ވާހަކަ

މިންނުގެ ޑައިރީ

(28 ސެޕްޓެމްބަރ 2017 އާ ގުޅޭ) -- އޭނަދެކެ ވާ ލޯބި އިތުރުވާވަރަށް ހިތުގައި ނޭގޭ ބިރެއްވެސް އުފެދެމުން ދިޔައެވެ. އެކުވެރިޔާއެވެ. ކަރީގައި އުޅޭ ރީތިކުދިން ފެނިފައި އަޒާން އެފަދަ އަންހެން ކުއްޖަކަށް ހިތްލެބިދާނެތީ ބިރުގަންނަނީއެވެ. އަޒާނަށް އަހަރެންގެ އާދައިގެ ގޮތް ކިތަންމެ ކަމުދިޔަ ކަމުގައި ވިޔަސް އަހަރެންނަށް މިފަދަ ކަންތައްތައް ކުރެވެނީ ކީއްވެކަމެއްނޭގެއެވެ. އަހަރެން ދުވަހަކުވެސް އަޒާން ގެއްލޭކަށް ނޭދެމެވެ. އެއީ އަހަރެންގެ ފުރަތަމަ ލޯތްބެއެވެ. އަހަރެންގެ ހިތްވަނީ އޭނައަށް އެއްކޮށް ދެވިފައެވެ. ދެން އެހެންމީހަކަށް ދޭނެއެއްޗެއް އަހަރެންގެ އަތުގައެއް ނެތެވެ.

ދުނިޔޭގެ ޒީނަތަށް އަހަރެންގެ ހިތް ވެސް ޖެހެނީއެވެ. އެއީ ރަނގަޅު ސިފައެއްނޫންކަން އެނގި އެނގި ހުރެއެވެ. ﷲ އިންސާނުން އުފެއްދެވީ އެންމެ ރީތި ސޫރައިގައިކަން އެނގި ހުރެ ވެސް އިތުރަށް ރީތިވާން މަސައްކަތް ކުރެވެނީއެވެ. އެގޮތުން އެ ނުބައި ވަސްވާހުގައި ޖެހި އަމިއްލައަށް ގޮސް މޭކަޕް ކުރާން ބޭނުންވާނެ ދެތިން އެއްޗެއް ގަނެގެން އައީމެވެ. އިރުއޮއްސި ޕާޓީއަށް ދާންވާއިރަށް ތައްޔާރުވާންވެގެންނެވެ. ޕާޓީ ފެށޭ ގަޑިއަކީ ރޭގަނޑު އަށްގަޑި ފަނަރައެވެ. ވަގުތު އޮތުމާއެކު ގަނެގެން ގެނައި އެއްޗެހި ކޮޓަރިއަށް ލާފައި ނުކުތީ ސައިތަށްޓެއް ބޯލަން ބަދިގެއަށް ދިއުމަށެވެ. ކޮޓަރީން ނުކުމެގެން އައިސް ބިއްދޮށް ފަރާތު ދޮރުން ގޭތެރެއަށް ވަންތަނާ ހަފިއްތައާ ދިމާވިއެވެ. އޭނާ ވެސް ކޮޓަރިން ނުކުތީ ހަމަ އެވަގުތުއެވެ. އަޅާނުލާ ބަދިގެއަށް ވަންނާން ދިޔައީމެވެ. އޭރު ބަދިގެ ތެރޭގައި ސުހައްތަ އުޅޭތަން އަހަރެން ދުށީމެވެ. ބަދިގޭ ދޮރާ ހަމަވިތަނާ ކުއްލިއަކަށް އިވުނީ ހަފިއްތަގެ އަޑެވެ. އެނބުރި އޭނާއަށް ބަލަހައްޓައިގެން އަހަރެން މަޑުކޮށްލީމެވެ.

