ރާއްޖޭގެ ވޮލީގައި އެންމެ ކާމިޔާބު ކުޅުންތެރިއަކީ ނިޒާރު އިބްރާހިމް ކަމާމެދު ދެބަސްވެވޭކަށް ނެތެވެ. ރާއްޖޭގެ ވޮލީގެ އެންމެ މަތީ ފަންތީގައި 22 އަހަރު ކުޅުމަށް ފަހު، މިދިޔަ އަހަރު ނިޒާރު ކުޅުން ހުއްޓާލިއިރު އޭނާ ކްލަބުތަކުގައި އަދި އަމިއްލަ ގޮތުގައި ހޯދި ކާމިޔާބީތަކުގެ ލިސްޓު ވަރަށް ވެސް ދިގެވެ.
ކުޅުން ހުއްޓާލުމުގެ ކުރިން ވެސް ކޯޗިންގެ ތެރެއަށް ވަދެ، ނިޒާރު އަމާޒުހިފީ ކުޅުންތެރިއެއްގެ ގޮތުގައި ހޯދި ފެންވަރުގެ ކާމިޔާބީތަކެއް ކޯޗެއްގެ ގޮތުގައި ހޯދުމަށެވެ. ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލްގައި ރޭ ދިވެހި ސިފައިންގެ ކްލަބް އަތުން މޮޅުވެ، ޕޮލިސް ޖެހެޖެހިގެން ދެވަނަ ފަރަހަށް ގައުމީ ތަށި ހޯދީ ނިޒާރުގެ އިރުޝާދުގެ ދަށުންނެވެ. މިއީ ނިޒާރު ފަހުރުވެރިވާ ކާމިޔާބެކެވެ.
މިދިޔަ އަހަރު ގައުމީ ވޮލީބޯޅަ މުބާރާތް ޕޮލިސް ކާމިޔާބުކުރިއިރު ވެސް އެ ޓީމުގެ ކޯޗަކީ ނިޒާރެވެ. އެކަމަކު މިދިޔަ އަހަރު ކޯޗެއްގެ ގޮތުގައި ހުރެ އޭނާ އެ ޓީމަށް ކުޅުނެވެ. ކުޅުން ހުއްޓާލީ ގައުމީ މުބާރާތް މިދިޔަ އަހަރު ކާމިޔާބުކުރުމަށް ފަހު އެވެ. މިއީ ކޯޗިންނަށް ނިޒާރު ހުސްވި ފަހުން، އޭނާ އަށް ލިބުނު ފުރަތަމަ ތައްޓެވެ.
"މިދިޔަ އަހަރު ދެން ކުޅުންތެރިއެއްގެ ގޮތުގައި ހުރެގެން ކޯޗުކޮށްދިނީ. އެކަމަކު މި ފަހަރު މިއީ ސީދާ ކޯޗެއްގެ ގޮތުގައި ހުރެ، ހުރިހާ ޓްރެއިނިންތައް ވެސް ކުރިއަށް ގެންގޮސްގެން ލިބުނު ފުރަތަމަ ތަށި. މިއީ ވަރަށް ބޮޑު ކާމިޔާބެއް،" ނިޒާރު ،45، ބުންޏެވެ. "ކުޅުންތެރިއެއްގެ ގޮތުގައި ވަރަށް ގިނަ ކާމިޔާބީތަކެއް ލިބިއްޖެ. ގައުމީ ތަށި ވެސް ގިނަ ފަހަރަކު ލިބިއްޖެ. އެކަމަކު މި ފަހަރު މި ލިބުނީ ވެސް ހަމަ ފާހަގަކޮށްލެވޭ ކާމިޔާބެއް."
ގައުމީ ފެންވަރުގައި 2001 ވަނަ އަހަރު ފެށިގެން ކުޅެމުން އަންނަ ނިޒާރު ވަނީ ކްލަބު ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ނިޒާރަކީ ހަވީރުން ހޮވާ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެންމެ ގިނަ ފަހަރު ހޯދި ކުޅުންތެރިޔާ އެވެ. ނިޒާރު ވަނީ ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިއާގެ މަގާމު 2001، 2003، 2004 އަދި 2007 ވަނަ އަހަރު ހޯދައިފަ އެވެ.
ރާއްޖޭގެ ގައުމީ ޓީމަށް 1999 ވަނަ އަހަރު ކުޅެން ފަށައި، ނިޒާރު ވަނީ 2008 ވަނަ އަހަރާ ހަމައަށް ގައުމީ ޓީމަށް ކުޅެފަ އެވެ. ގައުމީ ޓީމަށް ކުޅެން ފެށީއްސުރެ މަދު ފަހަރެއްގައި މެނުވީ ޓީމުގައި ހިމެނިގެން އޭނާ ވަނީ މޮޅަށް ކުޅެފަ އެވެ.
ނިޒާރު ބުނީ ޕޮލިހަށް ގައުމީ ތަށި ޖެހިޖެހިގެން ދެވަނަ ފަހަރަށް ލިބުނީ މުޅި ޓީމުގެ މަސައްކަތުން ކަމަށެވެ.
"މިއީ ހަމަ މުޅި ޓީމުން ކުރި މަސައްކަތާއި މާތްﷲގެ ރަހުމަތްފުޅުން ޕޮލހަށް ލިބުނު ކާމިޔާބެއް،" ނިޒާރު ބުންޏެވެ. "އެކަމަކު މިއީ ފަސް ސެޓަށް ދާންޖެހޭ މެޗެއް ކަމަށް ގަބޫލެއް ނުކުރަން. އަސްލު މި ހިސާބަށް ދިޔައީ ޕޮލިހަށް މެޗު ފަސޭހަކޮށްލެވުނީމަ."
މި އަހަރުގެ ވޮލީބޯޅަ ސީޒަންގެ ފަހު މުބާރާތް ކަމަށްވާ ގައުމީ މުބާރާތް ޕޮލިސް ކާމިޔާބުކުރިއިރު، ގައުމީ ލީގާއި އެސޯސިއޭޝަން ކަޕް ކާމިޔާބުކުރީ ސިފައިންނެވެ.
"އަޅުގަނޑުމެން މި އަހަރަށް ނުކުތީ ހަމައެކަނި ގައުމީ ތައްޓަކަށް ނޫން. އެކަމަކު ކަންތައްތައް ދިމާވި ގޮތުން އަޅުގަނޑުމެންނަށް ފުރަތަމަ ދެ މުބާރާތް ގެއްލުނީ. ޓީމު ހަމައަކަށް މި އެޅުނީ ސީޒަންގެ ފަހު ކޮޅަށް. އެ މުބާރާތް މި ކާމިޔާބުކުރެވުނީ،" ނިޒާރު ބުންޏެވެ.
ދެހާސް ބާރަ ވަނަ އަހަރު ޕޮލިހުގެ ކޯޗުކަމާ ހަވާލުވި ނިޒާރު ބުނީ އަންނަ އަހަރު އެ ޓީމުގެ ކޯޗުގެ މަގާމުން ފެންނާނެ ކަމާމެދު އެއްޗެއް ބުނަން އަދި ނޭނގޭ ކަމަށެވެ.
"މި ހިސާބުން ޕޮލިސްގެ ބައި މި ނިމުނީ. ދެން އަންނަ އަހަރާމެދު ނޭނގެ ވަކި އެއްޗެއް ބުނާކަށް،" ނިޒާރު ބުންޏެވެ.