ކުޅިވަރު

ސްޓޭޑިއަމް ބަންދު ކޮށްގެން ކުޅުނަސް ބާސާ ލީޑް ދަމަހައްޓައިފި

Oct 2, 2017

ސްޕެއިންގެ އުތުރު އިރުމަތީ ފަޅި، ނުވަތަ ކެޓަލޯނިއާ ސަރަހައްދުގައި އިއްޔެ ނަގި ކެޓަލޯނިއާގެ ދައުލަތް އުފެއްދުމާ ބެހޭ ވޯޓްގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، ބާސެލޯނާ އާއި ލަސްޕަލަމްސް ކުޅުނު މެޗު ސްޓޭޑިއަމް ބަންދުކޮށްގެން ކުޅުނު ނަމަވެސް، 3-0 ގެ ނަތީޖާ އަކުން ލަސްޕަލަމްސްގެ މައްޗަށް ކާމިޔާބު ހޯދައި ބާސާއިން އެއް ވަނައިގައި ލީޑް ދަމަހައްޓައިފި އެވެ.

ކެޓަލޯނިއާގެ ފުޓްބޯޅަ ފެޑްރޭޝަނުން ވަނީ، އިއްޔެގެ ހުރިހާ ފުޓްބޯޅަ މެޗުތަކެއް ކެންސަލް ކޮށްފަ އެވެ. ބާސެލޯނާގެ މެޗުވެސް ކެންސަލް ކުރުމަށް އެ ޓީމުން، ލަލީގާގެ ބޯޑަށް ހުށަހެޅި އެވެ. ނަމަވެސް، ސަލަމާތީ ކަންކަން ބަލަހައްޓާ ފަރާތްތަކުގެ ލަފާ ހޯދުމަށްފަހު ލަލީގާއިން ނިންމީ މެޗު ކުރިއަށް ގެންދާށެވެ. ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ސަޕޯޓަރުން ދަނޑަށް ނުވައްދައި ކުޅެން ނިންމީ އެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަންނަން ދިޔައިރު ކޭމްޕްނޯގެ ހުރިހާ ދޮރެއް ހުރީ ބަންދު ކޮށްފަ އެވެ.

މެޗުގައި، ބާސާގެ ތިން ލަނޑުގެ ތެރެއިން، ދެ ލަނޑު ކާމިޔާބު ކުރީ ލިއޮނަލް މެސީ އެވެ. އަދި މެސީ ވަނީ އަނެއް ލަނޑު ޖަހަންވެސް އެހީ ވެދީފަ އެވެ. ފުރަތަމަ ލަނޑު 49 ވަނަ މިނެޓްގައި، ސާޖިއޯ ބްސްކެޓްސް ކާމިޔާބު ކުރީ މެސީ ތަނަވަސް ކޮށްދިން ފުރުސަތަކުން ނެވެ.

ދެ ވަނަ ލަނޑު 70 ވަނަ މިނެޓްގައި މެސީ ކާމިޔާބު ކުރީ ޑެނިސް ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ނެވެ. އޭގެ ހަތް މިނެޓް ފަހުން، ތިން ވަނަ ލަނޑު މެސީ ކާމިޔާބު ކުރީ، ލުއިސް ސުއަރޭޒް ދިން ޕާހަކުން ނެވެ.

ސްޕެނިޝް ލީގްގައި އުނދަގޫ ހާލަތެއްގައި އޮތް ރެއާލް މެޑްރިޑް ވަނީ، ކެޓަލޯނިއާ ސަރަހައްދަށް ނިސްބަތްވާ އަނެއް ޓީމު ކަމަށްވާ އެސްޕޯނޯލްއާ ދެކޮޅަށް ކުޅުނު މެޗު 2-0 ން ކާމިޔާބު ކޮށްފަ އެވެ. ރެއާލްގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ، އިސްކޯ އެވެ.

ރޭގެ މެޗުގައި ވެސް، ރެއާލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލަނޑެއް ޖެހިފަ އެއް ނުވެ އެވެ. ސްޕެނިޝް ލީގްގައި އޭނާ މިހާތަނަށް ކުޅުނު ތިން މެޗުގައިވެސް އެއްވެސް ލަނޑެއް ކާމިޔާބު ނުކުރެވެ އެވެ. މިއީ ސްޕެނިޝް ލީގްގައި ރޮނާލްޑޯ އަށް މިހާތަނަށް ކުރިމަތިވި އެންމެ އުނދަގޫ ފެށުމެވެ. ސްޕެނިޝް ލީގްގައި އޭނާ ކުޅެން ފެށި ފަހުން ވެސް ލަނޑެއް ނުޖެހި ފުރަތަމަ ތިން މެޗު ނިންމާލާފައެއް ނުވެ އެވެ.

ރޭ ގެ މެޗުން ހޯދި މޮޅާއެކު ބާސާ އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓްގެ ލީޑަކާއެކު އެވެ. ބާސާ، 21 ޕޮއިންޓް ހޯދާފައިވާއިރު، ދެ ވަނައިގައި އޮތް ސެވިއްޔާ އަށް ލިބިފައި ވަނީ 16 ޕޮއިންޓެވެ. ތިން ވަނައިގައި ވެލެންސިއާ އޮތީ 15 ޕޮއިންޓާއެކު އެވެ. ހަތަރު ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށްވެސް ވަނީ އެ އަދަދަށް ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް އެތުލެޓިކޯ ފަހަތުގައި އޮތީ ލަނޑުގެ ތަފާތުން ނެވެ. ރެއާލް ފަސް ވަނައިގައި އޮތީ 14 ޕޮއިންޓާއެކު އެވެ.