ހައިފާ: "މިންނު!... އާދެބަލަ!... އަން! މި ފަންސާސް ރުފިޔާ ހިފައިގެން ދޭބަލަ އެއްކަލަ މީރު ހެދިކާ ވިއްކާ ގެއަށް. އަހަރެންގެ ރައްޓެއްސަކު މިއަދު ސައިބޯން އަންނާނެ... ތި ފަންސާސް ރުފިޔާ އެއްކޮށް ހެދިކާ ގެނޭ... ހަނދާންކޮށް ހަނޑުލުގުޅައާއި ބަޖިޔާ ގެންނާތި."

ހަފިއްތަ ދިއްކޮށްލި ފަންސާސް ރުފިޔާގައި އަހަރެން ހިފީމެވެ. އެވަގުތު ބަދިގެ ތެރޭގައި ހުރެފައި ސުހައްތަ ނުކުތެވެ. ހީވަނީ ހަފިއްތަ އަހަންނަށް ގޮވާލި އަޑު އިވިގެން ސުހައްތަ ނުކުތީ ހެނެވެ. އޭނާ ނުކުތް ގޮތަށް ވާނުވާ ދެނެގެންފިއެވެ. ވަގުތުން ވާހަކަދައްކަން ފެށިއެވެ.

ސުހާ: "އަކީލު އަންނަނީތަ؟"

ހައިފާ: "ކިހިނެއްވީ؟ އޭނާ އައިސްގެން ނުވޭތަ؟"

ސުހާ: "އޭނާއަށް ކާންދޭން ހެދިކާ ގަންނަންޏާ ކަލޭ ދާންވީނު ހެދިކާ ގަންނާން... ކީއްކުރަން މިންނު ފޮނުވަނީ"

ސުހައްތަގެ ވާހަކަ ހުރި ރާގުން ހަފިއްތަ ހިތްހަމަނުޖެހުނުކަން އޭނާގެ މޫނުން އަހަންނަށް ފެނުނެވެ. ސުހައްތަ ވެސް ހުރީ ހަފިއްތައަށް ދޫކުރާ ފަދަ ގޮތަކަށްހެން އަހަންނަށް ހިޔެއްނުވެއެވެ. އެ ދެމީހުން ކޯޅިގަނެދާނޭހެން އަހަންނަށް ވަރަށް ބޮޑަށް ޔަގީން ވުމުން ކުރިއަށް ހިނގައިގަތީމެވެ. އެމީހުން ގާތު ހެދިކާ ގަންނާން އަހަރެން ހިނގައިދާނަމޭ ބުނެފައެވެ. ކަންތައްތައް ގޯސްވެ ޒުވާބެއް ފެށޭކަށް އަހަރެން ބޭނުމެއްނޫނެވެ. ހަލުވިކޮށް ގެއިން ނުކުންނާން ދިޔައީ އެހެންވެއެވެ.

ދިޔަތާ ދިހަމިނެޓުތެރޭ ހެދިކާ ގަނެގެން އައިސްފީމެވެ. ނަސީބު ރަނގަޅު ތަންކޮޅެއް އަވަހަށް ހެދިކާ ލިބުނީއެވެ. އަހަރެން އާންމުކޮށް ހެދިކާ ގަންނާން ދާތީ އެ ގޭ ޚައްޖައްތައަށް އަހަރެން އެނގޭތީ ކުރީބައިގައި ހެދިކާ އަޅައިދިނީއެވެ. ހެދިކާ ކޮތަޅު ހިފައިގެން އައިސް ވަނީ ބަދިގެއަށެވެ. އޭރު ކުޑަކުޑަ ކާމޭޒުގެ ދެފަރާތުގައި ސުހައްތަ އާއި ހައިފިއްތަ ތިއްބެވެ.

