ވާހަކަ

މިންނުގެ ޑައިރީ

(1 އޮކްޓޯބަރ 2017 އާ ގުޅޭ)
އޭނާގެ އުނދަގޫ ބޮޑުވެދާނޭތީވެ އެހެން ދިމާއަކަށް ދިއުމަށް ހިނގައިގަންނާން އުޅުނު ވަގުތު އެ ޒުވާނާ ސުވާލެއް ކުރިއެވެ. އޭނާ އެނގެން ބޭނުންވީ އެ ހަފުލާއަށް އަހަރެން އައިސް އުޅެނީ ކޮންބަޔަކާއެކުތޯއެވެ. އަހަރެން ދުރުގައި ބަޔަކާ ވާހަކަދައްކަން ތިބި ސުހައްތައާއި ޖައުބެ ދައްކާލީމެވެ. ހަމަ އެވަގުތު ނިކަން ހިނިއައިސްފައި އެ ޒުވާނާ އަހާލީ އަހަންނަކީ ޖައުންގެ ކޮއްކޮތޯއެވެ. ޒުވާނާގެ ސުވާލަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް އަހަރެންގެ ކަންފަތުގައި އަޒާންގެ އަޑުޖެހުނެވެ. ގާތުގައި ހުރި ޒުވާނާއާ ދުރަށްދާން ބޭނުންވެފައި ހުއްޓާ ފަހިވި ފުރުޞަތުގެ ބޭނުން ހިފާ އަވަހަށް ދޮރާ ދިމާއަށް އެނބުރިލީމެވެ.

އަޒާން: "ހޭ! މިންނު!"

ދެވަނަ ފަހަރަށް އަޒާން އަހަންނަށް ގޮވާލާފައި ކުޑަކޮށް އަތް ހިއްލާލާ އިޝާރާތެއް ކޮށްލީ އަހަރެން ހުރިތާ މަޑުކުރުމަށެވެ. އަހަރެންގެ ގާތަށް އޭނާ އަންނަނީ ކަމުގައެވެ. ހަމަ އެވަގުތު އަހަރެންގެ ގާތުގައި ހުރި ނުދަންނަ ޒުވާނާ ވެސް އަހަރެންގެ ނަމުން ގޮވާލި ހެން ހީވިއެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ބަލާލެވުނީ އެހެންވެއެވެ. އެހިނދު ފާޑަކަށް ހިނިއައިސްފައި ހުރެ އަހަރެންގެ ނަން ކިޔާލިއެވެ. އޭނާ ހިނިއައިސްފައި ހުރީ އަހަރެންގެ ނަން އެނގިގެން ކަމެއް ނޫނީ އޭނާގެ ހިތުގައި އެހެން އެޖެންޑާއެއް އޮވެގެންކަމެއް އަހަންނަށް ދެނެގަންނާކަށް ނޭނގުނެވެ. އަޒާން ބުނި ނަމަވެސް އެ ޒުވާނާގެ ގާތުގައި ހުންނާން އަހަރެން ބޭނުން ނުވާތީ އަޒާންއާ ދިމާއަށް ދިއުމަށް އަވަސްވެގަތީމެވެ. ނަމަވެސް ކުއްލިއަކަށް ސިހިފައި އަހަންނަށް ހުއްޓެވުނީ ފަތަހަށް ދޫކޮށްލެވިފައި އޮތް ދޯޕައްޓާގެ އެއްފަރާތަށް ވާންވެގެންނެވެ. ނިކަން އަވަހަށް ފަހަތަށް ބަލާލެވުމާއެކު ދޯޕަށްޓާއަށް ދަމާލެވުނެވެ. އެހިނދު ގާތުގައި ހުރި ޒުވާނާގެ އަތުގެތެރޭގައިވާ އަހަރެންގެ ދޯޕަށްޓާ ފެނުނެވެ. ކުރިއަށްވުރެ އަޒާންގެ ގާތަށް ދާން އަހަރެންގެ ނަފްސު ވެސް ތެޅިފޮޅިގަތެވެ. އެންމެ ހިނދުކޮޅަކު ވެސް މަޑުކޮށްލުމެއްނެތި ކުރިއަށް ހިނގައިގަތީއެވެ. ދޯޕަށްޓާގައި ހިފަހައްޓައިގެން ހުރެއެވެ. އެވަގުތު އެ ޒުވާނާގެ އަތުގެ ތެރެއިން އަހަރެންގެ ދޯޕަށްޓާ ސޮހިގެން ދިޔަކަން އިޙްސާސް ކުރެވުނެވެ.

