ކުޅިވަރު

ތިނަދޫ ޓީމުގެ ކޯޗުކަމާ ސުޒޭން ހަވާލުވެއްޖެ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގދ. ތިނަދޫ ޓީމުގެ ކޯޗަކަށް، ވިކްޓަރީގެ ކޯޗް އަލީ ސުޒޭން ހަމަޖައްސައިފި އެވެ. އެ ޓީމުގެ ސުޒޭން ކޯޗް ކަމަށް ހަމަޖެއްސީ، ދިވެހި ޕްރިމިއާ ލީގްގަށް އެޓީމުގެ ކޯޗް ކަމަށް ހަމަޖެއްސި، ސްޕެއިންގެ ހުއާން މެނައުލް މާޓީނޭޒް ކޯޗް ކަމުން ވަކި ކުރުމަށްފަހު އެވެ.

ކުރިން، ސުޒޭން ވަނީ، މާޒިޔާ އާއި ވިކްޓަރީ އަށް ކޯޗް ކޮށްދީފަ އެވެ. އޭނާ ބުނީ އޭނާ އަކީ އަބަދުވެސް ޗެލެންޖާ ކުރިމަތި ލާން ބޭނުންވާ މީހެއް ކަމަށާއި ޗެލެންޖިން މާހައުލެއްގައި ލިބޭ ކާމިޔާބަކީ މާބޮޑު ކާމިޔާބެއް ކަމަށް އޭނާ ދެކޭ ކަމަށެވެ.

"ލީގްގެ ފަހު ބުރަށް ދާއިރު ތިނަދޫވެސް މިއޮތީ ރަނގަޅު ހިސާބެއްގައި، އޮތްއިރު، މިފުރުސަތު އަޅުގަނޑަށް ލިބިގެން ދިއުން މިއީ ހަމަގައިމުވެސް ރަނގަޅު ޗެލެންޖެއް،" ސުޒޭން ބުންޏެވެ. "އަޅުގަނޑަކީ އެއްވެސް ގޮތަކަށް ގްރޭންޓެޑް މޮޅުތަކެއް ހޯދަން ނިކުންނަ މީހެއް ނޫން ތަންކޮޅެއް ޗެލެންޖިން މާހައުލެއްގައި މޮޅެއް ހޯދިއްޖެއްޔާ އެއީ މާބޮޑު ކާމިޔާބެއް ކަމަށް ބަލައިގެން ނިކުންނަ މީހެއް ވީމަ މިއީ ވަރަށް ރަނގަޅު ޗެލެންޖެއް."

އޭނާ ބުނީ ތިނަދޫ ޓީމުގައިވެސް ރަނގަޅު ކަންކަން އެބަހުރި ކަމަށާއި ރަނގަޅު ކުރަން ޖެހޭ ކަންކަން މިއަދު ފެށިގެން ކުރިމަތި ލައި އެކަންކަން ރަނގަޅު ކުރާނެ ކަމަށެވެ. ތިނަދޫ ޓީމުގައި ސުޒޭން ގެ އެންމެ މުހިންމު ޓާގެޓަކީ ގަދަ ހަތަރެއްގެ ތެރެއަށް ވަނުން ކަމަށާއި މިހާރު އޮތް ހާލަތުން ފުޓްބޯޅައިގެ ވިސްނުމަކުން ވިސްނައިފިނަމަ އެކަމަކީ [ގަދަ ހަތަރެއް] އުނދަގޫ ކަމެއް ނޫން ކަމަށެވެ.

އޭނާ ބުނީ ސްކޮޑަށް ބަލާއިރު ތިނަދޫ ޓީމަކީވެސް ގޯސް ކަމެއް ނޫން ކަމަށެވެ. އަދި މާލެ ފިޔަވައި ތިނަދޫ އަކީ ރާއްޖޭގެ ފުޓްބޯޅާއިގެ އެންމެ ނުފޫޒު ގަދަ ރަށަށް ވާނެ ކަމަށާއި އެހެންވެ ތިނަދޫގެ ކޯޗް ކަމާ ހަވާލު ވުމަކީ އޭނާ އަށްވެސް ލިބޭ ރަނގަޅު ފެށުމެއް ކަމަށެވެ.

މިއީ، އަތޮޅު ތެރޭ ޓީމަކާ ސުޒޭން ހަވާލުވި ދެ ވަނަ ރަށެވެ. އޭނާ ވަނީ ކުރިން ބާއްވަމުން އައި ޒޯން ޗެމްޕިއަންސް ލީގްގައި ހިންނަވަރު ހިރިޔާ އަށް ކޯޗް ކޮށްދީ ޒޯން ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްދީފަ އެވެ. އަދި އޭނާ ބުނީ އަތޮޅު ތެރޭގެ ޓީމަކަށް ކުރިން ކޯޗް ކޮށްދީފައި ހުރުމުން އެ ތަޖުރިބާ ވެސް ތިނަދޫ ޓީމުގައި ބޭނުން ކުރެވޭނެ ކަމަށެވެ.

މިއަހަރު، ސުޒޭޏް ފުރަތަމަ ކޯޗް ކޮށްދިނީ ވިކްޓަރީ އަށެވެ. ނަމަވެސް މާލޭ ލީގްގެ ގަދަ ހަތަރެއްގެ ތެރެއަށް ވަދެ ދިވެހި ލީގަށް ކޮލިފައި ކޮށްދިނުމުގައި ސުޒޭން އަށް ކާމިޔާބެއް ނުހޯދުނެވެ. ވިކްޓާރީ އާއެކު ސުޒޭން އަށް ކުރިމަތިވި އެންމެ ބޮޑު މައްސަލަ އަކީ ޓީމުގެ ކުޅުންތެރިންނަށް މުސާރަ ނުދެއްވި ގިނަ ދުވަސްތަކަކަށް ޕްރެކްޓިސް ނުކޮށް ތިބެން ޖެހުމުންނެވެ.