ކުޅިވަރު

ލިވަޕޫލް ޕޮއިންޓެއް އެވަޓަންއަށް މާޔޫސްކަން

Oct 2, 2017

ނިއުކާސަލް އާއި ލިވަޕޫލް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނު އިރު އަމިއްލަ ދަނޑުގައި އެވަޓަން ބާންލޭ އަތުން ބަލިވެއްޖެއެވެ. އެވަޓަން 0-1 ނަތީޖާއަކުން ބަލިވެ އެޓީމުގެ ކޯޗު ރޮނާލްޑް ކޫމަންއަށް މިވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އާސެނަލް އާއި ބްރައިޓަން ކުޅުނު މެޗު 0-2 ނަތީޖާއަކުން ކާމިޔާބުކުރީ އާސެނަލް އެވެ.

ތާވަލުގެ 16 ވަނަ މަގާމުގައި 7 ޕޮއިންޓާއެކު އެވަޓަން އޮތްއިރު އެޓީމު އެންމެ ފަހު ޔޫރަޕާ ލީގުގައި ސައިޕްރަސްގެ އަޕޮލޮން ލިމަސޮލް އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުންވެސް ވަނީ އެއްވަރުވެފައެވެ. ޓްރާންސްފާ ބާޒާރުގައި 100 މިލިއަން ޕައިންޑަށް ވުރެ ގިނައިން ހަރަދުކޮށްފައިވާ އެވަޓަން މިހާތަނަށް ނެރެފައިވަނީ ވަރަށްވެސް ދައްނަތީޖާތަކެކެވެ.

ބާންލޭ އާއި ދެކޮޅަށް މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް މެޗުގެ ހަމައެކަނި ގޯލް 21 ވަނަ މިނިޓުގައި ބާންލޭއަށް ކާމިޔާބުކޮށްދިނީ ޖެފް ހެންޑްރިކްއެވެ. މިމޮޅާއެކު ބާންލޭ އޮތީ ތާވަލުގެ 6 ވަނަ މަގާމުގައެވެ. މިއީ 42 އަހަރުގެ ތެރޭގައި އެޓީމުން އެއްވަނަ ޑިވިޝަންގައި ފުރަތަނަ 7 މެޗުން ނެރެފައިވާ އެންމެ ރަނގަޅު ނަތީޖާއެވެ. ބާންލޭއަށް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ.

ލިވަޕޫލްއާއި ނިއުކާސަލް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނު އިރު މިއީ އެޓީމު ޖެހިޖެހިގެން އެއްވަރުވެގެން ނިންމާލި ދެވަނަ މެޗެވެ. ތާވަލުގެ 7 ވަނަ މަގާމުގައި ލިވަޕޫލް 12 ޕޮއިންޓާއެކު އޮތްއިރު 9 ވަނަ މަގާމުގައި ލިވަޕޫލްއަށް ވުރެ 2 ޕޮއިންޓް މަދުން ލިބިގެން އޮތީ ނިއުކާސަލްއެވެ. ނިއުކާސަލް އާއި ލިވަޕޫލް މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކުރީ ލިވަޕޫލްގެ ހުނަރުވެރި އެޓޭކިން މިޑްފިލްޑަރު ފިލިޕް ކޫޓީނިއޯއެވެ. އެރިއާ ބޭރުން ފޮނުވާލި މިހިތްގާމު ހަމަލާ ފެނުގެންދިޔައީ މެޗުގެ 29 ވަނަ މިނިޓުގައެވެ. ނަމަވެސް 36 ވަނަ މިނިޓުގައި ނިއުކާސަލްގެ ފޯވާޑް ހޮސޭޔޫ ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ޕްރިމިއާ ލީގުގައި ދެން ކުޅެވުނު މެޗުގައި އާސެނަލް އިންވަނީ ބްރައިޓަން ހޯވް އަލްބިއަންގެ މައްޗަށް 2-0 ކުރިހޯދާފައެވެ. މިމޮޅާއެކު އާސެނަލް ޗެލްސީއާއި ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފައިވާއިރު ޗެލްސީއަށް 4 ވަނަ މަގާމު ލިބެނީ ލަނޑުގެ ތަފާތުންނެވެ. އާސެނަލް އާއި ޗެލްސީއަށްވެސް ލިބިފައިވަނީ 13 ޕޮއިންޓެވެ.