އަޒާން: "ކިހިނެއްވީ؟ ހާދަ ހާސްވެފަ؟"

އަހަރެން އައިސް އަޒާން ދިއްކޮށްލައިގެން ހުރި އަތުގައި ބާރަށް ހިފާލެވުމާއެކު އޭނާ އަހާލިއެވެ. ނަމަވެސް އެ ސުވާލަށް ޖަވާބެއްދީ ހިތްނުތަނަވަސް ކުރުވާން އަހަރެން ބޭނުންނުވީއެވެ. އެހެންވެ މީހުންގަނޑުގެ ތެރެއިން އަޒާންގެ އަތުގައި ހިފައިގެން އެއްފަރާތްވެލީމެވެ. އެއާއެކު އެންމެ ފުރަތަމަ ވެސް އަހަންނަށް ކޮށްލެވުނީ ޝަކުވާއެވެ. އަޒާންއަށް އެހާ ދިގު އިންތިޒާރެއް ކުރާން އަހަންނަށް ޖެއްސީތީއެވެ. އަހަރެންގެ ޝަކުވާއާއެކު ޙަފުލާގައި ހޭލަމޭލަވާ މީހުންނަށް ސިއްރުން ކަހަލަ ގޮތަކަށް އަހަރެންގެ ކަނާތް އުފުލާލުމާއެކު އެ އަތްތިލާއި އަޒާން ބޮސްދިނީ މާފުކުރާށޭ ބުނާފަދަ މަޢުޞޫމު ބަލާލުމަކާއި އަސަރުން ފުރިގެންވީ ހިނިތުންވުމަކާއެކުއެވެ. ހިތަށް ފޭދިގެންދިޔަ ޖަޒުބާތުގެ އިޙުސާސުގައި އަހަރެންގެ ބަސްހުއްޓި ލޯބިވެތި ހިނިތުންވުމަކާއެކު ތިރީތުންފަތުގެ އެއްފަރާތުގައި ދަތްއަޅާލެވުނެވެ.

އަޒާން: "އަހަންނަށް ނިދިފައި ހޭލެވުނީ އިރުއޮއްސުނު ފަހުން. މިންނުއަށް ގުޅާލަން ހިތަށް ވެސް އެރި. އެކަމަކު ހިތަށް އެރީ މިރޭ ބައްދަލުވާނެ ނޫންހޭ. އެހެންވެ މަޢުރިބު ނަމާދަށް ބައްޕަ މިސްކިތަށް ދާންވާއިރަށް އަހަރެން ވެސް ދާން އަވަސްވެލީ. މަންމަ ގާތުގައި މިރޭ ބޭރަށް ދާވާހަކަ ބުނާން ވެސް ހަނދާނެއްނެތް. އިޓްސް އޯލް މައި ފޯލްޓް... މަންމަގެ މައިބަދައިގަ ރިއްސާތީ އުޅޭތާ ދުވަސްކޮޅެއްވެއްޖެ. މިރޭ ޑަކްޓަރަށް ދައްކަން އެޕޮއިންމެންޓު ވެސް ހައްދާފައި އޮތީ. ބައްޕައަށް ދެވެން ނެތިގެން ކުއްލިއަކަށް އަހަންނަށް ދާން ޖެހުނީ. މިންނުއަށް އެނގެއެއްނު މަންމަމެންނަށް ކަމެއްކޮށްދޭން އަހަރެން ނޫނީ ދަރިއަކު ނުހުންނާނެކަން."

އަޒާންގެ ވާހަކަތައް އަހަރެން ޤަބޫލު ކުރީމެވެ. އޭނާއަކީ މައިންބަފައިންދެކެ އިންތިހާއަށް ލޯބިވާ ޒުވާނެކެވެ. ޚާއްޞަކޮށް މަންމައަށް ކަމެއް ދިމާވެއްޖެނަމަ އޭނާ ނުހަނު ކަންބޮޑުވާނެއެވެ. މަންމަގެ ހާލު އަހަރެން އަހާލީއެވެ. ޑަކްޓަރު ބޭސްދީފައި ހުރި ވާހަކަ ބުންޏެވެ. އަދި އެހެން ދުވަހަކުން ދައްކަން ދާޖެހޭ ވާހަކަ ވެސް އަޒާން ބުންޏެވެ.

