ކުޅިވަރު

އޮފީސް ބަންދުކޮށް ބާސާގެ އޮފިޝަލުން މުޒާހަރާއަށް

Oct 3, 2017

ސްޕެއިންގެ ބާސެލޯނާ ސިޓީގައި ހުންނަ އެފްސީ ބާސެލޯނާގެ އޮފީސް ބަންދުކޮށް، އެ ޓީމުގެ އޮފިޝަލުން މިއަދު މުޒާހަރާއަށް ނިކުންނަން ތައްޔާރުވެއްޖެ އެވެ. ބާސާގެ އޮފިޝަލުން މުޒާހަރާ އަށް ނިކުންނަނީ، ބާސެލޯނާ ހިމެނޭ ސްޕެއިންގެ އުތުރު އިރުމަތީ ފަޅި ސްޕެއިންއިން ވަކިވެ ކެޓަލޯނިއާ ކިޔާ ގައުމެއް އުފެއްދުމަށް ނެގި ވޯޓަށް، ސްޕެއިންގެ ފުލުހުން ހުރަސް އެޅުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ބާސެލޯނާގެ ރައްޔިތުންނާއެކު ބާސާއިން ތިބިކަން ހާމަ ކުރުމަށެވެ.

ބާސެލޯނާގައި ހުންނަ ޑިމޮކްރަސީ ބިއުރޯއިން ބާއްވާ މުޒާހަރާގައި، ބާސާގެ އޮފިޝަލުން ބައިވެރިވާނެ ކަމަށް އެ ކުލަބުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވެއެވެ. ބާސާގެ ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ނިންމާފައި ވަނީ ބާސާގެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، ގައުމީ ޓީމުގެ ޑިޔުޓީގައި ނެތް ހުރުހާ ކުޅުންތެރިން ވެސް، މިއަދު ފުޓްބޯޅާއިގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވާ ގޮތަށެވެ.

އާދިއްތަ ދުވަހު ހިނގި ހަމަނުޖެހުން ތަކުގައި، 800 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފަ އެވެ. ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓަމައު ވިދާޅުވީ ކެޓަލޯނިއާ އޮތީ އުނދަގޫ ހާލަތެއްގައި ކަމަށާއި އެ ހާލަތުން އަރައިގަތުމަށް ހިކުމަތްތެރި ކަމާއެކު މުޅި ކެޓަލޯނިއާ އެކުގައި މަސައްކަތް ކުރާނެ ކަމަށެވެ.

ބާސާއަށް ނިސްބަތްވާ، ސްޕެއިންގެ ގައުމީ ޓީމުގެ ކުޅުންތެރިން މިހާރު ތިބީ ގައިމީ ޓީމުގެ ޑިޔުޓީ ގަ އެވެ. ބާސާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ޓީމާ ގުޅެން ދިއުމުން ބައެއް ސަޕޯޓަރުން ވަނީ ޕޯސްޓަރުތަކެއް ހިފައިގެން ތިބެ ޕީކޭއާ ދެކޮޅަށް ޝުއޫރު ފާޅު ކޮށްފަ އެވެ. ސަޕޯޓަރުންގެ ޕޯސްޓަރު ތަކުގައި ބުނެފައި ވަނީ ޓީމު ދޫކޮށް ދިއުމަށެވެ. ފަހުން ފުލުހުން އައިސް ވަނީ ޕޯސްޓަރުންތައް ގެންގޮސްފަ އެވެ.

އާދިއްތަ ދުވަހު ޕީކޭ ވަނީ ސްޕެއިންގެ ބޮޑު ވަޒީރު މަރިއާނޯ ރަހޯއަށް ފާޑު ކިޔާފަ އެވެ. އަދި، ފަހުން އޭނާ ބުނެފައި ވަނީ އޭނާ އަކީ ސްޕެއިންގެ ޓީމަށް އޮތް މައްސަލައެއް ކަމަށްވާނަމަ ގައުމީ ޓީމުން އެކަހެރި ވާން ތައްޔާރަށް ހުރި ކަމަށެވެ.