ލައިފްސްޓައިލް

ލޯބިވެރިޔާއާއެކު ބަލަން ރަނގަޅު ފިލްމެއް ބޭނުން!

Oct 3, 2017
4

ރައްޓެހިވެ، ލޯބިން އުޅޭ ދެ މީހުން ނަމަ އެކުގައި ކުރާނެ ކަންތައްތަކުގެ ބޮޑު ލިސްޓެއް ތައްޔާރުކޮށްފައި އޮންނާނެ އެވެ. ކާން ދިއުމާއި ދުއްވަން ދިއުމާއި، ދަތުރު ދިއުމާއި މިހެން ގޮސް ބައިވަރެވެ. އޭގެ ތެރެއިންވެސް އެކުގައި ފިލްމު ބެލުމަކީ ވަރަށް އާންމު ކަމެކެވެ. އެހެން ނަމަވެސް ގިނަ "މޫވީ ޑޭޓްސް" ތައް ނިމެނީ ކޮންމެވެސް އެކަކު ހިތްހަމަ ނުޖެހިފައި ހުރެ އެވެ.

ދެ މީހުންނަށް ކަމުދާ ކަހަލަ ފިލްމެއް ދިމާވަނީ މަދު ފަހަރަކު އެވެ. ފިރިހެން ކުއްޖާ ބަލާހިތްވާ ކަހަލަ ފިލްމެއް އަޅުވައިގެން އަންހެން ކުއްޖާއަށް ކަމަކު ނުދެ އެވެ. ފިލްމުގެ މެދަކާ ހިސާބަށް ދާންވާއިރަށް ނިދި އަންނަނީ އެހެންވެ އެވެ. އަންހެން ކުދިންނަށް ކަމުދާ ކަހަލަ ލޯބީގެ ފިލްމެއް އަޅުވައިފިނަމަ ގިނަ ވަގުތު ފިރިހެން ކުއްޖާ ފޯނަށް ގެއްލިފައި އިނދެ އެވެ. ލޯބިން ހޭދަކުރުން އުޅުނު ވަގުތު މުޅިން ބަދަލުވެ ދެ މީހުންގެ ދެމެދު މައްސަލައެއް ޖެހި ދެވަނަ ފަހަރަށް އެކުގައި ފިލްމެއް ނުބަލާނެ ކަމަށް ބުނާ ހިސާބަށް ކަންތައް ދެ އެވެ.

ދެ މީހުން އެކުގައި ފިލްމެއް ބަލަން ބޭނުން ކަމަށްވަންޏާ އެއިން ދިރިއުޅުމަށް މުހިންމު މެސެޖެއް ދޭ ކަހަލަ ފިލްމެއް ބަލާށެވެ. ދެ މީހުންނަކީ ފިލްމު ބެލުމުގައި ތަފާތު ފިލްމުތަކަށް ޝައުގުވެރިކަން ހުންނަ މީހުން ނަމަވެސް އެކުގައި ފޫހިކަމެއް ނެތި ބަލައިލެވޭނެ ކަހަލަ ފިލްމުތައް އެބަހުއްޓެވެ. މުހިންމު މެސެޖުތަކެއް ލިބޭ ރީިތި ފިލްމުތަކެވެ.

މިސާލަކަށް "ކަޕްލްސް ރިޓްރީޓް" މިއީ ދެ މީހުން އެކުގައި ބަލައިލަން ވަރަށް ރަނގަޅު ފިލްމެކެވެ. އެ ފިލްމަކީ ހަތަރު ޖޯޑެއް ފެނިގެންދާ ފިލްމެކެވެ. އަށް މީހުން އެކުގައި ޗުއްޓީ ހޭދަކޮށްލަން ރީތި ރިސޯޓަކަށް ދާއިރު އެތަނުން އެއް ދެމަފިރިންނަކީ އެ މީހުންގެ ދިރިއުޅުން ބޮއްސުންލައިގެން ދާން ކައިިރިވެފައި ތިބި ދެމަފިރިންނެވެ. އެކުގައި ރަނގަޅު ޗުއްޓީއެއް ހޭދަކޮށްލަން ބޭނުންވި ނަމަވެސް އެމީހުން ދާ ރިސޯޓުން އެމީހުންނަށް އެކްޓިވިޓީސްތަކެއް ހަވާލުކުރެ އެވެ. އެ އެކްޓިވިޓީސްތައް ކާމިޔާބު ކުރަން އޯކްވާޑް އަދި މަޖާ އެތައް އެތައް ކަމެއް އެމީހުންނަށް ކުރިމަތިވެ އެވެ. ކަޕްލްސް ރިޓްރީޓަކީ ކޮމެޑީ ފިލްމެކެވެ. ބައިވެރިޔާ އާއެކު އުފާވެރި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ފިލްމެވެ. އޭގެ އިތުރުން ފިލްމުން މުހިންމު މެސެޖެއް ވެސް ލިބިގެންދާނެ އެވެ. އެއީ ގުޅުމެއް ނުވަތަ ކައިވެންޏެއް ދެމެހެއްޓުމަކީ ފަސޭހަކަމެއް ނޫން ކަމެވެ. ދިރިއުޅުން އުފާވެރިކުރަން ދެ މީހުން އެއްވަރަށް މަސައްކަތް ކުރަން ޖެހޭނެ ކަމެވެ.

