ބޮލީވުޑް

ކަރަންގެ އާ ފިލްމެއްގައި އަނެއްކާ ވެސް ރަންބީރު

Oct 1, 2017

ބުރާސްފަތި ދުވަހު ބޮލީވުޑްގެ މަޝްހޫރު ޒުވާން ތަރި ރަންބީރު ކަޕޫރަށް 35 އަހަރުވީ އުފަންދުވަސް ގާތް އެކުވެރިންނާއި އާއިލާގެ މެމްބަރުންނާއެކު ފާހަގަކޮށްފައިވަނީ ވަރަށް ކުޑަ ރަސްމިއްޔާތެއްގަ އެވެ.

އުފަންދުވަހުގައި ރަންބީރަށް ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި ޑައިރެކްޓަރުން އަދި ޕްރޮޑިއުސަރުން ވަނީ ވަނީ ދުވަހުގެ ތަހުނިޔާ ޓްވީޓާ މެދުވެރިކޮށް ފޮނުވާފަ އެވެ.

އޭގެތެރެއިން ވެސް ރަންބީރަށް އެންމެ ހާއްސަ ވެގެން ދިޔައީ ޑައިރެކްޓަރު އަދި ގާތް އެކުވެރިޔާ ކަރަން ޖޯހަރުގެ ތަހުނިޔާ އެވެ. ކަރަން އުފެއްދި ތިން ފިލްމެއްގައި މޮޅު އެކްޓިންއެއް ދައްކާފައިވާ ރަންބީރުގެ އެކްޓިން އަށް ތައުރީފުކުރަމުން ކަރަން ކުރި ޓްވީޓުގައި ވަނީ ރަންބީރާ އެކު އިތުރު ފިލްމެއް އުފައްދަން ނިންމާފައިވާ ކަމުގެ އުފާވެރި ހަބަރު ހިއްސާކޮށްފަ އެވެ.

އެއީ ކޮން ފިލްމެއްކަން އަދި ހާމަނުކުރިޔަސް ކަރަންގެ ފިލްމަކުން ރަންބީރު ފެނިގެންދާނެކަން މިވަނީ ޔަގީންވެފަ އެވެ. ބެލުންތެރިންގެ މެދުގައި ކަރަން އާއި ރަންބީރުގެ އާ ފިލްމުގެ ވާހަކަތައް މިހާ އަވަހަށް ވަނީ ދެކެވެން ފަށާފަ އެވެ.

ކަރަން އެންމެފަހުން ޑައިރެކްޓްކުރި ލޯބީގެ ފިލްމު، އޭ ދިލްހޭ މުޝްކިލް" ގެ ލީޑްރޯލު ކުޅެފައިވަނީ ރަންބީރެވެ. އަދި އޭގެކުރިން ވަނީ ކަަރަންގެ ދަރްމާ ޕްރޮޑަކްޝަނުން އުފެއްދި "ވޭކް އަޕް ސިދް" އާއި "ޔޭ ޖަވާނީ ހޭ ދިވާނީ" އިން ވެސް ފެނިގެން ގޮސްފަ އެވެ.

މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ މަސައްކަތް ރަންބީރު ކުރަމުން އަންނައިރު، އެ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އެ ފިލްމުގެ ޝޫޓިން ނިމުމުން ރަންބީރު ދެން އެންމެ އަވަހަށް ޝޫޓިން ފަށާނީ އަޔާން މުކަރްޖީ ޑައިރެކްޓްކުރާ ސުޕަހީރޯ ފިލްމުގެ މަސައްކަތެވެ. ރަންބީރާ އެކު އެ ފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދާނީ އާލިއާ ބަޓް އެވެ.