ކުޅިވަރު

ނެމާ ޕެނަލްޓީ ޖަހައި ކަވާނީއާ ސުލްހަ ވެއްޖެ

Oct 1, 2017

ދުނިޔޭގެ އެންމެ އަގު ބޮޑު ޓްރާންސްފާގައި، ބާސެލޯނާ ދޫކޮށް، ފްރާންސްގެ ޕީއެސްޖީއަށް ނޭމާ ބަދަލުވުމުން، ޕީއެސްޖީގެ އެޓޭކިން ފޯސް އިތުރަށް ވަރުގަދަ ވެގެން ދިޔަ އެވެ. ނަމަވެސް، އެޓޭކިންގައި، ނޭމާއާއެކު ހިއްސާވާ އަނެއް ކުޅުންތެރިޔާ، އުރުގުއޭގެ ކަވާނީއާ ދެމެދު، ފެންމަތިވީ އެހެން މައްސަލައެކެވެ. ޕީއެސްޖީގެ ޕެނަލްޓީ ޖަހަން، ނޭމާ ބޭނުންވެ އެ ފުރުސަތު ކަވާނީ، އޭނާ އަށް ނުދިނުމުން ނެވެ.

މީގެ ދެ ހަފުތާ ކުރިން، އެވާހަކަ ވަރަށް ބޮޑަށް ގަދަވެގެން ދިޔަ އެވެ. ނޭމާ، ޕީއެސްޖީއަށް އައީ އެ ޓީމުގެ އެންމެ ނުފޫޒުގަދަ ކުޅުންތެރިޔާގެ ގޮތުގަ އެވެ. އެހެންވެ، އޭނާގެ ނުފޫޒު ބޭނުން ކޮށްގެން ޕެނަލްޓީ ޖެހުމުގެ ފުރުސަތު ދިނުމަށް، ޕީއެސްޖީގެ ވެރިން މެދުވެރިކޮށް އޭނާ އެދުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި މެޗަށް ފަހު، ޗޭންޖިން ރޫމުގައި، ނޭމާ އާއި ކަވާނީ ދެބަސްވެ ޒުވާބު ކުރި ކަމުގެ ވާހަކަތައްވެސް ފްރާންސްގެ މީޑިއާތަކުން ނަކަލް ކުރި އެވެ.

އެޓެކިން ޑީޕާޓްމެންޓްގެ އެ ދެ ކުޅުންތެރިންގެ މެދުގައި ގުޅުން ރަނގަޅު ނޫންނަމަ، މެޗު ތެރޭގައި ޓީމުގެ ކުޅުމަށްވެސް އެ އަސަރު ކުރާނެ އެވެ. ކަވާނީއަށް ލިބުނު ފުރުސަތެއްގައި އޭނާ އަށް ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ. މައްސަލަ ހައްލު ކުރުމަށް، ޕީއެސްޖީގެ ކޯޗް އުނައި އެމްރީ ނެރުނީ އެހެން ފޯމިއުލާ އެކެވެ. ޕެނަލްޓީ ޖެހުމުގައި ދެ ކުޅުންތެރިން ރޮޓޭޓް ކުރަން ނިންމި އެވެ.

މައްސަލަ މިހާރު ހައްލުވެއްޖެ އެވެ. ރޭ ބޯޑެކްސްއާ ދެކޮޅަށް ކުޅުނު މެޗުގައި، ކަވާނީ ވަނީ، ނޭމާ އަށް ޕެނަލްޓީ ޖަހަން ފުރުސަތު ދީފަ އެވެ. ޕެނަލްޓީ ޖެހުމަށްފަހު، ނޭމާ އެކަމަށް ޝުކުރު ވެސް އަދާ ކުރި އެވެ. އަދި، ނޭމާ ޕެނަލްޓީ ކާމިޔާބު ކުރުމުން ކަވާނީ އެކަމަށް މަރުހަބާ ވެސް ކީއެވެ.

