ހަބަރު

ސްކޫލްތަކުގައި ޑްރަގެއް ބަހާ ވާހަކަ ފުލުހުން ދޮގުކޮށްފި

"ނިއު ޑްރަގް އިން ސްކޫލްސް"ގެ ނަމުގައި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މެސެޖްގައި ހަގީގަތެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ. މި ދުވަސްވަރު ސޯޝަލް މީޑިއާގައި ދައުރުވާ މެެސެޖްގައި ބުނެފައިވަނީ "ސްޓްރޯބެރީ ކްއިކް" ނަމަކަށްކިޔާ ރަހަ މީރު ޑްރަގެއް ސްކޫލްތަކުގައި ދައުރުކުރަމުންދާ ކަމަށެވެ.

އެ މެސެޖްގައި ބުނެފައިވަނީ ސްކޫލް ދަރިވަރުންނަށް ޗޮކްލެޓް ނުވަތަ ކޭންޑީއެއްގެ ގޮތުގައި މީހުން އެ ޑްރަގު ދެމުންދާ ކަމަށާއި އޭގެ ރަހަތައް ހުންނަނީ ކުޑަކުދިން އެންމެ ގަޔާވާ ގޮތަށް ކަމަށެވެ. އެހެންކަމުން ގޮތް ނޭނގޭ މީހުން ދޭ އެއްޗެހި ނުކެއުމަށް ބެލެނިވެރިން ދަރިވަރުންނަށް އެންގުމަށް އެ މެސެޖްގައި އިލްތިމާސްކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން މިއަދު ފުލުހުން ބުނީ، އެފަދަ އެއްވެސް މައްސަލައެއް ނުވަތަ މެސެޖްގައި ބަޔާން ކޮށްފައިވާ ހާތަލަށް ނިސްބަތްވާ އެއްވެސް މައްސަލައެއް އެއްވެސް ސްކޫލަކުން ނުވަތަ ޓީޗަރެއް ނުވަތަ ބެލެނިވެރިއެއްގެ ފަރާތުން ވެސް ރިޕޯޓްކޮށްފައިނުވާ ކަމަށެވެ.

"އާންމުކޮށް ވެސް މިފަދަ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްދައި ނުވާތީ އަދި މި މެސެޖްގެ އަސްލަށް ބަލާއިރު ވެސް މީ ރަނގަޅު ނޫން މައުލޫމާތެއްކަން ފުލުހުންނަށް ޔަގީން ކުރެވޭތީ މި ދައުރު ކުރަމުންދާ މެސެޖަކީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމުގައި ދަންނަވަން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ހަގީގަތާ ހިލާފު އަސްލެއް ނެތް މައުލޫމާތު ނުފެތުރުމަށާއި ސޯޝަލް މީޑިއާގައި މައުލޫމާތު ހިއްސާ ކުރުމުގައި ޒިންމާދާރުވުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފަ އެވެ.