"ޑޭޓް ނައިޓް" މިއީވެސް ލޯބިވެރިޔާ އާ އެކު ބަލައިލަން ރަނގަޅު ފިލްމަކަށްވާނެ އެވެ. ޑޭޓް ނައިޓަކީ އެކަކު އަނެކަކު މަތިން ފޫހިވެފައި ތިބި ދެ ލޯބިވެރިން ރޮމޭންޓިކް ޑޭޓަކަށް ގޮސް އުޅެނިކޮށް ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެެކެވެ. ރެސްޓޯރެންޓަށް ގޮސް އެހެން ބައެއް ރިޒާވް ކޮށްފައި ހުންނަ މޭޒެއް ބޭނުން ކުރުމުގެ ސަބަބުން ދިމާވާ މައްސަލަތަކެއް ހައްލުކޮށް އެކަމުން ސަލާމަތްވާން ދެ މީހުން ގުޅިގެން މަސައްކަތް ކުރާތަން ފިލްމުން ފެނިގެންދެ އެވެ. ފިލްމުން ލިބޭ މެސެޖަކީ ލޯބިވެރިން ނުވަތަ ދެމަފިރިން އެކަކު އަނެކަކު ދެކެ ފޫހިވެފައި ތިބި ނަމަވެސް އެކުގައި މަސައްކަތް ކޮށްފި ނަމަ ކުރިމަތިވާ ކޮންމެ ގޮންޖެހުމެއް ވެސް ހައްލު ކުރެވޭނެ ކަމެވެ. އަދި އެކަކު އަނެކަކު ދެކެ ފޫހިވެފައި ތިބުމަކީ ކުރިމަތިވާ ގޮންޖެހުންތައް ނައްތާލަން އެކަކު އެކަނި މަސައްކަތް ކޮށްގެން ނަތީޖާއެއް ނުނެރެވޭނެ ކަމެވެ.

"ބިގިން އަގޭން" އަކީވެސް މުހިންމު މެސެޖެއް ފޯރުކޮށްދޭ ފިލްމެކެވެ. ގްރޭޓާ އަދި ޑޭން ނަަމަކަށް ކިޔާ ދެ ލޯބިވެރިން އުޅޭ ފިލްމެކެވެ. އެ ފިލްމުގައި އެ ދެ މީހުން މިއުޒިކީ ދާއިރާއިން ކުރިއަށްދާން ނިއުޔޯކަށް ދިރިއުޅުން ބަދަލުކޮށް ޑޭން އަށް މަޝްހޫރުކަން ލިބުމުން ގްރޭޓާ އާ އެކު ދިރިއުޅުން ކުރިއަށް ގެންދަން އޭނައަށް އުނދަގޫވެ އެވެ. އެހެން ކަމުން ދެ މީހުންގެ ގުޅުން ނިންމާލާފައި ގްރޭޓާ ދޫކޮށްލަ އެވެ. އޭގެ ފަހުން ޑޭންއަށް ގްރޭޓާ ފެންނަނީ ކްލަބެއްގައި ޕާފޯމް ކުރަން ހުއްޓަ އެވެ. އަލުން ދެ މީހުން ގުޅި ދެމެދުގައި ވަރުގަދަ ގުޅުމެއް ގާއިމްކޮށްދެނީ ގްރޭޓާގެ ފުރަތަމަ އަލްބަމްގައި ދެ މީހުން އެކުގައި މަސައްކަތް ކުރަން ފެށުމުންނެވެ.

ލޯބިވެރިޔާ އާ އެކުގައި ބަލައިލަން ރަނގަޅު ފިލްމަކަށް "އެބައުޓް ޓައިމް" ވެސް ވާނެ އެވެ. އުމުރުން 21 އަހަރުގެ ޓިމް ނަމަކަށް ކިޔާ ޒުވާނަކަށް ނިސްބަތްވާ ފިލްމެކެވެ. އޭނާގެ އާއިލާގެ ހުރިހާ ފިރިހެނުންނަށް ވަގުތު ބަދަލުކޮށް ވޭތުވެދިޔަ ވަގުތަށް އަނބުރާ ދިއުމުގެ ބާރު ލިބިފައިވެ އެވެ. ފިލްމުގައި ޓިމްއަށް ލިބިފައި އޮންނަ ކަހަލަ ބާރެއް ހަގީގީ ދިރިއުޅުމުގައި ލިބިއްޖެނަމަ ދެ މީހުންގެ ބަދަލުކުރަން މަސައްކަތް ކުރާނީ ކޮން ކަމެއް ހެއްޔެވެ؟

"ދި ބްރޭކްއަޕް" އަކީ ލޯބީގެ އަނދިރި ފަރާތް ފެނިގެންދާ ފިލްމެކެވެ. ބްރޭކްއަޕް ނުވަތަ ގުޅުން ކަނޑާލުމަށްފަހު ދެ މީހުން އެކުގައި އުޅުނު ގެއިން ނުކުންނަން ބޭނުންނުވެ އެކަކު އަނެކަކަށް ޖެއްސުން ކުރަން ކުރާ ކަންތައްތަކެއް ފިލްމުގައި ފެނިގެންދާނެ އެވެ. މަޖާ ކަންތައްތަކެއް ފެނިގެންދާ އެ ފިލްމުން ދެ މީހުންގެ ދިރިއުޅުމުގައި އެކަކު އަނެކަކުގެ ދައުރު ފެނިގެންދާނެ އެވެ.

މިއީ ލޯބިވެރިޔާ އާއެކު ޝައުގުވެރިކަމާއެކު ބަލައިލެވިދާނެ ބައެއް ފިލްމެވެ. އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ފިލްމުތަކެކެވެ.