އަޒާން: "އަހަރެން ހޮސްޕިޓަލުގައި އިންދާ މިންނު ގުޅީ. އެހެންވެ ކޯލަށް އާންސާ ނުކުރެވުނީ"

އަޒާންއާ މެދު އަހަރެންގެ ހިތުގައި އެއްވެސް ޝަކުވާއެއްނެތެވެ. އެފަދަ ކަންކަން ދިމާވެދާނޭ ކަން އަހަންނަށް ވެސް ވިސްނެއެވެ. އަޒާންގެ ގާތުގައި އަހަރެންގެ އެއްވެސް ޝަކުވާއެއްނެތްކަން ހާމަކުރީމެވެ. އެހިނދު ދެކޮޅު ހޯދާ ބަލާލުމަށްފަހު ލާނެތް ހިންޏެއް އައިސްފައި ހުރެ އަހަރެންގެ އުނަގަނޑުގައި ދެއަތުން ހިފާ ގެނެސް އަޒާންއާ ނިކަން ގާތްކޮށްލިއެވެ. އަޒާންގެ އެ ޢަމަލުން އަހަރެންގެ ހިތް ތެޅިގަތީ ހާސްވެގެންނެވެ. ހަށިގަނޑުގައި ކަރަންޓު ޝޮކެއް އުފެދުނު ފަދައިން އަޒާންއާ ދުރަށް އަހަރެން ޖެހިލީމެވެ. މީހުންތަކު ތެރޭ އެފަދަ ކަމެއް ނުކުރުމަށް ކުދިކިޔާލަމުންނެވެ.

އަޒާން: "މިންނު މިރޭ ހާދަ ރީއްޗޭ. ބިރުގަނޭ މިކަހަލަ ޙަފުލާއެއްގައި މިންނު ބަހައްޓަން ވެސް"

އަހަރެންގެ ދޯޕައްޓާ ރަނގަޅުކޮށްލަމުން އަޒާން ވާހަކަދެއްކިއެވެ. އޭނާގެ ވާހަކަ ހުރިގޮތުން އަހަންނަށް ހެވުނީއެވެ. އަޒާންއަށްވުރެ އަހަރެން ބިރުގަނެއޭ ބުނާން ހިތަށް އެރިއެވެ. އެ ޚަފުލާގައި ބައިވެރިވި ރީތި ޖިންސުލަޠީފުންގެ ޖާދޫގައި އަޒާން ޖެހިދާނޭތީއެވެ. އެ ފަރި ހަރަކާތްތަކަށް އަޒާންގެ ހިތް ލެނބިދާނޭތީއެވެ. އަހަންނަކީ ސީދާސާދާ އަންހެންކުއްޖަކީމެވެ. އަހަންނަށް ނުދެވޭނޭ އުފާވެރިކަމާއި ހިތްހަމަޖެހުން އެ އިން އަންހެން ކުއްޖެއްގެ ފަރާތުން އަޒާންއަށް ލިބިދާނޭތީއެވެ. ބޭކާރު ޚިޔާލުތަކުން ދުރުކޮށްދިނީ އަޒާނެވެ. އަހަރެންގެ އަތްތިލައަށް ބާރުކޮށްލުމާއެކު އޭނާ އަނެއްކާ ވެސް ވާހަކަދައްކަން ފެށިއެވެ.

އަޒާން: "ހަމަހުވާ މިކުރީ! މި ޕާޓީއަކުން އަދި ނުފެނޭ މިންނުގެ ރީތިކަމާ އެއްވަރުކުރެވޭނެ އެއްވެސް ކުއްޖަކު. އެހެންވެ ބިރުގަންނީ... މިންނުގެ ތި ރީތިކަން ފެނި އަހަރެންގެ އަތުން ޖަހައިގަނެދާނޭތީ. ސިއްރުން ވިޔަސް ތި ރީތިކަމަށް ކަޅިއަޅާ ޒުވާނުން މި ޕާޓީގައި އެބައުޅޭ... މިންނު! އަހަންނަށް އެކަހަލަ ގޮތެއް ނަހައްދައްޗޭ... މިބުނީ... އަހަރެން ދޫކޮށްލާފައި ނުދައްޗޭ."