އާންމުކޮށް ހުންނަ ވަރަށް ވުރެ ރީތިވެލައިގެން ހަފިއްތަ އިންކަން އަހަންނަށް ފާހަގަކުރެވުނެވެ. އެ ދެއްކުންތެރިކަމުގެ ފަރުދާގެ ފުރަގަހުގައިވާ ރުޅިވެރި މިޒާޖު އަކީލަށް ފެންނާނޭނަމައޭ އަހަރެންގެ ހިތަށް އެރިއެވެ. ކާމޭޒުމަތީ ގެނެސް ހެދިކާ ކޮތަޅު ބެހެއްޓުމާއެކު އަހަރެން އެނބުރުނީ ސައިތަށްޓެއް ހެދުމަށެވެ. އެވަގުތު ހަފިއްތަ ހެދިކާ ކޮތަޅުތެރެ ބަލާލާ ވާހަކަދެއްކިއެވެ.

ހައިފާ: "އެންމެން ސައިބޯ ވަރަށް ހެދިކާ މި ހުރީ. އިރުކޮޅަކުން އަކީލު އަންނާނެ. އެންމެން އެކުގައި ސައިބޯން މަޑުކުރަންވީނު"

ސުހާ: "އެ ކީއްކުރަން؟"

ހައިފާ: "އަކީލު... އޭނާ އެންމެންނާ ބައްދަލުކޮށްލާން ބޭނުންވާތީ"

ހަފިއްތަ އެންމެފަހުން އެ ބުނެލި އެއްޗަކުން އަހަރެން ގާތަށް ހިނިއަންނަ ގޮތްވިއެވެ. އޭނާއަށް ފުރަގަސްދީގެން ހުރެވުނުކަން ނަސީބެކޭ ހިތަށް އެރިއެވެ. ހަމަޖެހިލަމުން ޤަބޫލުނުކުރެވިފައި ހުރި ފަދަ ބަލާލުމެއް ހަފިއްތައަށް އަހަރެން ދިނީމެވެ. އޭރު ވެސް އޭނާގެ މޫނުމަތިން ފެންނަނީ ފޫހިކަމެވެ. ހީވަނީ މަޖުބޫރުވެގެން ކަމެއް ކުރަނީ ހެނެވެ. އެއާއެކު ޢައިލާގެ މެންބަރުންނާ ބައްދަލުކުރުމަކީ އަކީލުގެ އަމިއްލަ ނިންމުމެއްކަން ދެނެގަންނާކަށް އަހަންނަށް އުނދަގުލެއް ނުވިއެވެ. އެއްވެސް އިރެއްގައި ހަފިއްތައަކީ އޭނާގެ ކަންތައްތަކުގައި އަހަންނާއި ސުހައްތަ ބައިވެރިކުރާ މީހެއްނޫނެވެ. ނަމަވެސް އޭނާ އެދުނީތީ އަހަންނާއި ސުހައްތަ އެއްބަސްވީމެވެ. ފަހަރެއްގައި ހަފިއްތަގެ އެ ހުންނަ ކޫސަނި ދެއްކުންތެރިކަމާއި ބޮޑާކަން ކަނޑުވާލެވޭނެ މީހަކަށް އަކީލު ވެދާނެއެވެ.

