ކުޅިވަރު

ރެއާލްއަކީ ވަކި ސިޓީއަކަށް ނިސްބަތްވާ ކުލަބެއް ނޫން: ޕެރޭޒް

Oct 2, 2017

ރެއާލް މެޑްރިޑަކީ ވަކި ސިޓީ އަކަށް ނުވަތަ ވަކި ރަށަކަށް ނުވަތަ ވަކި ކުންފުންޏަކަށް ނިސްބަތްވާ ކުލަބެއް ނޫން ކަމަށާއި އެއީ އެ ކުލަބުން ދަމހައްޓާ ވެލިއު ކަމަށް ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެ އެވެ.

މި ސީޒަނަށް ރެއާލް މެޑްރިޑްގެ ބަޖެޓް ފާސް ކުރުމަށް އިއްޔެ ބޭއްވި ކޮންގްރެސްގައި ޕެރޭޒް ވިދާޅުވީ، ރެއާލް ނިސްބަތް ވަނީ އެކުލަބުގެ ޕާޓްނަރުންނަށާއި ވެރިންނަށް ކަމަށެވެ. ނުވަދިހަ ހާސް ވެރިން ކަމަށް ޕެރޭޒް އެ ވިދާޅުވީ ރެއާލްގެ މެންބާޝިޕް ގަނެފައިވާ ފަރާތްކަށެވެ.

"ދުނިޔޭގެ އެހެން ކުޅިވަރު ކުލަބަކަށްވުރެ ގިނައިން ރެއާލް މެޑްރިޑްގެ ޓީޝާޓް [ޖޯޒީ] ވިކޭ،" ޕެރޭޒް ވިދާޅުވި އެވެ. މި ކުލަބަކީ އެއްވެސް ކުންފުންޏަކަށް ނިސްބަތްވާ ކުލަބެއް ނޫން، ނުވަތަ އެއްވެސް ތަނަކަށް ނިސްބަތްވާ ކުލަބެއް ނޫން ނުވަތަ އެއްވެސް ސިޓީއަކަށް ނިސްބަތްވާ ކުލަބެއް ނޫން، މި ކުލަބު ނިސްބަތް ވަނީ ކުލަބުގެ ޕާޓްނަރުންނާއި 92000 ވުރެ ގިނަ ވެރިނަށް."

އޭނާ ވިދާޅުވީ އިކޮނަމިކް ސްޕޯޓްސް މޮޑެލްއެއް ރެއާލުން ބިނާ ކޮށް، އެންމެ މޮޅެތި ކުޅުންތެރިން ހިމަނައިގެން އެ މޮޑެލްއިން ފައިސާ ހޯދާނެ ގޮތް ތާރަފު ކުރި ކަމަށެވެ. އަދި އެހެން ކުލަބު ތަކުން އެ މޮޑެލް ކޮޕީ ކޮށްގެން ރެއާލްއަށް އުނދަގޫ ކުރިމަތި ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕެރޭޒް، ރެއާލްއާ ހަވާލުވެ އޭނާ ވަނީ ލުއިސް ފީގޯ އާއި ޒައިނުއްދީން ޒިދާން އާއި ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއާ އާއި ޑޭވިޑް ބެކަމް ގެނެސްފަ އެވެ. އޭނާ ވިދާޅުވީ އަގުބޮޑުކޮށް އެ ކުޅުންތެރިން ގެނެސްވެސް ރެއާލްގެ ފައިދާ 100 މިލިއަނުން 300 މިލިއަނަށް އިތުރު ކުރި ކަމަށެވެ.

"އެ ފައިދާ ލިބުނީ ކުޅުންތެރިންގެ ފަރާތުން، މިއީ [ރެއާލްގެ ލެޖެންޑް] ސެންތިއާގޯ ބެރުނަބޭ ވިދާޅުވި ގޮތް، އަހަރެމެން ގެނައީ އެންމެންނަށް އެނގޭ ކުޅުންތެރިން." ޕެރޭޒް ވިދާޅުވި އެވެ.

އިއްޔަ އޭނާ ވަނީ ނުސީދާ ގޮތުން، ވާދަވެރި ބާސެލޯނާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ބައެއް ހާލަތުގައި ކުލަބު އޯނަރުން ނަށް ވަނީ ގައުމުތައް ކަމަށާއި އެހެންވެ ސްޕޯޓްސް އިކޮނަމިކް މޮޑެލް އެއްވަރެއްގައި ގެންދަން އެ ކުލަބުތަކަށް އުނދަގޫ ކުރިމަތިވާ ކަމަށެވެ. އޭނާ އެ ވާހަކަ ދެއްކީ ބާސެލޯނާ ކެޓަލޯނިއާ ކަންކަމުގެ ތެރެއަށް ވަންނަ ކަމަށް އިޝާރާތް ކޮށެވެ.