ކުޅިވަރު

ރޮނާލްޑޯއަށްވުރެ ހަލުވިކޮށް ކޭން އަރާ ހަމަކޮށްފި

Oct 1, 2017

އިނިގިރޭސި ޕްރިމިއާ ލީގްގައި، މެންޗެސްޓާ ޔުނައިޑެޓްގެ ކުރީގެ ފޯވަޑް، ކްރިސްޓިއާނޯ ރޮނާލްޑޯ ޖަހާފައިވާ ލަނޑު ޖެހުމުގެ އަދަދާ، ޓޮޓެންހަމްގެ ހޮސްޕާގެ ހެރީ ކޭން އަރާ ހަމަކޮށްފި އެވެ.

ހަޑާސްފީލްޑް ޓައުންއާ ދެކޮޅަށް، ޓޮޓެންހަމް 4-0 މޮޅުވި މެޗުގައި، ޓޮޓެންހަމްގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ހެރީ ކޭން އެވެ. އެ ދެ ލަނޑާއެކު އޭނާ ވަނީ 84 ލަނޑު ޖަހައި، ރޮނާލްޑޯގެ ލަނޑު ޖެހުމުގެ ރެކޯޑާ އަރާ ހަމަކޮށްފަ އެވެ. ރޮނާލްޑޯ 84 ލަނޑު ލަނޑު ޖެހީ 196 މެޗުގަ އެވެ. ކޭން 84 ލަނޑު ކާމިޔާބު ކުރީ 123 މެޗުގައެވެ.

ކޭން 24، މިސީޒަންގައި ގޯލްޖެހުމުގައި ހުރީ، ތަފާތު މޮޓީވޭޝަނެއްގަ އެވެ. ގައުމީ ޓީމަށާއި، ކުލަބަށް ނިމިދިޔަ ސެޕްޓެމްބަރު މަހުގައި، އޭނާ 13 ލަނޑު ކާމިޔާބު ކުރި އެވެ. މިއީ އެއް މަހެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތް ރޮނާލްޑޯ އާއި ބާސެލޯނާގެ ލިއޮނަލް މެސީއާ ކޭން އަރާ ހަމަ ކުރުމެވެ. ރޮނާލްޑޯ ވަނީ 2010 ވަނަ އަހަރު އެކްޓޫބަރު މަހުގައި 13 ލަނޑު ޖާހަފަ އެވެ. އޭގެ ފަހުން 2012 ވަނަ އަހަރު މާރިޗް މަހުގައި، މެސީ ވެސް ވަނީ 13 ލަނޑު ޖާހަފަ އެވެ.

ބައެއް ފަރާތްތަކުން، މިހާރު ވަނީ، ކޭން އާއި ސްޕެނިޝް ލީގްގައި ކުޅެމުންދާ މެސީ އާއި ރޮނާލްޑޯއާ ލަނޑު ޖެހުމުގައި އެއް ރޭޓެއްހައި ހުރި ކަމަށް ސިފަ ކޮށްފަ އެވެ. އަދި ޕްރިމިއާ ލީގްގައި، އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ހަދާފައިވާ އެލަން ޝިއެރާގެ ރެކޯޑް މުަގުރާލާނެ ކަމަށް ގިނަ ބަޔަކު އަންދާޒާ ކުރ އެވެ. އެއީ ކޭންގެ އުމުރުން ޒުވާން ވެފައި، އޭނާ ލަނޑު ޖެހުމުގެ ރޭޓް މިހާރު ހަލުވި ކަމުން ނެވެ. ކޭން ވަނީ ޖެހިޖެހިގެން ދެ ސީޒަންގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ލަނޑު ޖެހުމުގެ އެވޯޑް ހާސިލު ކޮށްފަ އެވެ.