ހަބަރު

މެންބަރުންގެ އެފްބީ ލައިވް ދެއްކުމުގައި ސަމާލުވާން އަންގައިފި

ގަވާއިދުތަކާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބްރޯޑްކާސްޓްކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ޓީވީތަކަށް އަންގައިފި އެވެ.

އެ ކޮމިޝަނުން މިރޭ ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، މިހާރަކަށް އައިސް ބައެއް ޓީވީ ޗެނެލްތަކުން، ރައްޔިތުންގެ މަޖީލީހުން ރަސްމީކޮށް ދޫކުރާ ލައިވް ފީޑް ފިޔަވައި، ވަކި ވަކި މެންބަރުން މެދުވެރިކޮށް ސޯޝަލް މީޑިއާގައި ދައުރުވާ ކޮންޓެންޓާއި ވީޑިއޯ ކޯލާއި ރެކޯޑިން ހިމެނޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހިނގާ ކަންކަން ލައިވްކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެފަދަ ކޮންޓެންޓްގެ ތެރޭގައި ހަޑިހުތުރު ބަސް ބޭނުންކުރުމާއި މުޖުތަމައުގެ އަދަބު އަހްލާގުގެ މިންގަޑުތަކާ ހިލާފު ކޮންޓެންޓް ހިމެނޭކަން ވެސް ވަނީ ފާހަގަކުރެވިފައި ކަމަށެވެ. އަދި މީގެ ތެރޭގައި މަޖިލީހުގެ ވަކި މެންބަރުންގެ އަބުރަށް އުނިކަން އަންނަގޮތަށް ބްރޯޑްކާސްޓްކުރުން ވެސް ހިމެނޭ ކަމަށް ސާކިއުލާގައިވެ އެވެ.

"މިފަދަ ކޮންޓެންޓަކީ، މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް ބްރޯޑްކާސްޓްކުރުމާބެހޭ ގޮތުން ހަދާފައިވާ ގަވާއިދާއި އަދި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ހިލާފު ކޮންޓެންޓްކަމަށް ވުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހިނގާ މިފަދަ ކަންކަން ހިމެނޭ ގޮތުން ފަތުރާ ކޮންޓެންޓް ލައިވްކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ހުރިހާ ބްރޯޑްކާސްޓްރުންނަށް ގޮވާލަން،" ސާކިއުލާގައިވެ އެވެ.

އެފަދަ މަންޒަރުތަކާއި އަޑުތައް ބްރޯޑްކާސްޓްކުރެވެމުން ދަނީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށްތޯ ކަށަވަރުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކޮންޓެންޓް ބްރޯޑްކާސްޓްކުރާ ފަރާތްތަކާމެދު ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ފިޔަވަޅުއަޅާނެ ކަމަށް ވެސް ސާކިއުލާގައި ވަނީ ބުނެފަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މި ސާކިއުލާ ނެރުނުއިރު މާދަމާ މަޖިލީހުގެ ޖަލްސާތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މިފަހުން ޖަލްސާތަކުގެ ފީޑް ނުލިބޭތީ، ޓީވީތަކުން ދައްކަމުން ދަނީ މެންބަރުން މަޖިލިސް ތެރޭގައި ކުރާ ވީޑިއޯތަކާއި ފޭސްބުކް ލައިވް އެވެ.