މި ނޫނީ ދުވަހަކުވެސް އަހަރެން ގެއްލިދާނޭތީ އަޒާން ވާހަކަދައްކާފައެއް ނުވެއެވެ. އޭނާގެ ހިތުގެ ޙާލު ބަޔާންކުރުމުން އަހަރެން އިންތިހާއަށް އުފާވިއެވެ. އަހަރުމެން ދެ މީހުން ވެސް ތިބީ އެއްހާލެއްގައިކަން އެނގިއްޖެއެވެ. ދެ މީހުން ވެސް އެކަކު އަނެކަކަށް ގެއްލިދާނޭތީ ކަންބޮޑުވެއެވެ. ދެ މީހުން ވެސް ބޭނުންވަނީ އެކުގައި ދިރިއުޅުމެއް ބިނާ ކުރާށެވެ. ދެ ހިތުގައި ހިނގަމުން އަންނަނީ އެއް އިޚުސާސްތަކެކެވެ. ލޯބީގައި އާވާރާ ވެފައިވަނީ ހަމައެކަނި އަހަރެން އެކަންޏެއް ނޫނެވެ. އަޒާން ވެސް އަހަރެންދެކެ ހަޤީޤީ ލޯބިވާކަން ޔަގީނެވެ.

ޙަފުލާއެއްގައި އެކަހެރިކޮށް ދެމީހުން ތިބޭނަމަ މީހުންގެ ލޮލުގައި އަޅައިގަންނާނޭކަން އަހަންނާއި އަޒާން ވެސް ދެނެހުރީމެވެ. އެހެންވެ ތަނބުގެ ނިވަލުން ނުކުމެ ޙަފުލާގެ އުފާވެރި މާޙައުލުގައި އަހަރުމެން ދެ މީހުން ވެސް ބައިވެރި ވެވޭތޯ އުޅުނީމެވެ. ފުރަތަމަ ވެސް ހޯދާލެވުނީ ޖައުބެއާއި ސުހައްތަ ތިބީ ކޮންހިސާބެއްގައިތޯއެވެ. މިރެއަކީ އެމީހުންނަށް އަޒާން ތަޢާރުފުކޮށްދޭން ނިންމާފައި އޮތް ރެއެވެ. އަހަރެންގެ ހަޔާތަށް ބައިވެރިއަކު އައިސްފިކަން ޢިއުލާން ކުރާންވީ ވަގުތު ޖެހުނީއެވެ. މޭޒުތަކުގައި އިށީނދެ ތިބި މީހުންނަށް ނަޒަރު ހިންގަނިކޮށް އަހަރެންގެ ލޮލުގައި ސުހައްތައާއި ޖައުބެ އަޅައިގަނެއްޖެއެވެ. އެމީހުންގެ ގާތަށް ދިއުމުގެ ކުރީން ކާއެއްޗެހި އަތުރާފައި ހުރި މޭޒާ އަހަންނާއި އަޒާން ކައިރިވެލީމެވެ. ބަނޑުފުރޭނޭ ވަރަށް ކާއެއްޗެހި ތަށްޓަށް އަޅާލުމާއެކު އަޒާން ގޮވައިގެން އަހަރެން މިސްރާބުޖެހީ ސުހައްތަމެންނާ ދިމާއަށެވެ. އަހަރެން އައިސް މޭޒުދޮށުގައި ހުއްޓިލުމާއެކު ސުހައްތަގެ ނަޒަރު ވަގުތުން އަޒާންއަށް ހުއްޓުނެވެ. އަހަރެންގެ ގާތުގައި އޭނާ ހުރުމުންނެވެ. އެއްފަހަރު އަހަންނަށް އަނެއްފަހަރު އަޒާންއަށް ބަލާލާފައި ހިނިތުންވެލިއެވެ. އަނގައިގާވާ ހުރިހާ ދަތެއްފެންނާނޭ ވަރަށެވެ. އެ ހިނިތުންވުމުގައި އަހަންނާ ދިމާކޮށްލާ ފަދަ އެކުލެވިފައި ހުރިހެން އަހަންނަށް ހީވިއެވެ. ލަދުގަންނަ ގޮތް ވިއެވެ. އަޒާންއަށް ބަލާލިއިރު އޭނާ ވެސް ރަކިވެގެން އިސްޖަހާލައިފިއެވެ. އަޒާންއާއި ސުހައްތަ ބައްދަލުވީ ފުރަތަމަ ފަހަރަށް ނަމަވެސް ސުހައްތަގެ ވާހަކަތައް އަހަރެން ކުރީން ވެސް އޮންނާނީ އަޒާންއާ ޚިއްޞާކޮށްފައެވެ. ސުހައްތައަކީ މީހުންނާ ގުޅޭ މީހެއްކަމެވެ. އަހަރެންގެ ހުރިހާ ނިންމުންތަކެއްގައި އެންމެ ބޮޑު ދައުރެއް ކުޅޭ މީހަކީ އެއީކަމެވެ. އަހަރެންގެ މަންމައަކީ ވެސް ބައްޕައަކީ ވެސް އަހަރެން ދުށްގޮތުގައި އެއީ ކަމެވެ. އެހާ މާތް ޤަދަރެއް އަހަރެން ސުހައްތައަށް ކުރާކަން އަޒާން ހަނދާން ބަހައްޓާނޭކަން އަހަންނަށް އެނގެއެވެ. ފުރިހަމަ އިތުބާރު އޭނާއަށް އަހަރެން ކުރަމެވެ. އަހަރެން އިށީންނަން އުޅުނު ގޮނޑިއާ ޖެހިގެން ހުރި ގޮނޑިއަށް އިޝާރާތްކޮށްލާފައި އަޒާން ގާތު އިށީންނަން އެދުނީމެވެ. އަޒާންގެ ފޫ ގޮނޑީގައި ޖެހުމުގެ ކުރީން ސުހައްތަ ސަލާމަށް އޭނާއަށް އަތް ދިއްކޮށްލައިފިއެވެ.

