ކުޅިވަރު

ގައުމީ ވޮލީ ކޯޗަކަށް ކާއްޓޭ، އަމާޒަކީ ޓީމެއް ބިނާ ކުރުން

Oct 3, 2017

ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗަކަށް، ކުރިން ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ހުރި މުހައްމަދު ސާޖިދު (ކާއްޓޭ) ހަމަޖައްސައިފި އެވެ. ކާއްޓޭ ބުނީ އޭނާގެ އަމާޒަކީ ޓީމެއް ބިނާ ކުރުން ކަމަށެވެ.

ގައުމީ ޓީމަށް 14 ވަރަކަށް އަހަރު ކުޅުނު ކާއްޓޭ ބުނީ، ޓީމާ ހަވާލުވެ އެންމެ ފުރަތަމަ އިސްކން ދޭނީ ކުރިމަގަށް ޓީމު ބިނާ ކުރަން ޖެހޭ މަސައްކަތައް ކުރަން ކަމަށެވެ.

"މިހާރު ބައެއް ކުޅުންތެރިންނަށް ހީވެފަ އޮންނަނީ ގައުމީ ޓީމަށް ނުކުޅެފި ނަމަ، އެސޯސިއޭޝަނުން [ވީއޭއެމުން] ރާވާ މުބާރާތްތަކުގައި ނުކުޅެވިދާނެޔޭ، އެގޮތަށް ވިސްނައި އެ ޕްރެޝަރުގައި ގައުމީ ޓީމަށް އަންނަނީ، ނަމަވެސް އަޅުގަނޑު އެކަން ބަދަލު ކުރާނަން ގައުމީ ޓީމަށް ގެންނާނީ ޓީމަށް ކުޅޭ ހިތުން ކުޅޭ ކުޅުންތެރިން."

އޭނާ ބުނީ، ގައުމީ ޓީމަށް ކުޅެން ބޭނުންވާ ޒުވާން ކުޅުންތެރިޔަކު ހުރި ނަމަވެސް އެ ކުޅުންތެރިޔަކު ގެނެސް ގައުމީ ޓީމަށް އަންނަން އެ ކުޅުންތެރިންނަށް ބޭނުންވާ ކްރައިޓީރިއާ ފުރިހަމަ ކުރުމަށް އެހީތެރިވެ ދޭނޭ ކަމަށެވެ. ކާއްޓޭ އާއެކު ވީއޭއެމުން އެއްބަސްވުމެއް ހެދީ އަންނަ އަހަރުގެ ނިޔަލަށެވެ.

"އެ މުއްދަތުގައި އަޅުގަނޑު އެންމެ ބޮޑު ޓާގެޓަކީ މެޑަލެއް ނުވަތަ ތައްޓެއް ހޯދުމަށް ވުރެ ޓީމެއް ބިނާ ކުރަން، ޓީމެއް ބިނާ ކޮށްގެން ނޫނީ ކުރިމަގުގައި ކާމިޔާބެއް ނުލިބޭނެ،" ކުރިން ހިޒް ކުލަބަށާއި ވެލެންސިއާ އަދި ވިކްޓަރީގެ ވޮލީ ޓީމަށް ވެސް ކުޅުނު ކާއްޓޭ ބުންޏެވެ. "ތައްޓެއް ހޯދައިގެން ފަހަރެއްގައި ހިތްހަމަ ޖެހުން ލިބިދާނެ ނަމަވެސް އެންމެ މުހިންމު ކަމަކީ ދެމެހެއްޓެނިވި ގޮތުގައި ކާމިޔާބު ހޯދޭނެ ގޮތެއް އެއީ ޓީމެއް ބިނާ ކުރުން."

އޭނާ ބުނީ އަންނަ އަހަރު ރާއްޖެއިން ބޭރުގައި އޮންނަ ތިން މުބާރާތެއްގައި ރާއްޖެއިން ވާދަ ކުރާނެ ކަމަށާއި ޓީމުން ފުރުސަތު ދޭނީ ގަވައިދުން ޕްރެކްޓިހަށް ދާ ކުޅުންތެރިންނަށް ކަމަށެވެ.

"ވަކި މޮޅު ކުޅުންތެރިޔެކޭ ކިޔާފައި އެއްވެސް ކުޅުންތެރިޔަކު މުބާރާތަކަށް ނުގެންދާނަން ޓީމުގެ ޕްރެކްޓިހަށް ބަރާބަރަށް އަންނަ ކުޅުންތެރިންނަށް ފުރުސަތު ދޭނީ މައްސަލަ އެއް ނެތް ޒުވާން ކުޅުންތެރިޔަކަސް ގަވާއިދުން އަންނަޏާ އެ ކުޅުންތެރިޔަކު ގޮވައިގެން މުބާރާތަށް ދާނީ، އެހެން ނޫނީ މިކަން ރަނގަޅަކަށް ކުރިއަށް ނުގެންދެވޭނެ."

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފު ވިދާޅުވީ ކާއްޓޭއަށް ކޯޗުކަން ހަވާލު ކުރީ، ޓީމުގެ މިހާރު އޮތް ހާލަތުން ހުރިހާ ކުޅުންތެރިން ގޮވައިގެން އުޅެވޭނެ ކޯޗަކީ އޭނާ ކަމަށް ވާތީ ކަމަށެވެ.

"ރާއްޖޭގައި އެބަތިބި ވަރަށް މަޝްހޫރު ކޯޗުން، މިއީ އެ ކޯޗުންނަށް ބުނާ ދެރަ ބަހެއް ނޫން. އެކަމަކު މިވަގުތު ޓީމުގެ ކުޅުންތެރިން ގޮވައިގެން މިހާލަތުން ޓީމު ކޮޅަށް ޖެހޭނެ ދިވެހި ކޯޗަކަށް ފެނުނީ ކާއްޓޭ، އަދި ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ހުރީމަ ކުޅުންތެރިންވެސް މިވަގުތު އެންމެ ރަނގަޅަށް އެނގޭނެ ކޯޗަކަށް ވާނީ ކާއްޓޭ ކަމަށް އަޅުގަނޑު ދެކެނީ." ލަތީފު ވިދާޅުވި އެވެ.

ވީއޭއެމުން ވަނީ ގައުމީ ޓީމުގެ ފިޓްނަސް ޓްރެއިނާ އަކަށް، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މެނޭޖަރު މުހައްމަދު ހާނިމް ހަމަޖައްސާފަ އެވެ. ޓީމުގެ އެސިސްޓެންޓް ކޯޗުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ދިވެހި ސިފައިންގެ ކުލަބުގެ ކޯޗް މުމްތާޒް އަލީ އަދި ޕޮލިސް ކްލަބްގެ ކޯޗު ހާލިދު މުހައްމަދެވެ. ޓީމުގެ ކިޓް މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ އިސްމާއީލް ސަމާހް އެވެ.