ނޭމާ އާއި ކަވާނީއާ ދެމެދު މައްސަލަ ހައްލުވެއްޖެ ކަމުގެ އަލާމާތްތައް، ޗެމްޕިއަންސް ލީގްގައި، ބަޔާން މިޔުނިކާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ފެނިގެން ދިޔަ އެވެ. ނޭމަ ލަނޑު ޖެހުމުން، ކަވާނީ، ވަނީ އުފާ ފާޅު ކުރުމުގެ ގޮތުން، ނޭމާގެ ގައިގައި ބައްދާލަފަ އެވެ.

ނޭމާ ޕެނަލްޓީ ޖެހުމުން، ޕީއެސްޖީން ކުރި ޓްވީޓް

ރޭ ބޯޑެކްސްއާ ދެކޮޅަށް ކުޅުނު މެޗު، ޕީއެސްޖީ ކާމިޔާބު ކުރީ 6-2 ން ނެވެ. ޕީއެސްޖީގެ ފުރަތަމަ ދެ ލެނޑު ކާމިޔާބު ކުރީވެސް، ނޭމާ އާއި ކަވާނީ އެވެ. ފުރަތަމަ ލަނޑު ނޭމާ ކާމިޔާބު ކުރީ ފަސް ވަނަ މިނެޓްގއި ލިބުނު ހިލޭ ޖެހުމަކުން ނެވެ. ހިލޭ ޖެހުމާއި ޕެނަލްޓީ ކާމިޔާބު ކޮށް ނޭމާ ވެފައި ވަނީ، 2012 ވަނަ އަހަރުގެ ފަހުން ފްރާންސްގެ ލީގްގެ މެޗެއްގައި، ޕީއެސްޖީން ހިލޭ ޖެހުމަކުން ކާމިޔާބު ކޮށް އަދި ޕެނަލްޓީވެސް ލަނޑު ކާމިޔާބު ކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ދެހާސް ބާރަ ވަނަ އަހަރު ޕީއެސްޖީ އަށް ކުޅުނު ބްރެޒިލްގެ ނޭން އަތުގަ އެވެ. އޭނަ ވަނީ އެ އަހަރުގެ މެއި މަހު ރެނިސްއާ ދެކޮޅަށް ކުޅުނު މެޗުގައި ހިލޭ ޖެހުމުން ލަނޑު ޖަހައި، ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފަ އެވެ.

ހަތް މިނެޓް ފަހުން ދެ ވަނަ ލަނޑު ކަވާނީ ކާމިޔާބު ކުރީވެސް ނޭމާ ތަނަވަސް ކޮށްދިން ފުރުސަތަކުން ނެވެ. ޕީއެސްޖީގެ ތިން ވަނަ ލަނޑު 21 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ތޯމަސް މިނިއާ އެވެ. ނޭމާ ޕެނަލްޓީ ކާމިޔާބު ކުރީ 40 ވަނަ މިނެޓް ގައެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުގައި، ފަސް ވަނަ ލަނޑު ކާމިޔާބު ކުރީ، ހޫލިއަން ޑްރެކްސްލާ އެވެ. ހަ ވަނަ ލަނޑު ކާމިޔާބު ކުރީ ކިލިޔަން އެމްބަޕޭ އެވެ. ބޯޑެކްސްގެ ލަނޑުތައް ކާމިޔާބު ކުރީ ޔޫނުސް ސަންކޭ އާއި މެލްކޮމް އެވެ. މެލްކޮމް ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުން ނެވެ.

މެޗުން މޮޅުވެ، ޕީއެސްޖީ އެއް ވަނައިގައި އޮތީ، 22 ޕޮއިންޓާއެކު އެވެ. އެންމެ ފަހުގެ ޗެމްޕިއަން މޮނަކޯ އޮތީ 19 ޕޮއިންޓާއެކު ތާވަލުގެ ދެ ވަނައިގަ އެވެ.