ސުހާ: "ސުހާ! މިންނުގެ ސިސް... ތީ ކޮންކުއްޖެއްތަ؟ މިންނުގެ ފްރެންޑެއްތަ ނޫނީ އެއަށްވުރެ..."

ސުހައްތަގެ އަތުގައި ހިފާ އަޒާން ސަލާމްކޮށްލުމާއެކު ސުހައްތަ ސުވާލުކޮށްލިއެވެ. މާނަފުން ގޮތަކަށް އަޒާނަށް ބަލާލާފައި އޭނާގެ ޖަވާބަކަށް މަޑުކޮށްލިއެވެ. ޖައުބެ ހިނި އައިސްފައި އިނީއެވެ. ހުރިހާ ވާހަކައެއް ދައްކަން ސުހައްތައަށް ފުރުޞަތު ދީގެންނެވެ. އަޒާން އިން ގޮތުން އޭނާ އެ އިނީ އަހަރެންގެ ޢާއިލާ ބަޔަކާ ދިމާވި ފުރަތަމަ ފަހަރުވީމާ ލަދުންހެން ހީވިއެވެ. ސުހައްތަގެ ވާހަކައަށް އަޒާން ހީނލުމާއެކު އަހަންނަކީ އޭނާގެ ޚާއްޞަ ރަޙުމަތްތެރިއެއްކަމުގައި ބުންޏެވެ. އަދި އެ ފަދަ ޚާއްޞަ ދެވަނަ ރަޙުމަތްތެރިއަކު ނުހުންނާނޭ ކަމަށް ވެސް ބުނެލިއެވެ.

ކެއުން ކުރިއަށް ދިޔައިރު މޭޒުދޮށުގައި ތިބެ ސުހައްތަ ކުރަމުން ދިޔަ ސުވާލު ވެސް ގިނަވިއެވެ. ނަމަވެސް މަޑުމަޑުން އަޒާނާއި އަހަރެންގެ ޢާއިލާ މީހުންނާ ދެމެދު އޮތް ބީރައްޓެހިކަން ކެނޑެމުންދިޔައެވެ. ކުރީން ހުރި ޖެހިލުންވުން ކުޑަވެއްޖެއެވެ. ސުހައްތައާއި އަޒާނަށް ވާހަކަދެއްކުމަށް ފުރުޞަތު ދީފައި އަހަރެން މޭޒު ދޮށުން ތެދުވެލީމެވެ. އަދި އެ ޙަފުލާގައި ޚާއްޞަކުރެވިފައި ހުރި ތަފާތު ބުއިންތައް އަތުރާފައި ހުރި މޭޒުގެ ކައިރިއަށް ހިނގައިގަތީމެވެ.