މަޣްރިބު ނަމާދަށް ގޮވީ ސުހައްތަގެ ކޮޓަރީގައި ހިންދީ ފިލްމެއް ބަލަން އަހަރެން އޮއްވައެވެ. ކޮޓަރިއަށް ގޮސް މަޣްރިބު ނަމާދަށް އެރުމުގެ ކުރީން ފެންވާރާލީ އިޝާ ނަމާދަށްފަހު ތައްޔާރުވާނޭހާ ވަގުތު ނޯންނޭތީއެވެ. ދެނަމާދު ދޭތެރެއަކީ ހަމަޖެހިލައިގެން އަހަންނަށް ޤުރުއާން ކިޔަވާލަން ލިބޭ ވަގުތުކޮޅެވެ. އެހެންވެ އެ ވަގުތު ބޭކާރުވެގެން ދާކަށް ނޭދެމެވެ. ކޮންމެ ނަމާދެއްގައި ހެއްދެވިފަރާތަށް ދުޢާ ދަންނަވަމެވެ. އަހަރެންނާއި އަހަރެންގެ ޢާއިލާ ރައްކާތެރިކޮށްދެއްވުމަށެވެ. ބައްޕަ މަރުވެފައި ވާނަމަ އެ ބައްޕަގެ ކަށްވަޅު އަލިކޮށްދެއްވުމަށެވެ. މަންމަގެ ލޯބިން މަޙުރޫމު ވިޔަނުދެއްވުމަށެވެ. އަހަރެންދެކެ އިންތިހާއަށް ލޯބިވާ ފިރިއަކުދެއްވާ، ރަނގަޅު ދިރިއުޅުމެއް ދެއްވާތޯއެވެ. އަބަދުވެސް އެފަރާތަށް އަޅުކަން ކުރާ ހާލުގައި ދަމަހައްޓަވާތޯއެވެ. ތެދުމަގުމަތީއެވެ. އެކަލާނގެއަކީ ހުރިހާ އަޅުތަކުންގެ ހާލު މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އޯގާވެރި ރަސްކަނލާގެއެވެ. އެކަލާނގެ ވާގިފުޅާއެކު މެނުވީ އެއްވެސް ކަމެއް ނުވާނެއެވެ. އަހަރެންގެ ދިރިއުޅުމުގައި ޒަމާންތަކަކަށް ދެމިގެންދިޔަ ހުސްކަން އަޒާން ފުރިހަމަކޮށްދީފިކަމުގެ އިހުސާސް މިއަދު ކުރެވެއެވެ. އެގޮތް މެދުވެރިކުރެއްވީ ހަމަ އެ އިލާހެވެ. އެ އުފާވެރިކަން ދެމިގެންދާނީ އެކަލާނގެއަށް ފުރިހަމަ ގޮތުގައި ތަޤުވާވެރިވެގެންނެވެ.

އަށެއް ޖެހުމުން ސުހައްތަ އައިސް އަހަރެންގެ ކޮޓަރީގައި ޓަކިދޭން ފެށިއެވެ. އަވަސް ކުރާށޭ ކިޔާފައެވެ. އަހަންނަށް ތައްޔާރުވެވުނު އެންމެ ފުރިހަމައެއްކޮށް ތައްޔާރުވެގެން ނުކުތީމެވެ. ހަނދުމަހުން ފަނަރަ ނޫނީ ސޯޅަ ކަމަށްވާތީ ނިކަން ރީތިކޮށް ހަނދު ފެންނާން ހުއްޓެވެ. އަހަރެންގެ ކޮޓަރީގެ ބޭރަށް ވެރިވެފައިވާ ނަލަ ހަނދުވަރުގެ އަލިން މުޅި އެ ހިސާބުވަނީ އަލިކޮށްލާފައެވެ. އެހެން ރޭ ރޭއާ ޚިލާފަށް މިރޭ އަހަރެންގެ ކޮޓަރިކައިރި އަނދިރިކަމަކަށް ނުދައްކައެވެ. މުޅިން އައު ދިރުމެއް ވެރިވެފައިވާ ކަހަލައެވެ. މުށިގަނޑު ތަކުގައި އިންދާފައި ހުރި ގަސްތަށް ވަކިވަކިން ފެންނަން ހުއްޓެވެ. ހިތަށް ލިބުނު ހިތްހަމަ ޖެހުން ބުނަން ވެސް ނޭގެއެވެ. އެ ކޮޓަރިއަށް ބަދަލުވީފަހުން މިއީ ފުރަތަމަ ހަނދުވަރުދިން ރެއެވެ. މެދުއުޑަށް ނާރާ އޭގެ އެންމެ ފުރިހަމަ ކަންމަތީ އަލިކުރަމުންދިޔަ ހަނދަށް ބާލާލެވުނީ ބޭއިޚްތިޔާރުގައެވެ. މައިގެއާއި އަހަރެންގެ ކޮޓަރިއާ މެދުގައި ހިނގުމަށް އަޅާފައި ހުރި ގާތަށްމަތިން ހިނގާލާފައި ގޮސް ސިޓިންރޫމަށްވަނީމެވެ. ސުހައްތެގެ ކޮޓަރި ހުޅުވާލިއިރު ސުހައްތަ ހުރީ ސެންޓުޖަހާށެވެ. އަހަރެންވެސް ސުހައްތަގެ ސެންޓުފުޅި އަތުލާފަ ޖަހާލީމެވެ. ސުހައްތަ ހައިރާންވެފައި އަހަންނަށް ބަލަން ހުރުމުން ކިހިނެއްވީތޯ ސުވާލުކުރީމެވެ.

