ކުޅިވަރު

ޗެލްސީ ބަލިކޮށް ސިޓީ މަގާމު ދަމަހައްޓައިފި، މެން ޔޫ ވެސް ވިއްދައިގެން

Oct 1, 2017

ސްޓައިލިސް ޕާސިން ގޭމަކާއެކު، އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، މެންޗެސްޓާ ސިޓީއިން އެއް ވަނައިގައި ދަމަހައްޓަމުން އަންނަ މަގާމު ދަމަހައްޓައިފި އެވެ.

ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ މަޝްހޫރު ވެފައި ވަނީ، މެޗު ގައި ވީ އެންމެ ގިނައިރެއް ވަންދެން، އަމިއްލަ ޓީމުގެ އަތުގައި ބޯޅަ ބާއްވައިގެން ކުޅުމަށް ހިތްވަރުދޭ ކޯޗެއްގެ ގޮތުގަ އެވެ. ބާސެލޯނާގައި އޭނާ ފައްކާ ކުރި ޕާސިން ގޭމަކީ، ފަހުގެ ތާރީހްގައި ދުނިޔެއިން ފެނުނު އެންމެ ހިތްގައިމު ފުޓްބޯޅަ އެވެ. އެއީ "ޓިކީޓަކާ" ގެ ނަމުން ނަންދިން ޕާސިން ގޭމެކެވެ. ޓީކީ ޓަކާ ސްޓައިލްގައި ނުކުޅެވުނަސް، ރޭގެ މެޗުގައި، ސިޓީން ވަނީ ގިނަ ޕާސްތަކެއް އުފައްދައިގެން ކުޅެ، ބޯޅަ ގިނައިރު ކޮންޓްރޯލް ކޮށްފަ އެވެ. ރޭގެ މެޗުގައި ސިޓީން 60 ޕަސަންޓް ބޯޅަ ކޮންޓްރޯލް ކުރިއިރު، ޗެލްސީ އަތުގައި އޮތީ 40 ޕަސަންޓެވެ.

ކާރު އެކްސިޑެންޓްވެ އަނިޔާ ވުމުގެ ސަބަބުން ސާޖިއޯ އަގުއޭރޯ ނުލައި ކުޅުންޖެހުމުގެ ސަބަބުން ގިނަ ބަޔަކު ހީކުރީ، މެޗުގެ ފޭވަރިޓަކަށް ވާނީ، ޗެލްސީން ކަމަށެވެ. ޗެލްސީން މެޗު ފެށިގޮތުން އެ ޓީމުވެސް ކުޅެމުން ދިޔައީ އެ ފައިދާ އެޓީމަށް އޮތްކަމުގެ އިހްސާސް ކޮށްގެން ނެވެ. ނަމަވެސް މެޗު ކުރިއަށް ދިޔަ ވަރަކަށް، އެވިސްނުން ރަނގަޅު ނޫން ކަން ފާހަގަ ވެގެން ދިޔަ އެވެ.

މެޗުގެ ހުރިހާ ޑިޕާޓްމެންޓަކުންވެސް ސީޓީ ފެނުނީ ވަރުގަދަ ކޮށެވެ. އަގުއޭރޯ ނެތުމުން، އެ މާޔުސްކަން ސިޓީގެ ކުޅުމުގެ ސްޓައިލަކުން ނުފެނުނެވެ. އެ ޓީމު މޮޅުކޮށްދިން ލަނޑު، 67 ވަނަ މިނެޓްގައި ކަމިޔާބު ކުރީ ކެވިން ޑި ބްރޭން އެވެ. ގެބްރިއަލް ޖީސަސް ދިން ބޯޅަ އަކުން، ޑިބްރޭން ލަނޑު ޖެހީ، އޭރިއާ ބޭރުން ގޯލްގެ ކަަނަށްވާގޮތަށް ބޯޅަ ފޮނުވާލައިގެން ނެވެ.

ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓާ ޔުނައިޓަޑް ކާމިޔާބު ކުރީ 4-0 ން ނެވެ. އެ ނަތީޖާއިން މޮޅުވެ، ޔުނައިޓަޑްވެސް ވަނީ ސިޓީގެ ފަހަތުގައި ވިއްދާފަ އެވެ. ޕޮއިންޓްގެ ގޮތުން މެންޗެސްޓާއަށް ނިސްބަތްވާ ދެ ކުލަބުވެސް އޮތީ ހަމަހަމަ ކޮށެވެ. ސިޓީއަށް ކުރި ލިބެނީ ފައިދާ އެންމެ ގޯލެއްގެ ތަފާތުން ނެވެ.

ދެ ޓީމަށްވެސް ލިބިފައި ވަނީ 19 ޕޮއިންޓެވެ. ސީޓީއަށް ފައިދާ 20 ގޯލް އެބައޮތެވެ. ޔުނައިޓަޑަށް 19 ގޯލެވެ. ދެ ޓީމު ކޮޅަށްވެސް ވެދެފައި ވަނީ ދެ ގޯލެވެ.

ޔުނައިޓަޑްގެ ހަތަރު ލަނޑުގެ ތެރެއިން، ދެ ލަނޑު ކާމިޔާބު ކުރީ މަރުއާން ފެލޭނީ އެވެ. މެޗު ފެށިގެން ތިން ވަނަ މިނެޓްގައި، ޔުނައިޓަޑުން ވަނީ ލީޑް ނަގާފަ އެވެ. މާކޯސް ރަޝްފާޑް ދިން ބޯޅަ އަކުން ލަނޑު ކާމިޔާބު ކުރީ ހުއާން މާޓާ އެވެ.

ދެ ވަނަ ލަނޑު 35 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ފެލެނީ އެވެ. ދެ ވަނަ ހާފު ފެށުނު ތަނުން އޭނާ ވަނީ، ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ލީގްގެ އެންމެ މެޗެއް ފިޔަވައި ހުރިހާ މެޗެއްގައި ލަނޑު ޖަހަމުން އަންނަ ރޮމެޔޫ ލުކާކޫ ވަނީ ވަނީ، ރޭ ގެ މެޗުގައިވެސް ލަނޑު ޖަހައި ފަޅުކަން ފިލުވާލާފަ އެވެ. އޭރިއާ ތެރޭގައި ހުރެ، އެންތޮނީ މާޝިއަލް ގޯލް ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ، ލުކާކޫ ގޯލް ތެރެއަށް ފޮނުވާލީ ފަސޭހަ ކަމާއެކު އެވެ.