ތަފާތު ބުއިންތައް އަތުރާފައި ހުރިއިރު ބައެއް ބުއިންތައް ހުރި ގޮތުން އެއީ ކޮންކަހަލަ ބުއިމެއްކަމެއް ނޭނގޭތީ ނިކަން ވިސްނަވިސްނާފައި ޖޫސްހެން ހީވާ ބުއިމެއް ނެގީމެވެ. އެތިފޮދެއް ރަހަބަލާލަމުން ހިތްހަމަޖެހޭ ބުއިމަކަށް ވެގެންދިޔައެވެ. އެހެންވެ މޭޒު ކައިރިން ދުރަށް ދިއުމަށް އެނބުރިލި ވަގުތު އަހަރެންގެ ކުރިމަތިން މީހަކު ކުއްލިއަކަށް އަހަރެންގެ އަތުގައި ޖޫސްތަށްޓާއެކު ހިފަހައްޓާލިއެވެ. ޖޫސްތަށި ބަންޑުން ނުވެ ސަލާމަތްވީ ހަމަ ކިރިޔާއެވެ. އަވަސް އަވަހަށް މަޢާފަށް އެދެވުނީ ބަލާނުލާ އެނބުރިލެވުނީ އަހަންނަށޭ ހިތަށް އަރާފައެވެ. ޖޫސްތަށިން ނަޒަރު ނެއްޓި ކުރިމަތީ ހުރި ޒުވާނާގެ ބްލޭޒާގައި އަޅައިގަތެވެ. އެއާއެކު އަވަސް އަވަހަށް ކުރިމަތީ ހުރި ޒުވާނާގެ މޫނަށް އަހަރެން ބަލާލީމެވެ. ސިކުނޑީގައި ސުވާލު މާކެއް އެވަގުތު ޖެހުނެވެ. ކުރިމަތީ ހުރީ އަހަންނަށް އޭނާގެ ބްލޭޒާގައި ޖަހާފައި އިން ރަތް ފިނިފެންމާ ދިން ޒުވާނާއެވެ. ސުވާލު އުފެދުނީ އޭނާ އަހަންނަށް ފާރަލާހެން ހީވެގެންނެވެ. ދުރަށް ދާން ފިޔަވަޅެއް އަޅާލުމާއެކު އެ ޒުވާނާ ވާހަކަދައްކަން ފެށިއެވެ.

ޒުވާނާ: "ރަތް ފިނިފެންމާ ކޮބާ؟"

އޭނާގެ ސުވާލުން އަހަރެން ހައިރާންވިއެވެ. ބޭއިޚްތިޔާރުގައި ވަށައިގެން ހޯދާލެވުނެވެ. އަހަރެންގެ އަތަކު އެ ބުނާ ރަތް ފިނިފެންމަލެއް ނެތެވެ. އަޒާންއާއެކު އުޅުމުގެ ތެރޭގައި ޚަފުލާގެ ކޮންމެވެސް ހިސާބަކަށް ވެއްޓުނީ ކަމަށް ވެސް ވެދާނެއެވެ. ނޫނީ ތަނެއްގައި އަހަންނަށް ބޭއްވުނު ކަމަށް ވެސް ވެދާނޭ ހިތަށް އެރިއެވެ. އެހެންނަމަވެސް އެހެން ބުނާކަށް ބޭނުމެއްނުވިއެވެ. ބަސްހުއްޓިފައި ހުރި މީހަކު ފަދައިން އެ ޒުވާނާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެހެން ހުއްޓާ އޭނާ ދެވަނަ ފަހަރަށް ސުވާލު ތަކުރާރުކޮށްލިއެވެ. އެއާއެކު އެ ޒުވާނާގެ މަޤުޞަދާމެދު އަހަރެންގެ ޟަމީރު ސުވާލު އުފެއްދިއެވެ. އޭނާއަށް ޖަވާބު ދިނުމުގެ ބަދަލުގައި އޭނާއާ ދުރަށް ދިއުމަށް އަހަރެންގެ ޟަމީރު ގޮވާލިއެވެ. އެހެންވެ އަނގައިން ބުނުމެއްނެތި އަރިއަކަށް ޖެހެމުން ކަހަލަ ގޮތަކަށް މީހުންތަކުގެ ތެރެއިން އޭނާއާ ދުރަށް ދާން ހިނގައިގަތީމެވެ. ތަންކޮޅަކަށް ދެވުނު ތަނާ އެ ޒުވާނާގެ އަޑުއިވުނެވެ.