ސުހާ: "ތީ ހަމަ މިންނުތަ؟... މިރޭ ވަރަށް ތަފާތު. ކޮންތާކުން މޭކަޕް ކުރީ. ވާ!... އަދުން ވެސް އަޅާލާފައި... ވަރަށް ރީތި. ޚާއްޞަކޮށް މިންނުގެ ލޯ. ތި ލޮލުގެ ވިދުން މިރޭ އެހެން ލޯތަކަށް ސިހުރުޖައްސާނެކަން ޔަގީން"

ސުހައްތަގެ ތަޢުރީފުން އަހަރެން ލަދުގަތެވެ. މީހަކަށް ސިހުރު ޖައްސާކަށް އަހަރެން ކުރިކަމެއްނޫނެވެ. ބޭނުންވަނީ އަހަރެންގެ ޖާދޫގައި އެންމެ އިންސާނަކު ޖެހޭށެވެ. އަހަރެންދެކެ މުޅި އުމުރަށް ލޯބިވާނަމޭ އެންމެ މީހަކުދެކެ ބުނުވާށެވެ. ސުހައްތަގެ ތަޢުރީފު ހުއްޓާލުމަށް އަހަރެން އެދުނީމެވެ. އަދި ހީނލާފައި ސުހައްތަގެ ކޮޓަރިން ނުކުމެގެން އައިސް އަޒާންގެ ޚަބަރެއް ބަލާލުމަށް އޭނާއަށް ގުޅީމެވެ. އޮފީހުން އައި ގޮތަށް މިއަދު އޭނާގެ ޚަބަރެއް ނުވެއެވެ. އަހަންނާއެކު ފާޓީއަށް ދާނަން ކަމުގައި އަޒާން ބުނެފައިވާއިރު އޭނާ ގުޅާ ވެސް ނުލާތީ އަހަރެން ހައިރާންވިއެވެ. އަޒާންގެ ފޯނަށް ގުޅީމެވެ. ނަމަވެސް އޭނާ ފޯނެއް ނުނަގައެވެ. ވަގުތު ކައިރިވަމުން އައި ވަރަކަށް އަހަރެންގެ ހިތް ނުތަނަވަސް ވާން ފެށިއެވެ. ހާސްކަމުގައި ހިތުގެ ތެޅުން އަވަސްވަމުންދިޔައެވެ. އަޒާންގެ ނިންމުން ބަދަލުވީބާއޭ ވެސް ހިތަށް އެރިއެވެ. ސިޓިންރޫމުގައި އިން ފޯނުގެ ކައިރީ އަހަރެން ހުރީ ވިސްނުމަކަށް ގެއްލިފައެވެ. މިރޭ އަހަރެން އެހާ ތައްޔާރީތައް ވެގެން ހުރީ އަޒާންއަށް ޓަކައެވެ. އޭނާގެ އަތުގައި ހިފާލައިގެން ދާން ބޭނުންވެފައެވެ. އަހަރެންގެ އެއްފަރާތުން ސުހައްތަ ގޮވާލި އަޑު އިވިގެންދިޔައެވެ. ދާންވީ ވަގުތު ޖެހުނީކަން އަހަންނަށް އެނގުނެވެ. އެންމެ ފަހު ވަގުތު އަޒާން ނުދާތީ ދާހިތް ކެނޑުނު ނަމަވެސް ދައްކާނޭ ބަހަނާއެއް ނެތެވެ. އުޒުރުވެރިވާންވީ ސަބަބެއް އަހަރެންގެ އަތުގައި ނެތީއެވެ. މޫނުގައިވި އުޖަލާކަމާއި ތުންފަތުގައިވި ހިނިތުންވުނެއް ގެއްލުނީއެވެ. މާޔޫސްވެ ހުރެ ސުހައްތަމެންނާ ބައިވެރިވީމެވެ. އަޒާން އެފަދަ ނިންމުމެއް ނިންމި ސަބަބަކާމެދު ފުން ވިސްނުމެއްގައި ހުރެއެވެ.

