ވިޔަފާރި

ސަފާރީއަށް ލިބުނު ގެއްލުން ވަރަށް ބޮޑުވާނެ: ވެރިފަރާތް

ބ. އަތޮޅު ދިގުފަރު ފަރަށް ލައްވެފައިވާ "ސޮލެއިލް" އަށް ދިޔަވަމުންދާ ކަމަށާއި، ލިބުނު ގެއްލުމުގެ އަގު ވަރަށް ބޮޑުވާނެ ކަމަށް ވެރި ފަރާތުން އަންދާޒާކޮށްފި އެވެ.

"ސޮލެއިލް" ސަފާރީގެ ވެރިޔާ، އިބްރާހިމް ޝާހިދު އަވަސްއަށް ވިދާޅުވީ، ސަފާރީ ފަރަށް ލައްވީ، ނަގިލި ލައިގެން ތިއްބައި، ކޮޅިގަނޑެއްގައި ކަހާލައިގެން ކަމަށެވެ.

"ފަރަށް އެރީއެއް ނޫން. ނަގިލި ކަހާލައިގެން ގޮސް ލައްވީ. ރޭ ގާތްގަނޑަކަށް ފަހެއް ޖަހާ އެހާކަންހާއިރު ޑިއުޓީގައި ހުރި ކުއްޖާ ގުޅާފައި އަޅުގަނޑު ކައިރީ ބުނީ ސަފާރީ އަރަފައިފިއޭ. އޭނަވެސް ޑިއުޓީގައި ހުއްޓާ ބޯޓު ފަހަތަށް ޖެހޭހެން ހީވެގެން ބަލައިލިއިރު އޮތީ އަރާފަ،" އިތުރު ދެ ސަފާރީއެއް ދުއްވާ ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަފާރީއަށް ލިބުނީ ސީދާ ކިހާވަރެއްގެ ގެއްލުމެއް ކަމެއް މިވަގުތު ބުނަން ދަތި ކަމަށާއި، ނަމަވެސް އިންޖީނާއި ޖަނަރޭޓަރު އޮތީ ފެނު އަޑީގައި ކަމަށެވެ. މި ސަފާރީއަކީ އިންޝުއަރެންސް ކޮށްފައިވާ އުޅަނދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަފާރީގައި ޑައިވިން ދޯނި ވެސް ބަނދެފައި އޮތީ. މިހެންވެ ސަފާރީ އެރި ވަގުތު ދޯނި ޖަހައިގެން އުޅެނިކޮށް އެވެސް އެރި. އެކަމަކު މިހާރު ޑައިވިން ދޯނި ފުން ވެއްޖެ ނަސީބަކުން،" ޝާހިދު ވިދާޅުވި އެވެ.

"މިހާރު މަސައްކަތް ކުރަމުން މިދަނީ ފޫގޮސްފައި ހުރި ތަން ބަންދު ކުރެވޭތޯ. އެހެން ހަދަނީ ސަފާރި އެއްޗެއްގައި ޖަހައިގެން ފުންކޮށްފިނަމަ އެއްކޮށް އަޑިއަށްދާނެ. އޭރުން ލިބޭ ގެއްލުން މާބޮޑުވާނެ."

"ސޮލެއިލް" ސަފާރީ އެރިއިރު އޭގައި ޓޫރިސްޓުންވެސް ތިއްބެވެ. ނަމަވެސް ސަފާރީގައި ތިބި ޓޫރިސްޓުން ވަނީ ސަފާރީގެ ވެރިފަރާތުން ރޯޔަލް އައިލެންޑް ރިސޯޓަށް ގެންގޮސްފަ އެވެ. އަދި ފަރަށް އެރުމާއި ގުޅިގެން ސަފާރީއަށް ދިޔަވަމުންދާތީވެ ފެން ހިއްކާ ދެ ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ. އަދި ކޯސްޓްގާޑުގެ ޑައިވިން ޓީމުން މި ސަފާރީގެ ބަނޑުފިލާ ފަޅައިގެން ގޮސްފައިވާ ތަން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި 150 އަށްވުރެ ގިނަ ސަފާރީ ދުއްވާއިރު ސަފާރީތަކަށް ބަނދަރެއް ނެތުމުން ގިނަ ހާދިސާތައް ހިނގާފައިވެ އެވެ.