ޒުވާނާ: "މިންނު!... މިންނު! މަޑުކޮށްބަލަ!"

އެ ޒުވާނާ ގޮވާލީ ތަންކޮޅެއް ބާރަށެވެ. ޖެހިލުންވެ ހުރެ ހުއްޓެވުނީ ވަށައިގެން ހަރަކާތްތެރިވާ މީހުންތަކުގެ ތެރޭގައި އަހަރެން ހިތްހަމަނުޖެހޭ ފަދަ ކަމެއް ކުރާން އެ ޒުވާނާއަށް ނުކެރޭނޭ ހިތާއި ސިކުނޑި ބުނަމުންދިޔައިމައެވެ.

ޒުވާނާ: "އަން! މި އޮތީ އަހަރެން ދިން ރަތް ފިނިފެންމާ... އިޓްސް ފޯ ޔޫ. މީހަކު ހަދިޔާއެއް ދިނީމާ ޤަބޫލުކުރުމާއެކު އެއަށް ކަމޭހިތަން ވެސް ވާނެ. ހޯޕް ނެކްސް ޓައިމް ޔޫ ވޯންޓް ހާޓް މައި ފީލިންގްސް"

އަހަރެން ކަނާތުއަތުން ޖޫސްތަށި ހިފަހައްޓާލައިގެން ހުރުމުން އެ ޒުވާނާ ހިފީ އަހަރެންގެ ވައަތު އަތުގައެވެ. އަދި އަހަރެންގެ އަތްތިލާގައި ހިފަހައްޓާލުމާއެކު އަތުގައި އޭނާ ކުރީން ދިން ރަތް ފިނިފެންމާ ބާއްވާލިއެވެ. އަދި އިރުކޮޅަކު އަހަންނަށް ބަލަން ހުރެފައި އަހަރެންގެ އަތުން ދޫކޮށްލިއެވެ. އެއާއެކު އެ ފިނިފެންމަލަށް ބަލާލާފައި އަހަރެން ގަދަކަމުން ހިނިތުންވެލީމެވެ. އެ ޒުވާނާ ހިތްހަމަޖައްސާލުމަށް ޓަކައި "ތޭންކްސް"އޭ ބުނެލެވުނީ ވެސް އުނދަގުލުން ވައިއަޑުންނެވެ. އެއާއެކު ހަލުވި ފިޔަވަޅުގައި އަޒާންއާއި ސުހައްތަމެން ތިބި މޭޒު ކައިރިއަށް ދިއުމަށް އަވަސްވެގަތީމެވެ.

މޭޒުދޮށުގައި އަހަރެން އައިސް އިށީނުމާއެކު ޖައުބެ ގޮވާލިއެވެ. އަދި އަހަރެންގެ ގާތުގައި ހުރި ޒުވާނާ ދެއްކި ވާހަކައެއް އޮޅުން ފިލުވުމަށް ޝައުގުވެރިވިއެވެ. އެއީ ޖައުބެ ދަންނަ ޒުވާނެއްކަން ޔަގީނެވެ. އެ ޒުވާނާ ވެސް ވަނީ ކުރީން އަހަންނަކީ ޖައުންގެ ކޮއްކޮތޯ ސުވާލުކޮށްފައެވެ. އެހެންނޫނަސް އެ ޙަފުލާއަކީ ޖައުބެގެ އޮފީސް މީހުންނަށް ޚާއްޞަކުރެވިފައި ޙަފުލާއަކަށް ވާއިރު އެކަކުއަނެކަކު ދަންނާނެތާއެވެ. އަހަންނާއި އެ ޒުވާނާއާ ދެމެދު ޚާއްޞަ ވާހަކައެއް ނުދެކެވޭކަމުގައި ޖައުބެއަށް އޮޅުން ފިލުވައިދިނީމެވެ. އަޒާން އިރުކޮޅަކު އަހަންނަށް ބަލަން އިނދެފައި ކަންފަތް ދޮށަށް ގުދުވެލިއެވެ.

