އަލީ ސުޒޭން

ބަލަނީ ބޮޑު ސްކޮޑަކަށް ނޫން، ބަލަނީ އުނދަގޫ ޗެލަންޖަށް: ސުޒޭން

Oct 3, 2017

ފުޓްބޯޅަ އާއިލާ ތެރޭގައި ދެކެވޭ ވާހަކައެއް އޮވެއެވެ. މަޝްހޫރު ކޯޗް އަލީ ސުޒޭން ޓީމަކާ ހަވާލުވުމުގެ ކުރިން، އެ ޓީމެއްގެ އޮންނަނީ ބޮޑު ސްކޮޑަކަށްތޯ ބަލާ ވާހަކަ އެކެވެ. ބޮޑު ސްކޮޑެއް އޮންނަ ޓީމަކާ ނޫނީ ސުޒޭން ހަވާލު ނުވާ ވާހަކަ އެވެ. އިއްޔެ ގދ. ތިނަދޫ ޓީމުގެ ކޯޗް ކަމާ ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާއާ އެ ސުވާލު ކުރިމަތި ކުރުވި އެވެ. އަތޮޅުތަކުގެ ތެރެއަށް ނިސްބަތްވާ އަނެއް ތިން ޓީމަށް ވުރެ، ތިނަދޫގެ ފެންވަރު ރަނގަޅުވި ނަމަވެސް، ޕްރިމިއާ ލީގްގައި ވާދަ ކުރާ ފުރަތަމަ ޑިވިޝަނަށް ނިސްބަތްވާ ހަތަރު ޓީމަށް ވުރެ ތިނަދޫގެ ހާލަތު ތަފާތެވެ.

ސުޒޭނަށް ކުރިމަތިވާ އެ ފާޑު ކިޔުންތަކަށް އޭނާ ދޭ ޖަވާބު މިއޮތީ އެވެ. އޭނާ ބުނީ ޓީމަކާ ހާވަލުވާއިރު ސްކޮޑަށް ނުބަލާ ކަމަށާއި، ބަލަނީ އުނދަގޫ ޗެލެންޖިން މާހައުލެއްގައި މޮޅެއް ހޯދަން ކަމަށެވެ.

"އަޅުގަނޑަކީ އެއްވެސް ގޮތަކަށް ގްރޭންޓެޑް މޮޅުތަކެއް ހޯދަން ނިކުންނަ މީހެއް ނޫން ތަންކޮޅެއް ޗެލެންޖިން މާހައުލެއްގައި މޮޅެއް ހޯދިއްޖެއްޔާ އެއީ މާބޮޑު ކާމިޔާބެއް ކަމަށް ބަލައިގެން ނިކުންނަ މީހެއް ވީމަ މިއީ ވަރަށް ރަނގަޅު ޗެލެންޖެއް،" އިއްޔެގެ ނޫސް ކޮންފަރެންސްގައި ސުޒޭން ބުންޏެވެ.

އުނދަގޫ ޗެލެންޖެއް ނަގައިގެން ހޯދި ކާމިޔާބެއްގެ މިސާލު ދައްކަމުން ސުޒޭން ދެއްކީ 2003 ވަނަ އަހަރު، ވިކްޓަރީގެ އޭރުގެ ހެޑް ކޯޗް އަދި މައުރޫފް އަހްމަދު (މާއްޓޭ)، އޭރު ވިކްޓަރީ އަށް ކުޅެމުން ދިޔަ ވިކްޓަރީގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ގޮވައިގެން އައިއެފްސީ އަށް ބަދަލުވުމުން، އޭރު ވިކްޓަރީގެ އޮތް ސްކޮޑަކާއެކު ދެ ތަށި ކާމިޔާބު ކުރި ސީޒަނަށެވެ. އެ އަހަރު ސުޒޭން ވަނީ ވިކްޓަރީއަށް މާލޭ ލީގާއި ޕްރެޒިޑެންޓް ކަޕް ކާމިޔާބު ކޮށްދީފަ އެވެ.

އަދި އޭނާ ބުނީ، ގައުމީ ކެޕްޓަން އަލީ އަޝްފާގްއާ ދެކޮޅަށް ކުޅެ ތަށި ހޯދި ދިވެހި ދެ ކޯޗުންގެ ކޯޗުންގެ ތެރެއިން އެކަކީ، އޭނާ ކަމަށެވެ. އަނެއް ކޯޗަކީ މާއްޓޭ އެވެ.

"އެހެންވީމަ އެހާ ބޮޑަކަށް ވަކި ގަދަ ސްކޮޑަކާއެކު އެއް ނޫން، ދެން އަޅުގަނޑުގެ ފަހަތް [މާޒީ އަށް] ބަލާލާއިރު 13 ވަރަކަށް ތަށި ހޯދާފަ އެ ހުރީކީ ރާއްޖޭގެ ހުރިހާ މޮޅެތި މީހުން ލައިގެނެއް ނޫން،" ސުޒޭން ބުންޏެވެ. އެއީ އަޝްފާގާ އެކު އަޅުގަނޑު މަސައްކަތް ކުރީ އެންމެ އަހަރަކު އެ އަހަރު އެކަނި މާޒިޔާގަ އޭނާ އާއެކު މަސައްކަތް ކުރީ، އެހެން ނޫން ކަމަށްވަންޏާ އަޝްފާގާ އިދިކޮޅަށް ކުޅެގެން ތައްޓެއް ގެނައި ދިވެއްސަކު ނުޅޭނެ ކަންނޭނގެ އެހެންވީމަ އެއަށް ބަލާއިރު ތިގޮތަށް ބުނުން އެއީ އިންސާފު ވެރި ގޮތެއް ނޫން."

ވިކްޓަރީ އާއި މާޒިޔާގެ އިތުރުން، ކުރިން ބާއްވަމުން އައި ޒޯން ޗެމްޕިއަންސް ލީގްގައި ޅ. ހިންނަވަރު ހިރިޔާގެ ޓީމަށް ކޯޗް ކޮށްދީ ސުޒޭން ވަނީ އެ މުބާރާތް އެ ޓީމަށް ކާމިޔާބު ކޮށްދީފަ އެވެ.

ތިނަދޫގައި، ސުޒޭންގެ ޓާގެޓަކީ ޕްރިމިއާ ލީގްގެ ގަދަ ހަތަރަކަށް ވަނުމެވެ. އޭނާ ބުނީ ފުޓްބޯޅައިގެ ނަޒަރަކުން ބަލާއިރު އެއީ ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ފުޓްބޯޅައިގެ ޓާމްސްއަށް ބަލާއިރު، އެއީ އެހާ އުނދަގޫ ޓާގެޓެއް ކަމަށް ނުބެލެވޭނެ އަސްލު،" ސުޒޭން ބުންޏެވެ. "ތިނަދޫ ޓީމަށް ކުޑަކުޑަ އެފަޓޭއް ކުޑަ ކުޑަ މޯރަލް އެއް ކުޑަ ކުޑަ ބޫސްޓެއް ބޭނުން ވަނީ އޭގެ ތެރެއަށް ވަންނަން އެހެންވީމަ އެއަށް ބަލާއިރު ރީޗަބަލް ޓާގެޓެއް އެއީ ގަދަ ހަތަރެއް."

ޕްރިމިއާ ލީގްގައި ތިނަދޫ އޮތީ، 10 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގަ އެވެ.