ކުޅިވަރު

ވިޔަސް ބޯސްއަށް ޗައިނާގެ ލީގުން ބޮޑު އަދަބެއް

Oct 3, 2017

ޗައިނާގެ ސްޕަ ލީގްގެ ޝަންހާއީ އެސްޕީއައިޖީ އަށް ކޯޗް ކޮށްދެމުންދާ، ޗެލްސީގެ ކުރީގެ ކޯޗް ޕޯޗްގަލްގެ އަންދުރޭ ވިޔަސް ބޯސް އަށް މެޗަށް ސަސްޕެންޑް ކުރުމަށް، ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމައިފި އެވެ. ވިޔަސް ބޯސް ސަޕެންޑް ކުރަނީ، ރެފްރީއަށް ނިސްބަތް ކޮށް ބޭއަދަބީ ބަހުން މުހާތަބު ކުރުމުން ނެވެ.

ޗައިނާގެ ސްޕަލީގް، ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ ހަތަރު މެޗެވެ. މާނައަކީ އަންނަ އަހަރު ސީޒަންގައި ކުޅެވޭ ލީގްގެ ފުރަތަމަ ހަތަރު މެޗުގައިވެސް ވިޔަސް ބޯސް އަށް ޓީމަށް އިރުޝާދު ނުދެވޭނެ އެވެ. ސަސްޕެންޝަންގެ އިތުރުން، 40000 ޔުއާން (92671 ދިވެހި ރުފިޔާ) އިން ޖޫރިމަނާ ކުރުމަށްވެސް ވަނީ ނިންމާފަ އެވެ.

ޗައިނާގެ ލީގްގެ ދެ ވަނައިގައި އޮތް ސަންހާއީ އެސްޕީއައިޖީ، މިދިޔަ މަހު 22 ވަނަ ދުވަހު، ބެއިޖިން ގުއޯން އާ ދެކޮޅަށް ކުޅުނު މެޗުގެ 78 ވަނަ މިނެޓްގައި ދަނޑުގެ ލައިނާ ހަމަޔަށް އައިސް ބޭއަދަބީ ބަހުން ރެފްރީއާ ދިމާލަށް މުހާތަބު ކުރި ކަމަށް ޗައިނާގެ އެފްއޭ އިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

މިއީ، ވިޔަސްބޯސް ޗައިނާގެ ލީގްގައި ސަސްޕެންޑް ކުރި ދެ ވަނަ ފަހަރެވެ. ޓޮޓެންހަމް އާއި ޕޯޓޯއަށްވެސް އަށް ކުރިން ކޯޗް ކޮށްދިން، ވިޔަސްބޯސް ވަނީ މިއަހަރުގެ ޖޫން މަހުވެސް ދެ މެޗަށް ސަސްޕެންޑް ކޮށްފަ އެވެ. އޭރު އޭނާ ސަސްޕެންޑް ކުރީ، އެސްޕީއައިޖީގެ މިޑްފީލްޑާ ބްރެޒިލްގެ އޮސްކާ، ދަނޑު މަތީގައި ހަމަނުޖެހުން ހިންގުމުން، އަށް މެޗަށް ސަސްޕެންޑް ކުރުމުން އެކަމާ ހިތްހަމަ ނުޖެހި ސޯޝަލް މީޑިއާގައި ވާހަކަ ދެއްކުމުން ނެވެ.

އޭއެފްސީ ޗެމްޕިއަންސް ލީގްގައި، އެސްޕީއައިޖީ އޮތީ ސެމީ ފައިނަލުގައެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޖަޕާންގެ އުރުވާ ރެޑް ޑައިމަންޑްސް އާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އެއްވަރު ވެގެން ނެވެ. ދެ ވަނަ މެޗު އަޮންނާނީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

އޭއެފްސީން ވެސް ވަނީ މީގެ ކުރިން ވިޔަސްބޯސް 14000 ޑޮލަރުން (215460 ދިވެހި ރުފިޔާ) ޖޫރިމަނާ ކޮށްފަ އެވެ. އެއީ އޭއެފްސީ ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި ގްއަންގޫޒޫ އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ބޭއްވި ޕޯސްޓް މެޗު ޕްރެސް ކޮންފަރެންސްގައި އޭއެފްސީ އަށް ރައްދުވާ ގޮތަށް ތުހުމަތު ތަކެއް ކުރުމުން ނެވެ.