ސުޕަސްޓާ އާމިރް ޚާންގެ ކެރިއަރުގައި ކުޅުނު އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރެއިން "ތްރީ އިޑިއަޓްސް" އާއި "ޕީކޭ" އަކީ ކާމިޔާބު ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ފިލްމުތަކެވެ. ހިރާނީ ޑައިރެކްޓްކުރި ފުރަތަމަ ފިލްމު، "މުންނާ ބާއީ އެމްބީބީއެސް" ގައި ސަންޖޭ ދަތު ކުޅެފައިވާ ރޯލު އެންމެ ފުރަތަމަ ހުށަހެޅީ ޝާހްރުކް ޚާނަށެވެ.
ދެހާސް ތިން ވަނަ އަހަރު ނިކުތް އެ ފިލްމު ޝާހްރުކް ދޫކޮށްލީ ސިއްހީ މައްސަލަތަކެއް ދިމާވެ، ފިލްމު ކުޅެވެން ނެތުމުންނެވެ. ޝާހްރުކް އެ ފިލްމު ދޫކޮށްލުމުން ސަންޖޭ ދަތަށް އެ ރޯލު ހުށަހަޅައި އޭނާ ފިލްމުގައި ކުޅުނު މުރްލީ ޕްރަސާދް ޝަރްމާގެ ރޯލު ނުވަތަ މުންނާ ބާއީގެ ރޯލަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ލިބުނު ރޯލެކެވެ.
ސިއްހީ ހާލަތު ތަން ނުދޭތީ ޝާހްރުކް "މުންނާ ބާއީ" ދޫކޮށްލިޔަސް، ހިރާނީ އޭގެފަހުން 2009 ވަނަ އަހަރު ނެރުނު "ތްރީ އިޑިއަޓްސް" އިން ރޯލެއް ލިބުމުން ވެސް ވަނީ އެ ރޯލު ނުކުޅެ ދޫކޮށްލާފަ އެވެ.
ހިރާނީގެ ކާމިޔާބު ދެ ފިލްމު ޝާހްރުކް ދޫކޮށްލި ނަމަވެސް ސާދަ އަހަރުގެ ދިގު އިންތިޒާރަށްފަހު ޝާހްރުކް ހިރާނީގެ ފިލްމެއް ކުޅެން ނިންމާފައިވާ ކަމުގެ ވާހަަކަތައް އަންނަނީ ދެކެވެމުންނެވެ.
ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން ޝާހްރުކް އާއި ހިރާނީ މަޝްވަރާކޮށް އެކުގައި ކުޅޭނެ ފިލްމު މިހާރު ވަނީ ނިންމާފަ އެވެ. އަދި އެ ފިލްމު ވަރަށް އިއުލާންކުރާނެ ކަމަށް ވެސް ވެ އެވެ.
ބޮލީވުޑްގެ ޑައިރެކްޓަރުންގެ ތެރެއިން ހިރާނީ އަކީ މާސްޓާ ޕީސްތައް އުފައްދަން ކުޅަދާނަ ޑައިރެކްޓަރެއްގެ ގޮތުގައި މަޝްހޫރު ފިލްމު އުފެއްދުން ތެރިއެކެވެ.
ހިރާނީ އާއި ޝާހްރުކްގެ ފިލްމުގެ އިތުރު ތަފްސީލެއް އަދި ހާމަނުވާއިރު، ހިރާނީ މިހާރު އަންނަނީ އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ މަންޒަރުތައް ނަގަމުންނެވެ. އަދި ޝާހްރުކް އަންނަނީ އާނަންދް އެލް ޑައިރެކްޓްކުރާ ޑްވާފް ފިލްމުގެ މަސައްކަތްކުރަމުންނެވެ.
ސަންޖޭގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހު އެވެ.
ހިރާނީ މިހާތަނަށް ޑައިރެކްޓްކުރި ކޮންމެ ފިލްމެއް އުފައްދަން ގާތްގަނޑަކަށް ތިން އަހަރު ނަގަ އެވެ. އެހެންކަމުން ޝާހްރުކާ އެކު އުފައްދާ ފިލްމުގެ މަސައްކަތް އަވަހަށް ފަށާނެ ދުވަހެއް އަދި ބުނާކަށް ނޭނގެ އެވެ.
މިފަހުން ރިލީޒްވި ޝާހްރުކްގެ ފިލްމުތަކަށް މާބޮޑު ކާމިޔާބުތަކެއް ލިބިފައިނުވާއިރު، ހިރާނީ ފަދަ ކާމިޔާބު ޑައިރެކްޓަރެއްގެ ކާމިޔާބު ފިލްމެއް އޭނާގެ ކެރިއަށް ވަރަށް މުހިންމެވެ.