ހަބަރު

ސިއްހީ ދާއިރާގެ ދިރާސާ ހަދާ ފަރާތްތަކަށް އިނާމު ދެނީ

ސިއްހީ ދާއިރާ އަށް އެކި ގޮތްގޮތުން ދިރާސާ ކޮށްދީ އެ ދާއިރާ އަށް އެހީތެރިވާފަދަ ރިސާޗްތައް ހަދާ ފަރާތްތަކުގެ އަގުވަޒަންްކޮށް ހިތްވަރު ދިނުމުގެ ގޮތުން އިނާމް ދިނުމަށް ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބުދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

ސިއްހީ ދިރާސާގެ ގައުމީ ސިޔާސަތާއި މޯލްޑިވްސް ހެލްތް ރީސާޗް ބްލެޓިން ހަތަރެއް އިފްތިތާހް ކުރުމުގެ ގޮތުން ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވީ، ހެލްތް މިނިސްޓްރީން ކޮންމެ އަހަރަކުވެސް ހެލްތް ދާއިރާއަށް އެކި ގޮތްގޮތުން ހިދުމަތް ކޮށްދެއްވާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން އެފަރާތްތަކަށް އަގުވަޒަން ކުރުމުގެ އިނާމް ދެއްވާ ކަމަށެވެ. އަދި މިނިސްޓްރީން އިއްޔެ ނިންމާފައިވަނީ އަންނަ އަހަރުގެ ސިއްހީ ދުވަހު މި ދާއިރާއަށް އެކި ގޮތްގޮތުން ދިރާސާ ކޮށްދީ އެ ދާއިރާއަށް އެހީތެރިވާ ފަދަ ރިސާޗްތައް ހަދާ ފަރާތްތަކަށް އަގުވަޒަންް ކުރުމުގެ އިނާމެއް ދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި އަންނަ އަހަރުން ފެށިގެން ދުނިޔޭގެ ސިއްހަތު ދުވަހު، ސިއްހީ ދާއިރާއަށް ކޮންޓްރިބިއުޓްކުރާ އަދި ގަބޫލު ކުރާ ފެންވަރަކަށް ހެދޭ ރީސަޗްތަކުގެ އަގު ވަޒަން ކޮށް އިނާމް ދިނުންމަށް މިނިސްޓްރީން އިއްޔެ ވަނީ ނިންމާފަ،" މިނިސްޓަރު ވިދާޅުވި އެވެ.

ސިއްހީ ދިރާސާގެ ގައުމީ ސިޔާސަތާއި މޯލްޑިވްސް ހެލްތް ރީސާޗް ބްލެޓިން ހަތަރެއް ނެރެދެއްވީ، ހެލްތް މިނިސްޓަރު ނާޒިމާއި ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބް އަރްވިން މާތުރް އެވެ.

މިނިސްޓަރު ވިދާޅުވީ، ސިއްހީ ދާއިރާގެ ތަފާތު ގޮންޖެހުންތަކުން އަރައިގަތުމަށް ރިސާޗް ހެދުމަކީ މުހިންމު ކަމެއް ކަމަށާއި ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި ކަން ކުރަނީ އެގޮތަށް ކަމަށެވެ. އަދި ސިއްހީ ދާއިރާގެ ރީސާޗް އަކީ ގޮންޖެހުންތައް ބޮޑު ދާއިރާއެއް ކަމަށާއި މިއަދު އިފްތިތާހު ކުރެވުނު ސިޔާސަތުގެ ސަބަބުން ރިސާޗް ހެދުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސިއްހީ ދާއިރާގެ ރިސާޗްއަކީ އޭގައި ގޮންޖެހުންތައް ބޮޑު ދާއިރާއެއް، ދިރޭތަކެއްޗާއި މީހުން ބޭނުން ކޮށްގެން ސިއްހީ ދާއިރާގެ ރީސާޗްތައް ގިނައީ، އެހެން ކަމުން އޭގައި ބަލަން ޖެހޭ މިންގަނޑުތަކެއް އަދި ހިފަހައްޓަން ޖެހޭ އެތިކްސްތަކެެއް އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ސިއްހީ ދިރާސާގެ ދާއިރާ ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހޭ ކަމަށާއި އެގޮތުން މި ދާއިރާ އަށް ގިނަ ބަޔަކު ޝައުގްވެރިކުރުވައި ތަމްރީނުކުރުމަށް ފަންޑް ހޯދަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ، ދިރާސާ ކުރުމުގެ ދާއިރާ އަކީ ވަރަށް ގިނަ ވަގިތު ހޭދަވެ އެކަމަށް ވަރަށް ބޮޑު ހަރަދެއް ކުރަންޖެހޭ ކަމެއް ކަމަށާއި ހާއްސަކޮށް ހެލްތް ދާއިރާގެ ރިސާޗް ތަކަކީ ވަގުތު ހޭދަވާ އަދި އެކަމަށް ވަރަށް ބޮޑު ހަރަދެއް ކުރަން ޖެހޭ ދާއިރާ އެއް ކަމަށެވެ.

ރަސްމިއްޔާތުގައި މާތުރް ވިދާޅުވީ، ރާއްޖެއަކީ ބަލި ނައްތާލުމުގައި ނަމޫނާ ދައްކަމުން އަންނަ ގައުމެއް ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖެއަކީ ސައުތް އީސްޓް އޭޝިއާގެ ގައުމުތަކުގެ ތެރޭގައި ހިމެނޭ ކުދި ގައުމުތަކުގެ ތެރެއިން ޕޮލިސީ އަދި ސްޓްރެޓެޖީއެއް ހެލްތް ރީސާޗްގައި ލައުންޗްކުރި ފުރަތަމަ ގައުމު ކަމަށެވެ.

މި ރަސްމިއްޔާތުގައި މާތުރު ވަނީ ޑަބްލިއުއެޗްއޯގެ ފަރާތުން ސައުތް އީސްޓް އޭޝިއާ ޕަބްލިކް ހެލްތްގައި ލޯންޗްކުރި އޮޑިޓޯރިއަލް މިނިސްޓަރު ނާޒިމަށް އަރުވާފަ އެވެ. އެ އޮޑިޓޯރިއަލް ގައި ކްލައިމެޓް ޗޭންޖް އިން މޯލްޑިވްސްގެ ކޮލަމެއް ހިމެނެ އެވެ. އެ ކޮލަމް ލިއުއްވީ އަރުވިން މާތުރެވެ.