ކުޅިވަރު

ބޭލްއަށް އަނިޔާވެ ފަހު ދެ މެޗުން ފުރުސަތު ގެއްލިއްޖެ

Oct 3, 2017

ރެއާލް މެޑްރިޑްގެ ފޯވަޑް، ވޭލްސްގެ ގެރެތު ބޭލްގެ ކުޑަ ކަޅުވާ މަސް ގަނޑަށް އަނިޔާވެ، ވޯލްޑް ކަޕް ކޮލިފައިންގެ ފަހު ދެ މެޗުން ފުރުސަތު ގެއްލިއްޖެ އެވެ.

ބޭލް އަށް އަނިޔާވީ ޗެމްޕިއަންސް ލީގްގައި، ބުރޫޝިއާ ޑޯޓަމުންޑާ ދެކޮޅަށް، ރެއާލް ކުޅުނު މެޗަށް ފަހު އެވެ. އޭގެ ފަހުން ރެއާލްގެ ފަރިތަކުރުން ތަކުގައި އޭނާ ބައިވެރި ވެފައެއް ނުވެ އެވެ. އަދި، ސްޕެނިޝް ލީގްގައި ރެއާލް، އެސްޕަނޯލްއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ބޭލް އަށް ފުރުސަތު ދީފަ އެއް ނުވެ އެވެ.

އޭގެ ފަހުން، އޭނާ ވަނީ، ވޭލްސްގެ ފަރިތަ ކުރުން ތަކުގައި ބައިވެރިވާން ޓީމުގެ ކޭމްޕާ ގުޅިފަ އެވެ. ނަމަވެސް، މިއަދު ހެދި ޓެސްޓްތަކަށް ފަހު، އޭނާ ވަނީ ޓީމުން ވަކި ވެފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ޔޫރޯ ޒޯންގެ ގުރޫޕް 'ޑީ' ގައި، ވޭލްސް އޮތީ އެއް ވަނައިގައި އޮތް ސާބިއާއަށް ވުރެ، ހަތަރު ޕޮއިންޓް މަދުން ލިބިގެން ތާވަލުގެ ދެ ވަނައިގަ އެވެ. ކޮލިފައިންގައި އަންނަ ހުކުރު ދުވަހު ވޭލްސް ނިކުންނާނީ ޖޯޖިއާ އާ ދެކޮޅަށެވެ. އޭގެ ތިން ދުވަސް ފަހުން، ވެރިރަށް ކާޑިފްގައި، ކޮލިފައިންގެ ފަހު މެޗުގައި، އެ ޓީމު ނިކުންނާނީ ރިޕަބްލިކް އޮފް އަޔަލެންޑާ ދެކޮޅަށެވެ.

މިދިޔަ އަހަރު، ފްރާންސްގައި ބޭއްވި، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ވޭލްސް ގެންގޮސް ދިނުމުގައި، ބޭލް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ނަމަވެސް އޭގެ ފަހުން، ގިނަ މުއްދަތެއް އޭނާ ވަނީ އަނިޔާގައި ހޭދަ ކޮށްފަ އެވެ.

ބޭލްގެ ބަދަލުގައި ސްކޯޑުން ފުރުސަތު ދޭނެ ކަމަށް ބެލެވެނީ ލިވަޕޫލްގެ ޒުވާން ކުޅުންތެރިޔާ ބެން ވުޑް ބާން އަށެވެ.