވަރުގަދަ ނަންތަކެއްވެސް ހިމެނިގެން ނެވެ. ސްޕެއިންގެ ވައިސް ކެޕްޓަނަކީ، ބާސެލޯނާގެ ކެޕްޓަން އަންދުރޭ އިނިއެސްޓާ އެވެ. މާދަމާ ކެޓަލޯނިއާ ވަކި ގައުމެއްގެ ގޮތުގައި އުފަން ވިޔަސް، އިނިއެސްޓާ އާއި ޖެރާޑް ޕީކޭ އަދި ޖޯޑީ އަލްބާ ފަދަ ކުޅުންތެރިންނަށް ކެޓަލޯނިއާގެ ގައުމީ ޓީމަށް ނުކުޅެވޭނެ އެވެ. ފީފާގެ މިހާރުގެ ގަވައިދު ބުނާ ގޮތުން، އެހެން ގައުމެއްގެ ގައުމީ ޓީމު ތަމްސީލު ކުރި ކުޅުންތެރިިޔަކަށް އަލުން އެހެން ގައުމީ ޓީމަކަށް ނުކުޅެވޭނެ އެވެ.