ކުޅިވަރު

ޒުވާން ޓީމުތަކުގެ ކޯޗުންނަށް ދިގު މުއްދަތުގެ ޕްލޭނެއް

Oct 1, 2017
2

ޒުވާން ގައުމީ ޓީމުތަކުގެ ކޯޗުންނަށް އޮތީ ދިގު މުއްދަތުގެ ޕްލޭނެއް ކަމަށާއި މުއްދަތު ނިމޭއިރު މަސައްކަތް ކާމިޔަބު ވާނެ ކަމުގެ އުންމިދު އެބައޮތް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ޒުވާން ގައުމީ ޓީމުތަކުގެ ތެރެއިން، 19 އަހަރުން ދުށުގެ ގައުމީ ޓީމާއި 16 އަހަރުން ދަށުންގެ ގައުމީ ޓީމުގެ ކޯޗުންނަށް އެފްއޭއެމުން ހަމަޖެއްސީ ރާއްޖޭގެ އެންމެ މަތީ ލެވަލްގައި ތަޖުރިބާ ކާރު ކޯޗުންނެވެ. އެގޮތުން 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ހަމަޖައްސާފައި ވަނީ، ކުލަބު އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) އެވެ. ފަނަރަ އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ، ބީޖީ އާއި ވިކްޓަރީގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) އެވެ.

ދާދި ފަހުން، އުމުރު ފުރާތަކުގެ އެކި މުބާރާތް ތަކުގައި ރާއްޖެ އަށް މޮޅެއް ނުލިބި ނިންމާލަން ޖެހުމުން، އެފްއޭއެމް އަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވި އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ ޒުވާން ޓީމުތަކުގެ ޑިވްލަޕްމެންޓަށް ކުރެވޭ މަސައްކަތަކީ އަހަރުތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދާނެ މަސައްކަތެއް ކަމަށެވެ.

"ފަނަރަ އަހަރުން ދަށުގެ ޓީމުގެ ކޯޗަށް [ޝާޒް] އަށް އަޅުގަނޑުމެން ދީފައި ވާނީ 10 އަހަރުގެ ޕްލޭނެއް، ދެން 19 އަހަރުން ދަށުގެ ޓީމުގެ ކޯޗަށް [ސާންތީ] އަށް ދީފައި ވާނީ ފަސް އަހަރުގެ ޕްލޭނެއް، އެމުއްދަތުގައި އެކުޅުންތެރިން އެންމެ މަތީ ލެވަލްއާ ހަމަޔަށް ގެންދިއުމަށް އެ ކޯޗުން އެކުލަވާލާ ޕްރޮގްރާމެއްގެ ތެރެއިން މަސައްކަތް ކުރަން ޖެހޭނެ ގޮތަށް." ދިވެހި ފުޓްބޯޅައިގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމަށް ދާދި ފަހުން ބޭއްވި ބައްދަލުވުމުެއްގައި ބައްސާމް ވިދާޅުވި އެވެ.

ސާފް ޗެމްޕިއަން ޝިޕްގެ 19 އަހަރުން ދަށުގެ މުބާރާތުގައި، ރާއްޖެ ކުޅުނު ފުރަތަމަ ތިން މެޗުން ވެސް ބަލިވީ އެންމެ ލަނޑެއް ވެސް ރާއްޖެ އަށް ކާމިޔާބު ނުކުރެވި އެވެ. ފުރަތަމަ މެޗުގައި، ބޫޓާން އަތުން ރާއްޖެ ބަލިވީ 1-0 ން ނެވެ. ދެ ވަނަ މެޗު ބަންގްލަދޭޝް އަތުން 2-0 ން ނެވެ. އިނޭޕާލާ ދެކޮޅަށް ކުޅުނު މެޗުން ވެސް ބަލިވީ 2-0 ން ނެވެ. ނަމަވެސް ރާއްޖެއިން ވަނީ އިންޑިއާ ދެކޮޅަށް ތަފާތު ކުޑަ ކޮށްފަ އެވެ.

ސޯޅަ އަހަރުން ދަށުގެ، އޭޝިއަން ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުގައި އޮމާން އަތުން ރާއްޖެ ބަލިވީ، 8-0 ން ނެވެ. ތަޖަކިސްތާން އަތުން ރާއްޖެބަލިވީ 14-0 ން ނެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ބޮޑުމަންޒަރު ތަސަވަރު ކޮށްފައި ވަނީ 30 އަހަރުގެ ދިގު މުއްދަތުގެ ޕްލޭނަކަށެވެ. އެގޮތުން ކޮންމެ ފަސް އަހަރަކުން ވަކިވަކި ދާއިރާތަކުން ކަންކަމެއް ހާސިލު ކުރުމަށް ޓާގެޓް ކޮށްފައި ވެއެވެ. ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ މައިގަނޑު ދާއިރާ ތަކަކީ އިންފާރާސްޓަރަކްޗާ އާއި ޓެކްނިކަލް ޑިވްލަޕްމެންޓާ މޮޑެންޓާމް އެފްޝިއަންޓް މެނޭޖްމެންޓެވެ.