ކުޅިވަރު

ކުރިން ނިއުގެ 11 އެނގޭ، މިހާރު ހާލަތު ބަދަލު ކޮށްފިން

Oct 2, 2017

ނިއުރޭޑިއަންޓާ، އޭނާ ހަވާލުވުމުގެ ކުރިން، އެ ޓީމުގެ ފުރަތަމަ 11 އަށް އަރާނީ ކޮން ކުޅުންތެރިންނެއް ކަން އެންމެންނަށް ވެސް އެނގޭ ކަމަށާއި ނަމަވެސް ހާލަތު ބަދަލު ކޮށް މިހާރު ފުރަތަމަ 11 އެއްވެސް މީހަކަށް ޔަގީން ނުކުރެވޭނެ ކަމަށް، އެ ޓީމުގެ ކޯޗް އޮސްކާ ބުރުޒޮން ބުނެފި އެވެ.

ބުރުޒޮންގެ ކޯޗް ކަމުގެ ދަށުން، ނިއު އިން ފެށި ފުރަތަމަ މުބާރާތް، ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ ބުރު އެ ޓީމުން ނިންމާލީ ދެ ޕޮއިންޓްގެ ލީޑަކާއެކު އެއް ވަނައިގަ އެވެ. އޭނާ ބުނީ ނިއުގައި އޭނާ ދަމަހައްޓަން މަސައްކަތް ކުރާ ފިލޯސަފީއަކީ، ފުރަތަމަ 11 އަށް އަންނަން ޖެހޭނީ، ވާދަ ކޮށް، މަސައްކަތް ކޮށްގެން ކަމަށެވެ.

"އަހަރެން މިތަނަށް [ނިއު] އަށް އައިއިރު ލައިން އަޕްވެސް އަތުރަނީ ކުޅުންތެރިންގެ ދެމެދުގައި ވަރަށް ކައިރިކައިރީގައި، ކޮންމެ ކުޅުންތެރިޔަކަށް ވެސް އެނގޭ ކޮން ކުޅުންތެރިންނެއް ކަން ފުރަތަމަ 11 އަށް އަރާނީ، ކޮން ބައެއްކަން ބެންޗުގައި ތިބޭނީ އެހެން ނަމަވެސް އަހަރެން އެކަން ބަދަލު ކޮށްފިން،" ބުރުޒޮން ބުންޏެވެ. "ހަމަ އެޔާއެކު މިހާރު އަހަރެން ކުޅުވަނީ ސަބްޓިޔުޓް ގޭމެއް އަހަރެން މި ބުނަނީ 20 ކުޅުންތެރިންނަށް ލައިންއަޕަށް އާދެވޭނެ ވާހަކަ އެއް ނޫން، ނަމަވެސް އެމީހުންނަށް އެނގޭނެ އެއިރެއްގެ ހާލަތަށް ބިނާކޮށް ކޮން 15 ކުޅުންތެރިންނެއް ކަން މެޗަށް އަންނަނީ، އަދި ކޮންމެ މެޗަކަށް ހާލަތު ބަދަލު ވާނެ ކަންވެސް މީގެ ސަބަބުން ކުޅުންތެރިންގެ ފެންވަރު މަތިވެގެން ދާނެ."

އޭނާ ބުނީ އޭނާ އައިރު، ތިން ގޯލް ކީޕަރުންނާއި އެހެން މަގާމުތަކަށް ކުޅޭ 20 ކުޅުންތެރިންނާއެކު ޖުމުލަ 23 ކުޅުންތެރިން ތިބި ކަމަށާއި ފުރަތަމަ ކޮޅު އެގޮތަށް އޮތުމުން ޕްރެކްޓިހުގައި ވެސް އުނދަގޫތައް ކުރިމަތިވި ކަމަށާއި މިހާރު ތިބޭނީ ތިން ގޯލްކީޕަރުންނާއެކު އެހެން މަގާމުތަކަށް ކުޅޭ 19 ކުޅުންތެރިން ކަމަށެވެ. އެހެން ހެދުމުން ޕްރެކްޓިސް ސެޝަންތަކުން ރަނގަޅު ނަތީޖާއެއް ނެރޭވެ ކަމަށެވެ.

ސްޕެއިންނަށް ނިސްބަތްވާ ބުރުޒޮން ބުނީ އޭނާ ނިއުގައި އެކަށައަޅަން މަސައްކަތް ކުރަނީ ގިނައިރު ބޯޅަ ހިފަހައްޓައިގެން ދަނޑުގެ ހުރިހާ ހިސާބަކުން ވެސް ހަމަލާ އުފައްދައިގެން ކުޅުމުގެ އުސޫލެއް ކަމަށެވެ. އަދި އެހެން ޓީމުތަކުން ނިއު އާ ދެކޮޅަށް ކުޅޭއިރު އިތުރު ހިތްވަރެއް ލައިގެން ކުޅޭތީ އެއީ އޭނާ އަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

"އެހެން ޓީމުތަކުން ނިއު އާ ދެކޮޅަށް ވަރުގަދަ ރޫހެއްގައި ކުޅޭތީ އެއީ އަހަންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެހެން ޓީމުތަކަށް އަހަރެމެންނަކީ ރެފަރެންސަކަށް ދެކިގެން ކުޅޭތީ އެއީ ވަރަށް ބޮޑު އުފަލެއް،" އިންޑިއާގެ ސްޕަލީގްގެ ސްޕޯޓިން ގޯއާ އަށްވެސް ކޯޗް ކޮށްދިން ބުރުޒޮން ބުންޏެވެ. "އަހަރެމެން މަސައްކަތް ކުރަނީ ބޯޅަ ހިފަހައްޓައި އެއް ޓަޗަށް ވުރެ ގިނަ ޓަޗް ކޮށް ޕާސް އުފައްދައިގެން ދަނޑުގެ ހުރިހާ ދިމާލަކުން ވެސް ކުޅެން."

މިއަދަކީ ނިއުގެ ކޯޗް ކަމާ ބުރުޒޮން ހަވާލުވިތާ 130 ވަނަ ދުވަހެވެ. 130 ދުވަސް ވީއިރު އޭނާ ބުނީ ނިއުގެ ހާލަތު އޭނާ އަށް ބަދަލު ކުރެވިއްޖެ ކަމަށެވެ.