ޖައުބެއާއި ސުހައްތައާއިއެކު އަހަރެން ވެސް ޕާޓީ ބާއްވާފައިވާ ބޮޑު ހޯލަށް ވަނީމެވެ. އެއީ ވަރަށް ބޮޑު ތަނެކެވެ. ތަންތަންކޮޅުގައި ކުދި ކުދި ތަނބުތަކެއް ގޮތަށް ހަދާފައި ހުރި ސްޓޭންޑު ތަކެއް ހުއްޓެވެ. އެއިން ކޮންމެ ތަނބެއްގެ މަތީ އެކިކުލަކުލައިގެ މަލުން ވަށްކޮށް ހަދާފައިވާ ގުލްދަސްތާއެއް ބަހައްޓާފައި ހުއްޓެވެ. އެއްފަރާތުގައި ދިގު މޭޒެއްގެ މަތީ ތަފާތު ވައްތަރުގެ ކާ އެއްޗެހި އަތުރާލާފައި ހުއްޓެވެ. އަހަރެން އަޖައިބުވިއެވެ. އެތަނަށް އައިސްފައިވާ މީހުންގެ އަދަދު ފެނިފައެވެ. ޚާއްޞަކޮށް އަންހެނުންތައް އަޅާފައި ތިބި ހެދުންތައް ފެނިފައެވެ. އެތަނުގެ ޒީނަތްތެރިކަމާއި ފުރިހަމަކަން ހިތަށްވަދެފައެވެ. އެކަމަކު ދެރަ ވެސް ވިއެވެ. އަހަރެންގެ އަތުގައި ހިފާލައިގެން އަޒާން އެތަނުގައި ނެތީމައެވެ. ޖައުބެގެ ބޮސްއާ ބަދަލުކުރަން ސުހައްތަ ގޮވައިގެން ޖައުބެ ދިޔައެވެ. މީހުންގަނޑުގެ ތެރޭގައި އަހަރެން މަޑުކޮށްލީ އެ ހަފުލާއަށް ވަންނަ މީހުން ފެންނާނޭ ގޮތަށް އެތަނަށް ވަންނާން ހުރި ބޮޑު ދޮރާ މާ ދުރުނޫން ހިސާބެއްގައެވެ. އެހެން ހުރިއިރު އިރުއިރުކޮޅާ ސުހައްތަމެން ކޮބާތޯ ބަލާލަމެވެ. އެ މީހުން އެކަކާ ވާހަކަދައްކާލާފައި އަނެކަކާ ވާހަކަ ދައްކާލާފައި އުޅޭތީ ފެނެއެވެ. ނަމަވެސް އަޒާން ވަދެގެން އަންނާނެ އިރަކަށް އަހަންނަށް އިންތިޒާރު ކުރެވެއެވެ. އެހެން ހުއްޓާ ކައިރިން އަޅައިފައި