އަޒާން: "ކޮންތާކުން އުފުރާލައިގެން އައި މަލެއް؟"

އަޒާން އެހެން ބުނުމުން ހިނިއައެވެ. އޭނާއަށް އެ ހީވީ ވަށައިގެން ފެންނަމުންދާ ގުލްދަސްތާތަކުން މަލެއް ނަގައިގެން އައީ ކަމުގައެވެ. އެހެންވެ ހިނިއައިސްފައި އިނދެ އަހަންނާ ވާހަކަދައްކަން ހުރި ޒުވާނާ ދިން އެއްޗެކޭ ބުނެލީމެވެ. އަދި އެއީ މޮޔަ މީހެކޭ ބުނެލީ މަޖާކޮށްލަންވެގެންނެވެ. އެއާއެކު ޖައުބެ ވާހަކަދައްކަން ފެށިއެވެ.

ޖައުން: "މިންނުއަށް އެނގޭތަ ތި ވާހަކަދެއްކުނީ ކާކާކަން؟"

އަހަރެން ދެފަރާތަށް ބޯހޫރުވާލުމުން ޖައުބެއާއި ސުހައްތަށް އެކަކު އަނެކަކަށް އަވަސް ނަޒަރެއް ބަދަލުކޮށްލިއެވެ. އަހަންނާއި އަޒާންގެ ޝައުގުވެރިކަން އިތުރުވިއެވެ. އެއާއެކު ޖައުބެ ކުރިއަށް ޖެހިލާފައި ކިޔާދިނެވެ.

ޖައުން: "އެއީ ހައިކަލް!... ޖައުބެގެ ބޮސް. މުޅި ކޮމްޕެނީގެ ބޮސް"

އަހަންނަށް ލިބުނީ ޤަބޫލުކުރާން ދަތި ޙައިރާން ކަމެކެވެ. ފަހަރެއްގައި އަހަރެންގެ ވިސްނުން އެހާ ތަނަވަސް ނޫނީ ކަންނޭނގެއެވެ. ތަނެއްގެ ވެރިއެއްގެ ފާޑު އެ ޒުވާނާގެ ގައިގާ ނުޖަހައެވެ. އަހަންނަށް ސިފަކުރެވެނީ ތަންތަނުގެ ވެރީން ފެނުމުން އެ މީހުންގެ މޫނުމަތިން ވެސް ނިކަން ހަރުދަނާކަމާއި ހަރުވައްތަރު ހުންނާނޭ ކަމަށެވެ. ޝަޙުސިއްޔަތުގައި ނިކަން ވަރުގަދަ ގޮތް ހުންނާނޭކަމަށެވެ. ތަނެއްގެ ވެރިއެކޭ ބުނާ ވަރަށްވުރެ އެ ޒުވާނާ ޅައީއެވެ.

އަޒާން: "ހީ އިޒް ވެރީ ސްމާޓް"

ތަފާތު ޚިޔާލުތަކުގައި އިންދާ އަޒާން މަޑުމަޑުން ބުނެލިއެވެ. އޭނާ ނިކަން ރަނގަޅަށް ހައިކަލްއަށް ބަލާލީއެވެ. އަހަރެން ހީނލާފައި މޫނު ހަދާލީ އަޒާންގެ ވާހަކައާ އެއްބަސްވާން ބޭނުންނުވާތީއެވެ. އަހަންނަށް އަޒާނަށްވުރެ "ސްމާޓް"، "ހެންޑްސަމް" މީހަކު ނުހުންނާނެއެވެ. އަޒާންއާ އަޅާ ކިޔޭވަރުގެ އިތުރު ފިރިހެނަކު ނުހުންނާނެއެވެ.

ޙަފުލާ ނިންމާލާފައި ގެއަށް އައީ އަހަންނާއި ސުހައްތަމެންނާ ވަކީންނެވެ. އަހަރެން އައީ އަޒާންއާއެކުއެވެ. ގެއަށް އައިރު ސުހައްތަމެން ގޭގައި އުޅެއެވެ. ގޭތެރެއަށް ވަނުމުގެ ބަދަލުގައި އަހަރެން ދޮރޯށި ދޮށުގައި އަޒާންއާ ވާހަކަދައްކާލަން މަޑުކޮށްލީއެވެ. އެހެން ހުރެފައި އަޒާން ގާތު އެތެރެއަށް ވަންނާނަންތޯ އަހާލީމެވެ. (ނުނިމޭ)