ބޮލީވުޑް

"ޕަދްމާވަތީ" އާ ހެދި ރަންވީރު ނަފްސާނީ ބައްޔަށް ފަރުވާ ހޯދަނީ؟

Oct 1, 2017
1

ޒުވާން އެކްޓަރު ރަންވީރު ސިންގް އަކީ މި ވަގުތު ބޮލީވުޑްގައި ތިބި އެކްޓަރުންގެ ތެރެއިން ތަފާތު ރޯލުތައް ކުޅެން އެންމެ ކުޅަދާން އެކްޓަރެވެ. މިހާތަނަށް ރަންވީރުގެ ނިކުތް ފިލްމުތަކުގެ ތެރެއިން "ރާމް ލީލާ" އާއި "ބާޖީރާއޯ މަަސްތާނީ" އަކީ އޭނާގެ ކުޅަދާނަކަން ބެލުންތެރިންނަށް ސާބިތުކޮށްދިން ފިލްމުތަކެވެ.

މޮޅު އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރުން ރަންވީރު ސިފަކުރަނީ މަސައްކަތާ ވަރަށް ގަޔާވެގެން ފަރުވާ ބަހައްޓައިގެން މަސައްކަތްކުރާ ތަރިއެއްގެ ގޮތުގަ އެވެ.

އޭގެ އެއް މިސާލަކީ އޭނާ މިހާރު ކުޅެމުން އަންނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތީ" އެވެ. ތާރީހީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ މި ފިލްމުގައު ރަންވީރު ފެނިގެންދާނީ ވަރަށް ރުޅިގަދަ އަދި އަނިޔާވެރި ވެރިއެއްގެ ގޮތުގަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން ޝޫޓްކުރަމުން އަންނަ މި ފިލްމުގެ ޝޫޓިން ކުރިއަށްދާތާ ގާތްގަނޑަކަށް އަހަރެއްވީ އެވެ. ފާއިތުވި އަހަރެއްހާ ދުވަހު މި ފިލްމުގެ ޝޫޓިންގައި އުޅެންޖެހުމުން އެކަމުގެ ނޭދެވޭ އަސަރު ރަންވީރަށް ވަރަށް ބޮޑަށް ވަނީ ކޮށްފަ އެވެ.

އަލާއުއްދީން ޚިލްޖީގެ ރޯލު ކުޅެން ތައްޔާރުވުމުގެ ގޮތުން ރަންވީރު އެންމެފުރަތަަމަ ވަނީ އޭނާގެ ރޯލާ ގުޅުން ހުރި ގިނަ ކަންތައްތަކެއް ދިރާސާ ކޮށްފަ އެވެ. އެގޮތުން އަމިއްލް ގޭގެ ކޮޓަރީގައި އަނދިރީގެ ތެރޭގައި ބަންދުވެގެން ހުރެ އޭނާ ވަނީ ނުބައިބައި މީހެއްގެ ރޯލު ކުޅެން ތައްޔާރުވެފަ އެވެ.

އާއިލާގެ މެމްބަރުންނާއި ގާތް އެކުވެރިންނާ ދުރުވެ، ފިލްމުގެ ރޯލު ތެރެއަށް މާ ބޮޑަށް ރަންވީރަށް ވަދެވި އެކަމުގެ ނޭދެވޭ އަސަރު އޭނާގެ ކިބައިން ފެނި، އަލާއުއްދީންގެ ކެރެކްޓަރުން އޭނާ އަށް ނިކުންނަން އުނދަގޫ ވުމުން އަންނަނީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ.

ރަންވީރުގެ ގާތްފަރާތަކުން ނޫސްތަކަށް ބުނެފައިވަނީ އެ ނުބައި އާދަތަކުން ދުރުވާން އޭނާ މިހާރު ނަފްސާނީ ޑޮކްޓަރެއްގެ ފަރުވާ ހޯދަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

"މި ފިލްމުގެ މަސައްކަތް އޭނާ ކުރާތާ އަހަރެއްހާ ދުވަސްމިވީ. އެކުގައި އުޅޭ މީހުންނާ ދޭތެރޭ އޭނާ ދެކޭ ގޮތް ބަދަލުވެ ކުއްލިއަކަށް މިޒާޖަށް ބަދަލުތަކެއް އައިސް މާ ރުޅިގަދަވާން ފަށަނީ. އެކަންކަން ފާހަގަކުރެވިގެން އާއިލާ މީހުންނާއި އެކުވެރިންގެ އެހީ އާއެކު އެކަންކަމުން ދުރުވާން ފަރުވާ ހޯދަން ފެށީ،" ރަންވީރާ ބެހޭގޮތުން އޭނާގެ އެކުވެރިޔާ ބުނެފައިވެ އެވެ.

މީގެކުރިން ވަނީ ފިލްމުގެ ޝޫޓިން އަށް ރަންވީރު ތައްޔާރުވެގެން ހުއްޓައި އޭނާ ކައިރިއަށް މީހަކު އަޔަސް އެމީހަކާ ދިމާލަށް ހަރު އަޑުން ވާހަކަދައްކައި ރުޅި އައިސްގެން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް ދެކެވިފަ އެވެ. ބުނެވޭ ގޮތުގައި އެއީ ވެސް އަލާއުއްދީންގެ ރޯލު ތެރެއަށް އޭނާ އަށް މާ ބޮޑަށް ވަދެވި އަމިއްލަ ނަފްސު ކޮންޓްރޯލު ކުރަން ދަތިވުމުން ދިމާވި ކަމެކެވެ.

އެފަދަ ކަންތައް ފިލްމުގެ ސެޓުގައި ތަކުރާރުވާން ފެށުމުން ރަންވީރު ވަނީ ފިލްމުގެ ކޮންމެ ޝިޑިއުލެއްގެ ޝޫޓިން ނިމުމުން ބޯހަމަޖައްސާލަން ޗުއްޓީ ދަތުރުތައް ގޮސްފަ އެވެ. އަދި އަމިއްލަ މީހާ އުފާކުރަން މިފަހުން ވަނީ އަގުބޮޑު ކާރެއް ވެސް ގަނެފަ އެވެ.

ނަމަވެސް އެއިން އެއްވެސް ކަމަކުން ވެސް އޭނާގެ ނަފްސަށް މާބޮޑު ހަމަޖެހުމެއް ނުލިބުމުން އެކަމަށް ޑޮކްޓަރުންގެ އެހީތެރިކަން ހޯދަން ނިންމައި، ނަފްސާނީ ބައްޔަށް ބޭސްކުރަން ފަށާފަ އެވެ.

ރާނީ ޕަދްމިނީގެ ރޯލުން ދިޕިކާ ޕަދުކޯން ފެނިގެންދާ މި ފިލްމުގައި ރަންވީރު ފެނިގެންދާނީ އޭނާ އާ ހެދި މޮޔަވެފައި ހުންނަ މީހެއްގެ ރޯލުންނެވެ.

މުހިންމު ރޯލަކުން ޝާހިދު ކަޕޫރު ވެސް ފެނިގެންދާ މި ފިލްމު ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ރިލިޒްކުރާ ގޮތަޑް ހަމަޖެހިފައިވީ ނަމަވެސް އަދިވެސް ފިލްމުގެ ބައެއް މަންޒަރުތައް ނަގައި ނުނިމޭ ކަމަށްވެ އެވެ.