ދިޔަ އަންހެން ކުއްޖެއް ފޯނާކުޅެމުން ދިޔަތަން ފެނުމުން އޭނާ ގާތު ގަޑިން ވީއިރެއް އޮޅުން ފިލުވާލުމަށް އަހާލީމެވެ. ހިތުގެ ތެޅުން އަވަސްވިއެވެ. ކުރިއަށްދާ ހަފުލާއަށް އަހަރެން އައިފަހުން ބައިގަޑިއިރު ފާއިތުވެ ދިޔައީއެވެ. އިތުރަށް ކަންބޮޑުވިއެވެ. ހަމަ އެވަގުތު ކުއްލިއަކަށް ފަހަތުގައި ހުރިމީހަކު ހެލޯއޭ ބުނެލުމުން އަހަރެން ފަސްއެނބުރި ބަލާލީމެވެ. ފިރިހެންވަންތަ ރީތި ޒުވާނެކެވެ. ހުދުކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި އިރު ރަތްކުލައިގެ ފިނިފެންމަލެއް ކޯޓުގައި ހަރުކޮށްލާފައިވެއެވެ. ކަނދުރާ ފޮރުވޭވަރަށް ދިގުކޮށްލެވިފައިވާ ކަޅުކަން ގަދަ ފަށުވި އިސްތަށިގަނޑެކެވެ. އެއްފަރަތަށް ވާގޮތަށް މަގުފަޅާ އޮމާންކޮށްލެވިފައިވާ އިސްތަށިގަނޑުގައި ތެތްކަމެއް އެކުލވިފައިވާހެން ހީވެއެވެ. ނަމަވެސް ފަށުވިކޮޅެއްހާ ފަން އިސްތަށިގަނޑު އެއްކޮށް ކިޔަމަން ނުކުރެވި ނިތްކުރި މައްޗަށް ދެތިން އިސްތަށިކޮޅު ވެއްޓިފައި ހުއްޓެވެ. އެ މޫނުގައި ވަނީ އަޖައިބެއް ފަދަ ހިނިތުންވުމެކެވެ. ކާކުކަން ނޭނގުނު ނަމަވެސް އެ ޒުވާނާއާ ހަތަރުކަޅި ހަމަކޮށްލާ ހިނިތުންވުމެއް ބަދަލުކޮށްލީމެވެ. އަހަރެންގެ ހިނިތުންވުމާއެކު އޭނާ ކުއްލިއަކަށް އަމިއްލަ މެޔާ ދިމާލުގައި ކަނާތުއަތް ޖައްސާލުމާއެކު "އާހް" އެއްގެ އަޑު ލައްވާލިއެވެ. އޭނާގެ އެ ޢަމަލުން އަހަރެން ވަރަށް ބޮޑަށް ހައިރާންވިއެވެ.

