ވިޔަފާރި

އެއާޕޯޓުގެ ބިޔަ މަޝްރޫއު ބޭރުގެ ޗެނަލްތަކަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު ބޭރުގެ މަޝްހޫރު ޗެނަލްތަކުގައި ދެއްކޭ ގޮތަށް، މަންޒަރުތައް ނަގައި އެ މަޝްރޫއާ ގުޅޭ ޑޮކިއުމެންޓްރީތައް ތައްޔާރު ކުރަން ފަށައިފި އެވެ. މި ޑޮކިއުމެންޓްރީތައް ދުނިޔޭގެ މަޝްހޫރު ބޮޑެތި ހުރިހާ ޗެނަލްތަކަށް ގެންދާނެ އެވެ.

ވީއައިއޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްނެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ ބޭރުގެ ޗެނަލްތަކުގައި ދެއްކޭ ފެންވަރަށް މި މަޝްރޫއުގެ ޑޮމިއުމެންޓްރީ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ޑޮކިއުމެންޓްރީ ހަދަނީ ބޭރުގެ ބޮޑެތި ޗެނަލްތަކުގައި ދެއްކޭ ފެންވަރަށް،" އާދިލް ވިދާޅުވި އެވެ.

ވީއައިއޭ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، މިހާރުވެސް ޑޮކިއުމެންޓްރީ ހެދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއަކީ ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ އެންމެ ބިޔަ އެއް މަޝްރޫއެެވެ. މި މަޝްރޫއުގެ އަގު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. މި މަޝްރޫއުގެ ދަށުން މުޅިންއާ ޕެސެންޖަރު ޓާމިނަލަކާއި އާ ރަންވޭ އަދި ކާގޯ ޓާމިނަލްގެ އިތުރުން ތެޔޮ ރައްކާ ކުރާނެ ވަސީލަތްތައް ގާއިމް ކުރާނެ އެވެ. މިގޮތުން އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަނީ ސައޫދީ ބިންލާދިން ގްރޫޕުން 300 މިލިއަން ޑޮލަރަށެވެ. ގާތްގަނޑަކަށް 80،000 އަކަ މީޓަރު ބޮޑު އޭރިއާއެއްގައި އަޅާ މިތަން ތަރައްގީ ކުރަނީ ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.

އާ އިންޓަނޭޝަނަލް ޓާމިނަލް

* ޓާމިނަލްގައި 40 ޑީޕާޗާ ގޭޓް
* 38 އިމިގްރޭޝަން ކައުންޓަރު
* ޒަމާނީ ފެންވަރަށް ހަދައި ހިޔާކޮށްފައިވާ 12 ޖެޓީ
* ހަ އެއިރޯ ބްރިޖް، ހަތަރު ބްރިޖަށް ބޮޑު ކުރެވޭނެ
* ޒަމާނީ ބެގޭޖް ސްކްރީނިން އަދި ބެގެޖް ސާވިސް ބެލްޓްތައް
* ހައި އޮކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމް
* ފިއުލް ހައިޑްރެންޓް ސިސްޓަމް

ވީއައިއޭގައި އަޅާ އާ ރަންވޭގެ މަސައްކަތް ކުރަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެންނެވެ. އާ ރަންވޭ އަށް 400 މިލިއަން ޑޮލަރު ހޭދަވާނެ އެވެ. އަދި މީގެތެރެއިން 373 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވަނީ ޗައިނާގެ ލޯނު އެހީގެ ދަށުންނެވެ. މި މަސައްކަތް ކުރަނީ ގަލްފް ކޮބްލާ ކުންފުނިންނެވެ. އާ ރަންވޭ ވެސް މިހާރު ވަނީ ތާރު އެޅުމުގެ މަސައްކަތް ފަށާނެ އެވެ. މި މަސައްކަތާއެކު އެއާޕޯޓު އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.