ކުޅިވަރު

ވޯލްޑްކަޕުން އިންޑިއާގެ ފުޓްބޯޅައަށް އިންގްލާބެއް ގެނެވޭނެ

Oct 1, 2017
1

އަންނަ ހުކުރު ދުވަހު އަވަށްޓެރި އިންޑިއާގައި ފަށާ ފީފާގެ 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިއްޖެނަމަ، އިންޑިއާގެ ފުޓްބޯޅައަށް އިންގްލާބެއް ގެނެވޭނެ ކަމަށް، މުބާރާތް އިންތިޒާމު ކުރާ ލޯކަލް ކޮމިޓީގެ ޑައިރެކްޓާ ހާވިއާ ކެޕީ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ވޯލްޑްކަޕުން، އިންޑިއާގެ ފުޓްބޯޅަ އަށް ކުއްލި ބަދަލެއް ނައިސްފާނެ ކަމަށާއި ނަމަވެސް ކުރިމަގަށް ވިސްނައިފިނަމަ، ބޮޑު ބަދަލެއް ފެންނާނެ ކަމަށެވެ. މުބާރާތަކީ، އިންޑިއާގައި ބާއްވާ ފީފާގެ ފުރަތަމަ މުބާރާތެވެ. އެހެންކަމުން މިއީ އިންޑިއާއަށް އޮތް މުހިންމު ޓެސްޓެކެވެ. އިންޑިއާގައި އެންމެ މަގުބޫލު ކުޅިވަރަކީ ކްރިކެޓެވެ. ނަމަވެސް ފީފާގެ 17 އަހަރުން ދަށުގެ ވޯލްޑް ކަޕާ އެކު އިންޑިއާގައި ފުޓްބޯޅަ މަގުބޫލުކަން އިތުރުވާނެ ކަމަށް ކެޕީ ވިދާޅުވި އެވެ.

"ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިނަމަ މިއީ އިންޑިއާއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް، ހަމައެޔާއެކު އިންޑިއާއަށް އެންމެމަތީ ފަންތީގެ މުބާރާތްތައް ކާމިޔާބު ކަމާއެކު ބޭއްވުމަށް ބޮޑު އިތުބާރެއް ލިބިގެންދާނެ." ކެޕީ ވިދާޅުވި އެވެ. "މި މުބާރަތަކީ އިންޑިއާއަށް ކޮންމެހެން ބޭނުން މުބާރާތެއް މިކަމުގެ ސަބަބުން ގިނަ މުއްދަތަކަށް އިންޑިއާގެ ކުޅިވަރަށް މީގެ ފައިދާ ކުރާނެ އަދި އަހަރެމެން އުންމިދު ކުރަނީ މީގެ ސަބަބުން މިއަށްވުރެ ބޮޑެތި މުބާރާތްތައްވެސް އިންޑިއާގައި ބާއްވަން މަގުފަހި ވެގެންދާނެ ކަމަށް."

އަރަބި އެމިރޭޓްސްގައި 2013 ވަނަ އަހަރު ބޭއްވި 17 އަހަރުން ދަށުގެ ވޯލްޑް ކަޕާއި މެކްސިކޯގައި 2015 ވަނަ އަހަރު ބޭއްވި މުބާރާތުގައިވެސް އިންތިޒާމު ކޮމިޓީގައި ހަރަކާތްތެރިވި ކެޕީ ވަނީ އިންޑިއާއިން މިއަހަރު ކުރީ ކޮޅު ލޯންޗް ކުރި "މިޝަން XI މިލިއަން" އާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. އޭނާ ވިދަޅުވީ އެ މަޝްރޫއިން އިންޑިއާގެ ފުޓްބޯޅައާ މެދު އާންމުގެ ވިސްނުން ބަދަލު ކުރެވޭނެ ކަމަށެވެ.

"މިޝަން XI މިލިއަން" އަކީ އިންޑިއާގެ 36 ސިޓީގެ 14000 ސޫކޫލަށް އަމާޒު ކޮށްގެން ވޯލްޑް ކަޕްގެ ފޯރިގަދަ ކޮށް، އެންމެގެ ޝާމިލުވުން ވޯލްޑްކަޕަށް ހޯދުމުގެ ގޮތުން އިފްތިތާހް ކުރި މަޝްރޫއެކެވެ. އަދި ފުޓްބޯޅައަށް ކުޑަކުދިންނާއި ޓީޗަރުން އަދި ބެލެނިވެރިން ހޭލުންތެރި ކުރުންވެސް ހިމެނެ އެވެ.

"އެންމެ މުހިންމު ކަމަކީ އިންޑިއާއަށް ފުޓްބޯޅައިގެ އިންގްލާބެއް ގެނައުން، 'މިޝަން XI މިލިއަން' އަކީ ފުޓްބޯޅައަށް ކުޑަކުދިންނާއި ޓީޗަރުން އަދި ބެލެނިވެރިން އަދި ހިންގުމުގެ ދާއިރާގެ ހުރިހާ އެންމނަށްވެސް ފުޓްބޮޅައިގައި ބައިވެރި ވެވޭނެކަން ހާމަ ކޮށްދޭނެ ހަރަކާތެއް،" ކެޕީ ވިދާޅުވި އެވެ. "އެއީ ފުޓްބޯޅައާ މެދު އާންމުންގެ ސަމާލުކަން ގެނެސް ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމެއް، އާންމުންނަށް ވިސްނިފައި އޮންނަނީ، ފުޓްބޮޅައަކީ 11 ކުލުންތެރިން އަނެއް 11 ކުޅުންތެރިންނާ ވާދަކުރުން ކަަމަށް ނަމަވެސް ފޫޓްބޯޅައަކީ އެއަށްވުރެ ބޮޑު ހަރަކާތެއް، ބޭނުން ވަރަކަށް ބޭނުން އަދަދެއްގެ ބަޔަކު ފުޓްބޯޅައިގައި ހަރަކާތްތެރި ވޭވެނެކަން އަންގަދޭނެ ކަމެއް."