އިރުކޮޅަކު އަހަރެންގެ މޫނަށް ބަލަން ހުރުމަށްފަހު ދޮރާ ދިމާއަށް އެ ޒުވާނާ ބަލާލިއެވެ. އަދި އަހަރެން ގާތުގައި މީހަކަށް އިންތިޒާރު ކުރަނީތޯ އަހާލިއެވެ. އެ ސުވާލުގެ ޖަވާބަށް އަހަރެން އަވަހަށް ބޯޖަހާލީމެވެ. އެ ޒުވާނާ ވެސް މީހަކަށް އިންތިޒާރު ކުރަނީ ކަމަށް ބުންޏެވެ. އަދި އެއީ ކާކުތޯ ބުނަންހޭ އަހާލިއެވެ. އޭނާއާ ވާހަކަދެއްކުމުގެ ޝައުގުވެރިކަމެއްނެތް ނަމަވެސް އަހަރެން ދެބުމަ ހިއްލާލާ އަނެއްކާ ވެސް ބޯޖަހާލީމެވެ. ދެންމެ ފެނުނު މީހަކާ އޭނާގެ ސިއްރުތައް ހާމަކުރަނީ ބާއޭ ވެސް ހިތަށް އެރިއެވެ. ނަމަވެސް އިތުރަށް ހައިރާންވީ އޭނާގެ ޖަވާބު އިވިފައެވެ. އޭނާ އަހަންނާ މުޚާޠިބުކޮށް ބުނީ އަހަރެން ފަދަ އަންހެން ކުއްޖެއް އަންނާނެ އިރަކަށް އިންޒާރު ކުރާތާ ވަރަށް ދުވަސްވެއްޖެ ކަމަށެވެ. ޕަރީން އިންސާނުންގެ ތެރޭގައި އުޅޭކަން މިހާރު އޭނައަށް އެނގިއްޖެ ކަމަށެވެ. ހަމައެއާއެކު މިރޭ މީ ނަސީބުން ފުރިގެންވާ ރެއެއްކަމުގައި ބުންޏެވެ. އެއީ އޭނާގެ ދިގު އިންތިޒާރަށް ނިމުމެއް އައީތީއެވެ. އެ ހުރިހާ ވާހަކައެއް ދެއްކުމަށްފަހު އޭނާގެ ބްލޭޒާގައި ހަރުކޮށްފައި އިން ރަތްފިނިފެންމާ ނަގާ އަހަންނަށް ދިއްކޮށްލިއެވެ. ހިފަންވީކަމެއް ނޫނީ ނުހިފަންވީކަމެއް ނޭނގިފައި އިރުކޮޅަކު އަހަރެން ހުރީމެވެ. އެ ޒުވާނާ ދެވަނަ ފަހަރަށް އަތުން އިޝާރާތްކޮށްލީ އެ ފިނިފެންމަލުގައި ހިފާށޭ ބުނާ ފަދައިންނެވެ. އެހެންވެ މާބޮޑު ވިސްނުމަކާ ނުލާ އެ މަލުގައި ހިފީމެވެ. އެވަގުތު އެ ޒުވާނާ ބުނެލީ އެ މައު އަހަރެން އެއްލާނުލާނެ ކަމަށް އޭނާ ވަރަށް ބޮޑަށް އެދޭ ކަމުގގައެވެ. ޖަވާބުގައި އެއްވެސް އެއްޗެއް އަހަރެން ނުބުނެ ހުރީ އެއީ ހުސްއަނގަތަޅާ މީހެކޭ ހީކޮށްލައިގެންނެވެ. ހަފުލާގައި ފެންނަ އަންހެންކުދީންނާ އޭނާ މައްލަވަކުރަނީ އެފަދައިންކަމަށް ވެދާނޭ އަހަރެންގެ ޟަމީރު ވެސް އެވަގުތު ވިސްނައިދިނެވެ. އެންމެ ރަނގަޅުވާނީ އެފަދަ ޒުވާނުން ކުރާ ކަންތައްތަކަށް ސަމާލުކަމެއް ނުދިނުމެވެ. އެހެންވެ އޭނާގެ އުނދަގޫ ބޮޑުވެދާނޭތީވެ އެހެން ދިމާއަކަށް ދިއުމަށް ހިނގައިގަންނާން އުޅުނު ވަގުތު އެ ޒުވާނާ ސުވާލެއް ކުރިއެވެ. އޭނާ އެނގެން ބޭނުންވީ އެ ހަފުލާއަށް އަހަރެން އައިސް އުޅެނީ ކޮންބަޔަކާއެކުތޯއެވެ. އަހަރެން ދުރުގައި ބަޔަކާ ވާހަކަދައްކަން ތިބި ސުހައްތައާއި ޖައުބެ ދައްކާލީމެވެ. ހަމަ އެވަގުތު ނިކަން ހިނިއައިސްފައި އެ ޒުވާނާ އަހާލީ އަހަންނަކީ ޖައުންގެ ކޮއްކޮތޯއެވެ. (ނުނިމޭ)